ޔަހޫދީ ޢިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް ޙަމަލާދޭ ޓެރަރިސްޓް އިސްރާއީލުގެ ވަޒަންވެރިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ތާއީދުކުރައްވާ ކަމަށް ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ރައީސާ އުރުސުލާ ފޮންޑެ ލަޔަން ވިދާޅުވެއްޖެއެވެ.

"ހައްދުފަހަނަޅާފައިވާ ވަޒަންވެރިންގެ އަނިޔާވެރިކަން އިތުރުވުމަކީ ފަލަސްޠީނު މީހުން އިންތިހާއަށް ތަކުލީފު އުފުލަމުންދާ ކަމެއް. އެއީ ސަރަޙައްދީ ނުތަނަވަސްކަން އިތުރަށް ގޯސްވެދާނެ ކަމެއް،" އުރުސުލާ ވިދާޅުވިއެވެ.

އަދި، އެ ޙަމަލާތަކަށް ޒިންމާވާ މީހުންނަށް ފިޔަވަޅު އެޅުމަށް ތާޢީދު ކުރާ ކަމަށާއި އެއީ ޙަމާސް ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވެސް އުރުސުލާ ވިދާޅުވިއެވެ.

އުރުސުލާ އެގޮތަށް ވިދާޅުވެފައިވަނީ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް ވިލާތު އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެފައިވަނިކޮށެވެ.

ވިލާތު އިއްތިހާދުން އެ ފިޔަވަޅު އަޅަން ގޮވައިލައިފައިވަނީ ހުޅަނގު އައްސޭރީގައި ހިނގަމުންދާ އަނިޔާވެރިކަމަށް ޒިންމާވާ ވަޒަންވެރިވެރިންނަށް ވިސާ ދިނުމަށް ދެކޮޅު ހަދާނެ ކަމަށް މިދިޔަ ހަފުތާގައި އެމެރިކާއިން ވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އދ ގެ ހިސާބުތަކުން ދައްކާ ގޮތުގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންނަށް ޢިސްރާއީލުގެ ވަޒަންވެރިންދޭ ޙަމަލާތައް ޢިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ހަނގުރާމަ ފެށި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކުރިން 1967 ވަނަ އަހަރު އިސްރާއީލުން ހުޅަނގު އައްސޭރި ހިފި ފަހުން މައިގަނޑު ގޮތެއްގައި ރަޝިޔާ، އެމެރިކާ އަދި ފަރަންސޭސިވިލާތް ފަދަ ޤައުމުތަކުން 700،000 އެއްހާ ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައެވެ. ޢިސްރާއީލު ސިފައިން އަންނަނީ އެ މީހުންނަށް ޙިމާޔަތް ވެސް ދެމުންނެވެ.

ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކުގައި ޢިސްރާއީލު މީހުން ވަޒަންވެރިވުމަކީ ޤާނޫނީ ޚިލާފު ކަމެއް ކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ބުނެއެވެ.