ފަލަސްޠީނުގެ ޣައްޒާއަށް މެދުކެނޑުމެއްނެތި ޢިސްރާއީލުން ދޭ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ދުނިޔޭގައި ޢިސްރާއީލަށް ތާޢީދު ގެއްލެމުންދާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން އިތުރަށް ވިދާޅުވީ ޢިސްރާއީލް ސަރުކާރުގެ ހަރުކަށި ކެބިނެޓް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމާމެދު ޢިސްރާއީލަށް ނޫނެކޭ ނުބުނެވޭނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން އެ ގޮތަށް ވިދާޅުވީ 2024 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ތާޢީދު ހޯދުމުގެ ގޮތުން ބޭއްވި ކެމްޕޭންގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއީ ޢިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫއަށް ފާޑުވިދާޅުވެ މިހާ ބޮޑަށް ބައިޑެން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ބައިޑެން އެ މޭރުމުން ވާހަކަފުޅު ދައްކަވައިފައިވާއިރު، އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ އެޑްވައިޒަރު ޖޭކް ސުލިވިއަން އަންނަނީ ޢިސްރާއީލުގެ ހަނގުރާމައާބެހޭ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ޢިސްރާއީލަށް ވަޑައިގަންނަވަން ތައްޔާރުވަމުންނެވެ.

ބައިޑެން އެގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތް ނައްތާލުމުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވަނިކޮށެވެ.

"ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ފުރުޞަތު އެބައޮތް. އެ ގުޅުން ރަގަޅު ކުރުމަށް ނަތަންޔާހޫ ފިޔަވަޅުތަކެއް އަޅަން ޖެހޭ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނޫނެކޭ ނުބުނެވޭނެ." ބައިޑެން ވިދާޅުވިއެވެ.

ބައިޑެން އެގޮތަށް ވާހަކަފުޅު ދެއްކެވި ނަމަވެސް ޢިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ދިނުމުގައި އެމެރިކާއިން އަންނަނީ އަސްކަރީ އަދި މާލީ ގޮތުންވެސް ޢިސްރާއީލަށް ވާގިވެރިވަމުންނެވެ.

ޢިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވައިލައި އދ ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހަފުތާ ހުށަހެޅި ޤަރާރަށްވެސް އެމެރިކާއިން ވަނީ ހުރަސް އަޅައިފައެވެ.