އެމޭޒަންގެ މަޝްހޫރު އޮންލައިން ޑާޓާ ބޭސް ކަމަށްވާ އައިއެމްޑީބީއިން ކުރި ސާވޭއަކުން ދައްކާގޮތުގައި ނިމިދިޔަ ހަފުތާގައި އެންމެ މަގުބޫލު އިންޑިއަން ސެލެބްރިޓީއަކަށް ހޮވިފައި ވަނީ ޒުވާން ބަތަލާ ތްރިޕްތީ ދިމްރީއެވެ.

ބަތަލާ ތްރިޕްތީ ދިމްރީ އަކީ ދާދިފަހުން ރިލީޒްވި ފިލްމު "އެނިމަލް"އިން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާއެކެވެ. އެކްޓަރު ރަންބީރު ކަޕޫރާ ތްރިޕްތީގެ އޮން ސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސް އެއް ދުވަސްތެރޭ ބަތަލާގެ އިންސްޓަގްރާމް އެކައުންޓުގެ ފޮލޯވާސްގެ ޢަދަދު ވެސް އެތައް މިލިއަނަކަށް އެރިއެވެ.

ޢުމުރުން 29 އަހަރުގެ ތްރިޕްތީ ފިލްމީ ދާއިރާއަށް ތަޢާރަފުވީ 2017ވަނަ އަހަރު ނަމަވެސް އޭނާ ލީޑު ރޯލު ކުޅުނު ފިލްމެއް ސިނަމާތަކަށް އައީ 2018ވަނަ އަހަރުއެވެ. އެއީ، އެކްޓަރު އަވީނާޝް ތިވާރީއާ އެކު ކުޅުނު ލޯބީގެ ފިލްމު "ލައިލާ މަޖްނޫން"އެވެ.

ތްރިޕްތީގެ އެކްޓިންގް ހުނަރު ބަތަލާ އަނުޝްކާ ޝަރުމާގެ ސަމާލުކަމަށް އައިސް އަނުޝްކާގެ ފިލްމު ކުންފުނިން ގެނެސްދިން ބިރުވެރި ފިލްމު "ބުލް ބުލް"އިން ބަތަލާއަށް ފުރުސަތު ދިނެވެ. މި ފިލްމަށްފަހު ތްރިޕްތީގެ މަގުބޫލުކަން ދިޔައީ ބެލުންތެރިންގެ މެދުގައި އިތުރު ވަމުންނެވެ.

ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ތްރިޕްތީ ބުނީ ފިލްމީ ދާއިރާއަށް ނުކުތުމަކީ ކުރިން އެއްވެސް ވަރަކަށް ވިސްނިކަމެއް ނޫން ކަމަށެވެ. އެހެންވެ، ފިލްމީ ދާއިރާއާ ގުޅެން ނިންމި ނިންމުމާ އެކު ބަތަލާގެ މައިންބަފައިންނަށް ވެސް ވަރަށް ބޮޑު ހައިރާންކަމެއް ގެނުވި ކަމަށް އޭޏާ ބުންނެވެ.

ތްރިޕްތީ ފިލްމު "ބުލް ބުލް"ގެ މަންޒަރެއްގައި
ތްރިޕްތީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލާ އެކު ކުޅޭ "މޭރޭ މެހެބޫބް މޭރޭ ސަނަމް" އަދި ރާޖް ކުމާރު ރާއޯއާ އެކު ކުޅޭ ފިލްމު "ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ" ހިމެނެއެވެ.

ފިލްމު "ބުލްބުލް"އިން 2020 ވަނަ އަހަރު އެންމެ މޮޅު ބަތަލާގެ އެވޯޑް ވެބް ސީރީސްތަކުން ހޯދި ތްރިޕްތީގެ ކެރިއަރުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ފިލްމު އެނަލިސްޓުން ވަނީ ބުނެފައެވެ.