23 May 2012, 22:54
ސިފައިންނަށް ސިއްހީ ހިދުމަތް ދިނުމަށް ތަރައްގީ ކުރި މަރުކަޒު، އަސްކަރީ ހޮސްޕިޓަލުން ފުލުހުނަށާއި އެ ދެ މުއައްސަސާގެ އާއިލާތަކަށް ހިދުމަތް ލިބޭ ގޮތަށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
މާލޭގެ އެހެން ހޮސްޕިޓަލުތަކޭ އެއް ފެންވަރަށް ތަރައްގީކޮށް އެ ހޮސްޕިޓަލުތަކުން ދޭ ސިއްހީ ހުރިހާ ހިދުމަތްތަކެއް ދެވޭ މި މަރުކަޒު، އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ހިދުމަތް މިއަދު ހަވީރު ފައްޓަވައި ދެއްވެވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިންފައިގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އިންޑިޔާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތުގައި ތަރައްގީ ކުރި ސިއްހީ މަރުކަޒުގެ ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު އެ މަރުކަޒުގައި ދެވޭ ސިއްހީ ޚިދުމަތްތަކުގެ މައުލޫމާތު އޮޅުން ފިލުވައި ބަލި މީހުން ބަލާ ކޮޓަރިތަކާއި ވޯޑްތަކާއި ތަހުލީލުކުރާ ކޮޓަރިތަކާއި އައިސީޔޫގެ އިތުރުން ޕްރައިވެޓް ކޮޓަރިތަކާއި އެކްސްރޭ ފަދަ ހާއްސަ ޚިދުމަތްދޭ ތަންތަން ރައީސް ވަހީދު ބައްލަވައިލެއްވި އެވެ.
އެމްބިއުލާންސް ފަދަ ވެހިކަލްތައް ވެސް ހިމެނޭޭ މި މަރުކަޒުގެ ހިދުމަތް މިއަދު ފެށީ ނުރަސްމީކޮށެވެ. އެމްއެންޑީއެފުން ބުނީ މަރުކަޒު ރަސްމީކޮށް ހުޅުވާ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި ބުނީ މިއަދު ހިދުމަތް ފެށުމާއެކު ސިފައިނާއި ފުލުހުންގެ އިތުރުން އެ ދެ މުއައްސަސާގެ މުވައްޒަފުންނަށް ނިސްބަތްވާ އާއިލާތަކަށް އެ މަރުކަޒުން ހިދުމަތް ދޭނެ ކަމަށެވެ.
މި މަރުކަޒުގައި ބަލިމީހުންނަށް ހާއްސަކޮށްފައިވާ އެނދުގެ އަދަދާއި އެހެން ހިދުމަތްތަކުގެ ތަފުސީލު އެމްއެންޑީއެފުން ދީފައެއް ނުވެ އެވެ.
ސިފައިންގެ ސިއްހީ މަރުކަޒުގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ރައީސް ވަހީދު މިއަދު ހަވީރު ވަޑައިގަތުމުން އެމަނިކުފާނަށް އެ މަރުކަޒުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު މުޙައްމަދެވެ.
މިއީ ދިވެހި ސަރުކާުރުން ސިފައިންނަށާއި ފުލުހުންނަށް އަމާޒުކޮށް މިފަދަ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ އަސްކަރީ ހޮސްޕިޓަލެއް ގާއިމުކޮށް ހިދުމަތްދޭން ފެށި ފުރަތަމަ ފަހަރެވެ. ނަމަވެސް އައްޑު އަތޮޅު ގަމުގައި އިނގިރޭސީން އަސްކަރީ މަރުކަޒެއް ގާއިމްކޮށްގެން ތިބި އިރު ގަމުގައި ވެސް އަސްކަރީ ހޮސްޕިޓަލެއް ގާއިމްކޮށް ދުނިޔޭގެ ފެންވަރުގައި ސިއްހީ ހިދުމަތް ދިނެވެ.