ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލުގައި، މުޅީން އާ ފުޑް އެންޑް ބެވަރެޖްގެ ދެ އައުޓްލެޓެއް ހުޅުވައިފިއެވެ.

އެމްއޭސީއެލުން ބުނީ، އަލަށް ހުޅުވި މި ދެ އެފްއެންޑްބީ އައުޓްލެޓަކީ 'ގްރޭޕް އެކްސްޕްރެޝަންސް' އަދި 'އެޗްއެމްއެސް ހޯސްޓު"ން ހުޅުވި ދެ އައުޓްލެޓު ކަމަށެވެ.

މި ދެ އައުޓްލެޓު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ އެ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުގައެވެ. މި ރަސްމިއްޔާތުގައި މިދެ އައުޓްލެޓް ހުޅުވައިދެއްވީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ، އާމިރު މަންސޫރުގެ އިތުރުން، އެޗްއެމްއެސް ހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހުޅުވި ފުޑް އެންޑް ބެވަރޭޖް ގެ ދެ އައުޓްލެޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު މާވީ

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި، ގްރޭޕް އެކްސްޕެކްޓޭޝަންސް އަދި އެޗްއެމްއެސް ހޯސްޓްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

އައުޓްލެޓުތައް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދަކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ވީއައިއޭއިން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

އެއާޕޯޓުގެ ޑިޕާޗާ ސަރަހައްދުގައި މި ދެ އައުޓްލެޓު ހަދަން އެމްއޭސީއެލުން ނިންމީ އެ ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ޓަކައިކަމަށް އެ ކުންފުނިން ބުނެއެވެ.

ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއްކަމަށްވާ "ދަ ގްރޭޕް"އެވެ. މިއީ އެ ކުންފުނީގެ މި ފަދަ ފުރަތަމަ އައުޓްލެޓު ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހުޅުވި ފުޑް އެންޑް ބެވަރޭޖް ގެ ދެ އައުޓްލެޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު މާވީ

މީގެ އިތުރުން، އެސްއެމްއެސްހޯސްޓުން މިއަދު ރަސްމިކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައިގެ އައުޓްލެޓެއް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މި ދެ ކުންފުންޏަކީވެސް 2018 ވަނަ އަހަރުން ފެށިގެން އެ އެއާޕޯޓުގައި ރެސްޓޯރަންޓު ހިންގަމުން އަންނަ ދެ ކުންފުންޏެވެ.