އިޓަލީވިލާތުގައި އުފެދުނު އެންމެ ފަހަގަކޮށްލެވޭ އެއް ޑިފެންޑަރު ކަމަށްވާ ޖިއޯޖިއޯ ކިއެލީނީ ފުޓްބޯޅައިން ރިޓަޔާކޮށްފިއެވެ.

އުުރުން 39 އަހަރުގެ ކިއެލީނީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ އެކްސްގައި އާންމުކުރި މެސެޖެއްގައެވެ. އޭނާ ހާމަކުރި ގޮތުގައި ފުޓްބޯޅައަކީ އޭނާގެ ހުރިހާ ވެސް އެއްޗެވެ.

އަދި ފުޓްބޯޅައާއެކު އޭނާވަނީ އާދަޔާ ޚިލާފު އަދި ހިތުން ފޮހެވިގެންނުދާނެ ދިގު ދަތުރެއް ކޮށްފައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިހާރު ވަނީ ފުޓްބޯޅައާއި ދުރަން ޖެހި، ހަޔާތުގެ އާ ސަފުހާއެއް ހުޅުވައިލާ ވަގުުތު ޖެހިފައިކަމަށް ކިއެލީނީ ބުންޏެވެ.

ކިއެލީނީ އޭނާގެ ކުޅުމުގެ ކެރިއަރު ފައްޓާފައިވަނީ 2000 ވަނަ އަހަރު ލިވޯނޯއިންނެވެ. ނަމަވެސް އޭނާ ވިދައިލީ 2005ވަނަ އަހަރު ބަދަލުވި ޔުވެންޓަސްއިންނެވެ. އެ ކްލަބާއެކު ކިއެލީނީވަނީ 2011އިން 2020 އާއި ދެމެދު ނުވަ ފަހަރު ޖެހިޖެހިގެން ސެރީއާގެ ތަށި ކާމިޔާބުކޮށްފައެވެ.

އަދި އޭނާ އެންމެ ގިނަ ދުވަހު ކުޅެފައިވަނީ ވެސް ޔޫވޭއަށެވެ. މިގޮތުން ޔޫވޭއަށް އޭނާވަނީ 425 މެޗު ކުޅެދީ 27 ލަނޑު ޖަހައިދީފައެވެ. އޭނާ ކުޅުން ނިންމާލިއިރު ކުޅެމުންދަނީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ ލޮސް އެންޖަލިސް އެފްސީއަށެވެ.

2022 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުން ހުއްޓާލި ކިއެލީނީވަނީ ޤައުމީ ޓީމަށް 117 މެޗު ކުޅެދީފައެވެ. އަދި އަށް ލަނޑު ޖަހައިދީފައިވާއިރު 2020ވަނަ އަހަރު ޔޫރޯ މުބާރާތުގެ ތަށި އިޓަލީވިލާތުން އުފުލާލިއިރު އޭނާއަކީ އެ ޓީމުގެ ކެޕްޓަނެވެ.