މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުކަމުގެ މަގާމަށް، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ސައިފް ފާތިހު ފޯމު މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

މިވަގުތު ސައިފަކީ މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރެވެ. އޭނާއެކު ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ދެން ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން ވެސް ވަނީ، ފޯމު ހުށަހަޅުއްވައިފައެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ސައިފް ވިދާޅުވީ، ޑިމޮކްރެޓްސްގެ ބޭނުމަކީ މާލެއަކީ ދިރިއުޅެވޭ ފެންވަރުގެ ތަނަކަށް ހަދައިދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި މާލޭގެ ދިރިއުޅުމަކީ ހިތްނުތަނަވަސްކަމާ، މުޑުދާރުކަމާއި ފަގީރުކަން ކަމުގައިވެފައި އޮންނާކަށް ނުޖެހޭކަމަށެވެ.

"އެހެންވީމަ މި ހާލަތުން އަޅުގަނޑުމެން އަރައިގަތުމަށް ފޯކަސްކުރާ ސްޓްރެޓެޖީސްތަކަކާ ހަރަކާތްތަކަކާއެކު އަޅުގަނޑުމެން މި ނުކުންނަނީ،" ސައިފް ވިދާޅުވިއެވެ.

އެއާއެކު އޭނާގެ ތަސައްވުރަށް މާލެ ބަދަލުކުރާނެ ގޮތުގެ މެނިފެސްޓޯއެއް ހުށަހަޅައިގެން މަސައްކަތް ކުރާނެ ގޮތް ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށް ސައިފް ވިދާޅުވިއެވެ.

ހުސްވެފައިވާ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވެސް އިއްޔެ ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އަދި ކުރީގެ ކޮމިޝަނާ ޕޮލިސް ހުސައިން ވަހީދު ވެސް ވަނީ ފޯމު ހުށަހަޅުއްވައިފައެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ރައީސް މުއިއްޒު ވެރިކަމުގެ މަގާމަށް ހުވާ ކުރެއްވުމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން، މޭޔަރަކު ހޮވުމަށް ބާއްވައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ.

އަދި އަންނަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަމަށް ވެސް އީސީން ވަނީ އިއުލާނުކޮށްފައެވެ.