13 Dec 2023, 21:27
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ މަގާމު ރެއާލް ސޮސިއެޑާޑް ކަށަވަރު ކޮށްފިއެވެ.
ސޮސިއެޑާޑުން ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރު ކުރީ އިންޓާމިލާނާއި ރަށުން ބޭރުގައި ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ސޮސިއެޑާޑުން ގިނައިރު ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާތަކެއް އުފެއްދީ އިންޓާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް އިންޓާއިން އުފެއްދި ހަމަލާއެއް ސޮސިއެޑާޑްއިން ދިފާއުކުރީ ގޯލްގެ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ. ދެ ޓީމުން ވެސް ވަރަށް ބޮޑަށް ދިފާއަށް އިސްކަން ދީގެން ކުޅުނު މި މެޗުގައި މާ ނުރައްކާތެރި ހަމަލާތަކަކާ ދެ ކީޕަރުންނަށް ވެސް ކުރިމަތިލާކަށް ނުޖެހުނެވެ.
މި މެޗު އެއްވަރު ވުމުން ސޮސިއެޑާޑާއި އިންޓާއަށް ވެސް 12 ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ ސޮސިއެޑާޑަށެވެ. މިއީ އެ ކްލަބްގެ ތާރީޚުގައި މި މުބާރާތުގެ ގްރޫޕެއްގެ އެއްވަަނަ ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ގްރޫޕް މަރުހަލާގައި އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ވެސް ހޯދުނު ފަހަރެވެ.