13 Dec 2023, 21:54
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ރެއާލް މެޑްރިޑާއި އެފްސީ ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސައްތައިން ސައްތަ ރިކޯޑަކާއެކު ރެއާލުން ގްރޫޕް މަރުހަލާ ނިންމައިލައިފިއެވެ.
ޔޫނިއަން ބާލިންގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ ފަހަތުން އަރައި 2-3ގެ ނަތީޖާއެއް ހޯދައިގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ރެއާލުންނެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ނުފެނި ނިމެން ދަނިކޮށް މެޗުގެ ލީޑު ނެގުނުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ރެއާލަށެވެ. ނަމަވެސް މެޗުގެ 45ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީވަނީ ލޫކާ މޮޑްރިޗް އަތުން ބޭކާރުވެފައެވެ.
އަދި މި ޕެނަލްޓީ ބޭކަރުވިތާ މިނެޓެއް ފަހުން ބާލިންއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެވިން ވޮލާންޑްއެވެ.
މި މެޗުގައި ރެއާލްއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 61ވަނަ މިނެޓްގައި ހޮސެލޫ ކާމިޔަބުކޮށްދިން ލަނޑުންނެވެ.
އަދި އޭނާވަނީ މެޗުގެ 72ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ވެސް ރެއާލަށް ނަގައިދީފައެވެ. މި މެޗުގައި ބާލިންއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 85ވަނަ މިނެޓްގައި އެލެކްސް ކަރާލް ޖަހައިދިން ލަނޑުންނެވެ.
މި މެޗުން ރެއާލް މޮޅުވި ލަނޑު މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޑާނީ ސެބާޔޯސްއެވެ.
މި މެޗު ކާމިޔާބުކުރުމާއެކު ރެއާލް މި ފަހަރުގެ ގްރޫޕް މަރުހަލާ ނިންމައިލީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް 18 ޕޮއިންޓާއެކުގައެވެ. ޔޫނިއަން ބާލިން ނިންމާލީ ދެ ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ.