ބިއުޓީ ޕާލާއެއްގެ ތެރޭ ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ދިވެހި އަންހެނަކާ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މ. ބްލޫލޭކް ލޮޖްގެ ފުރަތަމަ ބުރީގައި ހިންގަމުންދިޔަ ނިއުއިމޭޖް ބިއުޓީ ސެލޫންގެ ތެރޭ ބަދުއަހުލާގީ ޢަމަލު ހިންގަމުން ދިޔަ ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ފިރިހެނަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރު ކުރީ 26 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އެ ދެމީހުން އަތުލައިގަތީ އެތާނގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.

ބިއުޓީ ޕާލާއަކުން ދެ ދިވެހިން ހައްޔަރު ކުރިއިރު، އިސްލާމިކް މިނިސްޓްރީން މީގެ ތިން ދުވަސް ކުރިން ބުނެފައި ވަނީ ހަށިވިއްކުމާ ފާހިޝް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ގިނަ ތަންތަން މިހާރު ބަންދުކޮށްފައިވާ ކަމަށާއި ތުހުމަތު ކުރެވޭ އެފަދަ ތަންތަނުގެ ލިސްޓެއް އަދިވެސް އެބައޮތް ކަމަށެވެ.

މިދިޔަ މަހު ތެރޭ ވެސް ވަނީ މާފަންނުގައި ހުރި ބިއުޓީ ޕާލާއެއްގައި ހަށިވިއްކަމުން ދިޔަ ކަމުގެ ތުހުމަތުގައި އެތަނުގައި ތިބި 10 ބިދޭސީ އަންހެނުންނާ އެކު ތިން ދިވެއްސަކު ހައްޔަރުކޮށްފަ އެވެ. ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވިފައިވާ ތަންތަނުގެ ތެރެއިން ސަރުކާރު ބަދަލުވި ފަހުން ފުލުހުން ވަދެ ބަންދު ކުރި މިއީ އަށް ވަނަ ތަނެވެ.