13 Dec 2023, 21:33
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި އާސެނަލް އާއި ޕީއެސްވީ އެއިންދްހޯވެން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު އާސެނަލުން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާތަކެއް އުުފެއްދީ ޕީއެސްވީއިންނެވެ.
ނަމަވެސް މި ދެ ޓީމު ވެސް މި މުބާރާތުގެ ދެވަނަ ބުރަށް އެއްވަނަ އަދި ދެވަނަ ޓީމުގެ ގޮތުގައި ގޮސްފައިވުމުން މި މެޗުގެ ފޯރި އެހައި ގަދަކޮށެއް ނުފެނެއެވެ.
ހަމައެއާއެކު އާސެނަލްގެ ޓީމުން ގިނަ ބަދަލުތަކެއް ވެސް ފެނުނެވެ. މިގޮތުން އާސެނަލްގެ ކޯޗު މިކެލް އާޓޭޓާ ވަނީ އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފާވަނީ 42 ވަނަ މިނެޓްގައި އާސެނަލް އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑީ އެންކެއިޓިއާއެވެ. ނަމަވެސް ޕީއެސްވީއިން ވަނީ ދެވަނަ ހާފްގެ ކުޅުން ފެށިތާ ފަސް ވަނަ މިނެޓްގައި ޔޯބޭ ވާޓެސެން ކާމިޔާބުކޮސްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި މެޗު އެއްވަރުވުމުން އާސެނަލް އިން ގްރޫޕް މަރްހަލާ ނިންމާލީ ހަ މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޕީއެސްވީ ދެވަނައަށް ގޮސްފައިވަނީ ނުވަ ޕޮއިންޓާއެކުއެވެ.