13 Dec 2023, 13:19
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސޮވެރިން ގެރެންޓީ ދީގެން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން އާބަންކޯއަށް 200 މިލިއަން ރުފިޔާގެ ލޯން ހަމަޖައްސައިދީފައިވާކަން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، އާބަންކޯއަށް އެ ލޯން ދޫކޮށްފައި ވަނީ ޚަރަދުތައް ހަމަޖެއްސުމަށެވެ.
އެ ލޯން ފެސިލިޓީގައި ހިމެނެނީ 100 މިލިއަން ރުފިޔާއާއި 6.4 މިލިއަން ޑޮލަރު (99.8 މިލިއަން ރުފިޔާ)އެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެ ލޯނަށް ސޮވެރިން ގެރެންޓީ ދިނީ ސެޕްޓެމްބަރު 20ގައެވެ. އެއީ ރިޔާސީ އިންތިޚާބުގެ ދެ ބުރުގެ ދޭތެރޭގައެވެ.
އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ ދެ އަހަރާއި ހަ މަސް ތެރޭގައެވެ. އޭގެ ތެރެއިން 100 މިލިއަން ރުފިޔާގެ އިންޓްރެސްޓް ފީއަކީ ހަތް ޕަސެންޓެވެ. އަދި ޕްރޮސެސިން ފީ އެއް މިލިއަން ރުފިޔާއަށްއަރާއިރު ލޯން ސާވިސް ކުރުމަށް ހިނގާނެ ކަމަށް ބެލެވޭ ޚަރަދު 111 މިލިއަން ރުފިޔާއަށް އަރައެވެ.
އެ ލޯން އަނބުރާ ދައްކައި ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2025 ވަނަ އަހަރުގައެވެ.
އާބަންކޯއިން ނެގި ހަ މިލިއަން ޑޮލަރުގެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 7.68 ޕަސެންޓެވެ. ނަމަވެސް އެ ލޯނާ ބެހޭ ގޮތުން ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކުށެއް ހުރި ކަމަށް ބެލެވޭތީ އެކަން ފިނޭންސް މިނިސްޓްރީއާއި ސެކްރެޓޭރިއެޓް އަންގައި، މައުލޫމާތު އަލުން ޔަގީން ކުރުމަށް އެދުމަށް މާލިއްޔަތު ކޮމިޓީން ނިންމިއެވެ.
ދައުލަތުގެ ދަރަނި މިހާރު ހުރީ 108 ބިލިއަން ރުފިޔާގައެވެ. އެއީ 59 ބިލިއަން ރުފިޔާގެ އެތެރޭގެ ދަރަންޏާއި 49 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަންޏެވެ.