ކުރިން އެއް ކައުންސިލް އިދާރާ އުފައްދާފައިވާ ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ކައުންސިލް އިދާރާއެއް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އުފައްދަވައިފި އެވެ.

ފުވައްމުލަކުގެ އަށް އަވަށަށް އެއް ރަށު ކައުންސިލް އިދާރާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވި ނަމަވެސް ރައީސް ވަހީދު މިއަދު ވަނީ އެ ރަށު އަށް އަވަށް ކަމަށްވާ ދަޑިމަގު އަވަށާއި ދިގުވާޑު އަވަށާއި ހޯދަޑު އަވަށާއި މިސްކިތްމަގު އަވަށާއި ފުނާޑު އަވަށާއި މާލެގަން އަވަށާއި ދޫނޑިގަމު އަވަށް އަދި މާދަޑު އަވަށަށް ވަކިވަކި ކައުންސިލް އިދާރާތައް އުފައްދަވާފަ އެވެ.

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނީ ފުވައްމުލަކުގެ ކޮންމެ އަވަށަކަށް ވަކި ކައުންސިލް އިދާރާއެއް ރައީސް މިއަދު އުފެއްދެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ދަށުން ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ) ގައި ބުނަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން ޏ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް އަށް އަވަށުގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާއަކަށް ވެފައި ކޮންމެ އަވަށަކީ އިދާރީ ގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވޭ ރަށެއް ކަމަށެވެ.

އަދި އެގާނޫނުގެ 127 ވަނަ މާއްދާގައި ބުނަނީ އެ ގާނޫނުގެ ދަށުން އިންތިޚާބުކޮށް އުފެދޭ ކައުންސިލްތަކުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް އެހީތެރިވެދީ، ކައުންސިލްގެ އިދާރީ ކަންކަން ކުރުމަށްޓަކައި ކޮންމެ ކައުންސިލެއްގެ އިދާރާއެއް ރައީސުލް ޖުމްހޫރިއްޔާ ގާއިމް ކުރަންވާނެ ކަމަށެވެ.