ރައީސް ޑރ. މުޙައްމަދު މުއިއްޒު އުރީދޫގެ އިސްވެރިންނާ ބައްދަލަކުރައްވައި، ރާއްޖޭގައި ޑިޖިޓަލް ޚިދުމަތްތައް ކުރިއެރުވުމަށް އެ ކުންފުންޏާއި ރާއްޖެއިން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ އަލް ތާނީ އާއި އެ ގްރޫޕްގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފާހަގަކުރައްވައި، އުރީދޫގެ ރާއްޖޭގެ ގޮފީގެ ޓީމު ހިމެނޭހެން، އެ ގްރޫޕުގެ ލީޑާޝިޕަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް މުއިއްޒު އުރީދޫ ގްރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވަނީ-- ފޮޓޯ/ރައީސް އޮފީސް

މީގެއިތުރުން، ރައީސާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަނީ ރާއްޖެއާއި އުރީދޫ ގްރޫޕުން އިސްކަންދޭ އަދި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯގެ ވާހަކަފުޅުގައި އުރީދޫ ގްރޫޕުގެ ސީއެސްއާރުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަސައްކަތްތަކާއި ހަރަކާތްތަކަށް އަލިއަޅުވާލެއްވިއެވެ.

އުރީދޫން ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭން ފެށީ ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން ކުންފުނީގެ ނަން ވަނީ އުރީދޫއަށް ބަދަލުކޮށްފައެވެ.