13 Dec 2023, 16:06
ފީފާ ކްލަބް ވޯލްޑް ކަޕްގެ ހަތަރު މުބާރާތެއްގައި ލަނޑު ޖަހާ ފަރަންސޭސިވިލާތުގެ ކަރިމް ބެންޒީމާ އާ ރިކޯޑެއް ގާއިމް ކޮށްފިއެވެ.
ބެންޒީމާ މި ރިކޯޑް ގާއިމްކޮށްފައިމި ވަނީ ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗްގައި އޭނާ މިހާރު ކުޅެމުންދާ ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދާއި ނއިުޒީލަންޑްގެ އޯކްލަންޑް ސިޓީ ބައްދަލުކުރި މެޗްގައި ކާމިޔާބު ކުރި ލަނޑުންނެވެ. މިމެޗް ތިން ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްފައިވަނީ އަލް އިއްތިހާދެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އަލް އިއްތިހާދެވެ. މި މެޗްގެ ފުރަތަމަ ލަނޑު ޖަހާ އަލް އިއްތިހާދުން ލީޑު ނަގައިފާ ވަނީ މެޗްގެ 29 ވަނަ މިނެޓްގައި ރޮމާރީނިއޯ ޖަހާދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނެޓް ފަހުން އެ ޓީމްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ އެންގޯލޯ ކާންޓޭއެވެ.
މި މެޗްގައި ބެންޒީމާ ކާމިޔާބު ކުރި ލަނޑު ޖަހާފައިވަނީ މެޗްގެ 40 ވަނަ މިނެޓްގައެވެ. މިއީ އޭނާ ކްލަބް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު 10 މެޗްގައި ކާމިޔާބު ކުރި ފަސް ވަނަ ލަނޑެވެ. ބެންޒީމާ ވަނީ އޭނާ މިހާތަނަށް މި މުބާރާތުގައި ވާދަ ކުރި ފަސް އަހަރު ވެސް އެ މުބާރާތް ކާމިޔާބު ކޮށްފައެވެ.
މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި އަލް އިއްތިހާދު ވާދަ ކުރަމުންދަނީ މުބާރާތް ބާއްވާ ޤައުމުކަމުގައިވާ ސައުދީ ތަމްސީލް ކުރުމުގެ ގޮތުންނެވެ. މި މުބާރާތުގެ ދެވަނަ ބުރުގައި އަލް އިއްތިހާދު ބައްދަލުކުރާނީ އެފްރިކާ ބައްރު ތަމްސީލް ކުރާ މިސްރުގެ އަލް އަހްލީ އާއެވެ. އަދި މި މެޗުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ދެކުނު އެމެރިކާ ސަރަހައްދުން ކޮޕާ ލިބެޓަޑޯރެސް އެންމެ ފަހުން ކާމިޔާބުކުރި ފުލުމިނެންސޭ އާއެވެ.
މި މުބާރާތުގެ ދެވަނަ ސެމީފައިނަލްގައި ވާދަކުރާނީ މެކްސިކޯގެ ލެއޮން އާއި ޖަޕާންގެ އުރާވާ ރެޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީއެވެ.