ޣައްޒާ (13 ޑިސެންބަރު 2023): ޣައްޒާގައި ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގަމުން ގެންދާ އިސްރާއީލު ސިފައިންގެ 21 މީހަކު މަރުވެއްޖެއެވެ.

އަލް އަރަބިއްޔާ ޓީވީ ޚަބަރު ދޭގޮތުގައި މި 21 ސިފައިންގެ ތެރެއިން 13 މީހުން މަރުވެފައިވަނީ އިސްރާއީލު ސިފައިންގެ ޔުނިޓަކުން އޮޅުމަކުން އެ މީހުންގެ ސިފައިންނަށް ދިން ހަމަލާތަކެއްގައެވެ. އަނެއް އަށް ސިފައިން މަރުވީ ހަމާސްއިން އިސްރާއީލު ސިފައިން ދަންތުރައެއްގައި ޖައްސައިގެން ދިން ހަމަލާއެއް (އަންބުޝް އެއް)ގައެވެ.

މި 21 ސިފައިން މަރުވެފައި މިވަނީ ޣައްޒާގައި ފަލަސްތީނު މުޖާހިދުންނާ އެއްގަމުން ކުރިމަތިލައިގެން އިސްރާއީލުގެ އެއްވެސް އަސީރަކު މިނިވަން ނުކުރެވި އަސްކަރީ ގޮތުން މުޖާހިދުންގެ މައްޗަށް އެއްވެސް ކާމިޔާބެއް ނުލިބި އަދި މުޖާހިދުންގެ ހިއްވަރުގަދަ ހަމަލާތަކުގައި ގިނަ އަދަދަކަށް ޔަހޫދީ ސިފައިން މަރުވެ އަދި އިތުރުބަޔަކު ޒަޚަމްވަމުންދާތީ އިސްރާއީލުގެ އެތެރޭގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުގެ މީޑީއާ ބުނާގޮތުން މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އަށް ސިފައިންގެ ތެރޭގައި ހަތަރު އޮފިސަރުންވެސް ހިމެނެއެވެ. އެއީ ލެފްޓިނެންޓް ކާނަލްއަކާއި ދެ މޭޖަރަކާއި ކެޕްޓަނެކެވެ. މި ސިފައިން މަރާލީ ޣައްޒާގެ އުތުރުގައި ހަމާސްއިން ޔަހޫދީ ސިފައިން ވަރުގަދަ ދަންތުރައެއްގައި ޖެއްސުމަށްފަހު ވަރުގަދަ ހަމަލާތަކެއް ދީގެންނެވެ.

އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް އެރުމަށްފަހު ޣައްޒާގައި މަރާލި އިސްރާއީލު ސިފައިންގެ އަދަދު މިހާރުވަނީ 110 އަށް އަރާފައެވެ. އަދި ޒަޚަމްވި ސިފައިންގެ އަދަދުވަނީ 6000 އަށްވުރެ މައްޗަށް ގޮސްފައެވެ. އޭގެކުރިން 7 އޮކްޓޯބަރުގައި ހަމާސްގެ މުޖާހިދުން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި 340 އާއި 350 އާ ދެމެދުގެ އަދަދެއްގެ ސިފައިން ވަނީ މަރާލާފައެވެ.

މިއާއެކު މުޖާހިދުންގެ ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ 560 ވަރަކަށް ސިފައިންވަނީ މަރުވެފައެވެ. މިހާވަރަށް ޔަހޫދީ ސިފައިން މަރުވެ މުޖާހިދުންގެ އަތްދަށުން އިސްރާއީލު ބަލިވަމުންދާއިރު އިސްރާއީލުގެ ވައިގެ ހަމަލާތައް މުޅިން ކަހަލަ ގޮތަކަށް އަމާޒުކުރަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އާންމުންނަށެވެ. ބޮން އަޅަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރަށެވެ.

އިސްރާއީލުން 7 އޮކްޓޯބަރަށްފަހު ވަނީ ޣައްޒާގެ 18000 އަށް ވުރެން ގިނަ އާންމުން ޝަހީދުކޮށް 45000 އަށްވުރެގިނަ އާންމުން ޒަޚަމްކޮށްލާފައެވެ. އިސްރާއީލުގެ މި ޖަރީމާތަކަކީ ސީދާ ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. މި ގަތުލު އާންމުތައް ހިންގުމުގައި އިސްރާއީލަށް އެހީތެރިވަނީ އެމެރިކާއާއި ޔޫރަޕްގެ އަނިޔާވެރި އިސްތިއުމާރީ ބާރުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނާ އަދި އިޓަލީއެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި ކުށެއްނެތް އާންމުން މެރުމުގައި އިސްރާއީލު ކާމިޔާބު ނަމަވެސް ފަލަސްތީނު މުޖާހިދުންނާ ކުރިމަތިލައިގެން އިސްރާއީލުގެ ސިފައިންދަނީ ބަލިވަމުންނެވެ. އާންމުން ގަސްދުގައި މަރައި ގަތުލުއާންމުތައް ހިންގާތީ ހުޅަނގު ދުނިޔޭގައިވެސް އާންމުން ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވަމުންނެވެ. މިކަމުގެ ސަބަބުން މުޅި ދުނިޔޭގެ އާންމުންގެ ނުރުހުމާއި ނަފްރަތު ވަނީ އިސްރާއީލަށް އަމާޒުވެފައެވެ. އަދި އިސްރާއީލު ވަނީ ލާއިންސާނީ ޓެރަރިސްޓް އެންްޓިޓީއެއްގޮތަށް ލޭބަލް ކުރެވިފައެވެ.

ފަލަސްތީނު މިނިވަންކުރަން މަސައްކަތްކުރާ މުޖާހިދުންނާ ކުރިމަތިލައިގެން އިސްރާއީލުގެ އެންމެ އަސީރަކު މިނިވަން ކުރުމުގައިވެސް ޔަހޫދީ ލަޝްކަރުތައް ވަނީ ނާކާމިޔާބުވެފައެވެ. ހަމާސްގެ އަތްދަށުގައިވާ ޔަހޫދީ ދެ އަސީރުންގެ ހަށިތައް އަތުލުމަށް ރޭ އިސްރާއީލު ހިންގި އޮޕަރޭޝަން ވެސް ވަނީ ނާކާމިޔާބުވެ އެ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ ދެ މީހަކު ވަނީ މުޖާހިދުންގެ ހަމަލާތަކުގައި މަރުވެފައެވެ.