13 Dec 2023, 11:42
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހަތުރުން ވެސް އަދި މިތުރުން ވެސް ގަބޫލު ކުރާނެއެވެ. އެއީ ހިތްވަރު ގަދަ ކަމުގައި އެހެން ގިންތިއެކެވެ. އިސްލާހީ ހަރަކާތަށް އެ މަނިކުފާން ނުކުންނެވިއިރު ރާއްޖޭގެ ހާލަތު އޮތީ މިގޮތަކަށެއް ނޫނެވެ. ހުރިހާ ބާރެއް އެއް ކުރައްވައިގެން، ސަރުކާރާ ދެކޮޅު ވެއްޖެ ނަމަ އަނިޔާވެރިކަން އިސް ކުރައްވައިގެން، ހިތުހުރި ގޮތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިގު ވެރިކަމެއް ކުރައްވަމުން ގެންދެވިއިރު ފާޅުގައި އެ ސަރުކާރާ ދެކޮޅަށް ތެދުވުން އެއީ ކުޑަކަމެއް ނޫނެވެ. އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތް، ބިރުވެރިކަމުން ފުރިގެންވާ ދުވަސްވަރެކެވެ.
މައުމޫންގެ ސަރުކާރަށާއި އެ ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ނަޝީދަކީ އޭރު "މޮޔަ ކުއްޖެ"ކެވެ. ޖަލުގައި ވޭންދެނިވި އެތައް އަދަބެއް ދިނެވެ. ދެ ދަރިން އުފަންވިއިރު ވެސް އޮންނެވީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލު ގޮޅީގައެވެ. ކުށްވެރިންނަށް މިހާރު މި އޮންނަ ފަދަ އިންސާނީ ހައްގުތަކެއް އޭރަކު ނޯވެއެވެ. ނަމަވެސް އެ ބާރުގަދަ ވެރިކަމުން މޮޔައެއްގެ ގޮތަށް ސިފަ ކުރި ނަޝީދުގެ ގަދަ ހިތްވަރާއި އެތައް ދިވެހި ދަރިންނެއްގެ ގުރުބާނީން އެ ސަރުކާރު ހަމަބިމަށް ގެނެސް ވެރިކަމުން ބޭލިއެވެ.
ހަމައެހެންމެ ނަޝީދުގެ ދިގު ސިޔާސީ ހަޔާތުގައި ހަގީގަތުގައި ގިނައީ އުފަލަށް ވުރެ ވޭނާއި ކެކުޅުމެވެ. މީހަކު ފަހަތަށް ޖެހެންޖެހޭ، ނުވަތަ މާޔޫސް ވާނެ ހުރިހާ ކަމެއް އެ މަނިކުފާނާ ކުރިމަތިވިއެވެ. ޖަލުގައި ދިން ލާއިންސާނީ އަނިޔާތެކެވެ. އެންމެ ފުރަތަމަ މަޖިލިސް ގޮނޑި ކާމިޔާބު ކުރީތީ ވަގަކަށް ހަދައި ގޮނޑި ގެއްލުވާލައި އަރުވާލެއްވުމެވެ. ވެރިކަން ހޯއްދެވީތީ ދައުރު ހަމަ ނުވަނީސް، ސިފައިންނާއި ފުލުހުން ނުކުމެ ވެރިކަން ބަދަލު ކުރިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ވެރިކަން ދިނުމާ އެކު ޒަމާންވަންދެން ނަޝީދު ރަސްކަން ކުރައްވަމުން ގެންދެވި ޕާޓީ ވެސް އަތުލެއްވީއެވެ. ބޮމެއް އަމާޒުވެ ފުރާނަ ނުގެއްލުނީ ހަމަ ކިރިޔާއެވެ. މަޖިލީހުގެ ރައީސްކަމުގައި ދައުރު ހަމަ ކުރަން ގަދަ ފައި ވިއްދުމުން ވެސް އެ މަނިކުފާންގެ ފޮޓޯ ޖަހައިގެން މެންބަރުކަން ހޯއްދެވި ބޭފުޅުންގެ މަސައްކަތުން އެ މަގާމުން ވެސް ދުރުވާން މަޖުބޫރު ކުރުވީއެވެ.
އެންމެ ފަހުން ސިޔާސީ ގޮތުން މަގުމަތިވީއެވެ. އަލުން ބަލުން މަސައްކަތް ފަށަން ޖެހުނީއެވެ. މިފަދަ އެތައް ކަމެއް ހިނގިއިރު ވެސް ނަޝީދު ދެއްކެވީ ގަދަ ހިތްވަރެވެ. ނަމަވެސް ރޭ މިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގެންކަން އިއުލާން ކުރައްވައިފައެވެ. ނަޝީދާއި ސިޔާސީ މަސައްކަތާ ދުރުވާނެބާއެވެ؟ ސުވާލަކީ އެހާ ހިތްވަރު ގަދަ ބޭފުޅަކު މިފަދަ ނިންމެވުމެއް މި ނިންމީ އަސްލު ކީއްވެގެންތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުންނާއި އެމްޑީޕީގެ ރައީސްކަމުން ވެސް އިސްތިއުފާ ދެއްވާފައި -- ސަން ގްރެފިކްސް/ އިބްރާހިމް ފަހީމް
ސިޔާސީ ގޮތުން ކޮޅު ބެދުން
ވޭތުވެދިޔަ ތަނުގައި ނަޝީދަށް ކޮންމެ ވެސް އެއް މަގާމެއް ލިބެއެވެ. ވެރިކަމުގައި ނެތިއްޔާ އެ ސަރުކާރަކާއި އިދިކޮޅު ލީޑަރު ކަމެވެ. ނަމަވެސް މިއަދުގެ ސިޔާސީ ހަގީގަތަކީ ނަޝީދަށް އެއިން އެއްވެސް ފުރުސަތެއް ނެތް ކަމެވެ. ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުންނެވިއިރު ސަރުކާރުގެ ތެރެއިން ވެސް ނަޝީދާއި އެ މަނިކުފާނުގެ އާ ޕާޓީ، ޑިމޮކްރެޓްސްއަށް މާ ބޮޑު ފުރުސަތެއް ނުލިބުނެވެ. މިއީ ނަޝީދު ބައިވެރިވާ ސަރުކާރެއް ކަމަށް އެ މަނިކުފާން އިއުލާން ވެސް ކުރެއްވިއެވެ. ނަމަވެސް އާ ރައީސް ސަރުކާރު އެކުވަލާލެއްވިއިރު ޑިމޮކްރެޓްސް ވަނީ ބާކީވެފައެވެ.
ދެން އޮތީ އިދިކޮޅެވެ. އިދިކޮޅު ލީޑަރަކަށް އެ ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ. ދެން އަނެއްކޮޅުން ސަރުކާރަށް ހަފުތާ ނުވަނީސް، ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ އެތެރެ ގޯސްވެއްޖެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ހުންނެވީ ސަރުކާރާ ދެކޮޅަށް ފާޅުގައި ނުކުންނަވާފައެވެ. ހަނގުރާމަ އިއުލާންކޮށް، ޔާމީން އެ ވަނީ އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެހެންކަމުން ސަރުކާރާ އިދިކޮޅު ވެގެން ވެސް ނަޝީދަށް މާ ބޮޑު ފުރުސަތެއް ނެތެވެ. އެ މަނިކުފާނުގެ ނަން އަންނަނީ ތިން ވަނައަށެވެ.
އެ މަނިކުފާނުގެ ސިޔާސީ މުސްތަގުބަލަށްޓަކައި އަލަށް އުފެއްދި ޕާޓީ ޑިމޮކްރެޓްސްގެ ހާލަތު ވެސް ދަށެވެ. އެމްޑީޕީއިން ވަކިކުރި 30،000 މެންބަރުން ފަހަތުގައި އެބަތިބި ކަމަށް ބުނެ އުފެއްދެވި ޕާޓީއަށް އަދި ކިރިޔާ ހަމަވީ 3،000 އެއްހާ މެންބަރުންނެވެ. ރިޔާސީ އިންތިޚާބުގައި އިލްޔާސް ލަބީބް ކެންޑިޑޭޓަކަށް ނެރުއްވައި، ނަޝީދު ފާޅުގައި ވަރަށް މަސައްކަތް ކުރެއްވިއެވެ. މުޅި ރާއްޖެއަށް ދަތުރުތައް ކުރެއްވުމުގެ އިތުރުން ޕިކަޕުތަކުގައި ވޯޓަށް އެދި އާދޭސް ކުރައްވަން ހުންނެވީ ނަޝީދެވެ. ޕޯސްޓަރު ހިއްޕަން ވެސް ނުކުންނެވީ އެ މަނިކުފާނެވެ. ނަމަވެސް، މުޅި ރާއްޖޭން 220،000 މީހުން ވޯޓުލީ އެ އިންތިޚާބުގައި ނަޝީދުގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ އެންމެ 15،000 ވޯޓެވެ. މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވޭ ވަރަށް ރާއްޖޭގެ އެއްވެސް ހިސާބަކުން އަގުލަބިއްޔަތު ވެސް ނުލިބެއެވެ. އެއާ އެކު ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ނަޝީދު އިސްވެ ހުންނަވައި ފެއްޓެވިއެވެ. ނަމަވެސް އެކަން ވެސް ދިޔައީ ބޮނޑު ނަގުލަށެވެ. އެއްވެސް އަލި މަގެއް ނުފެނި އެކަން ހިނދުނީއެވެ.
ދެން އޮތީ ކުރިމަތީގައި އޮތް މަޖިލިސް އިންތިޚާބެވެ. ސިޔާސީ ގޮތުން ކުރިމަގެއް ބޭނުންވާ ހުރިހާ ބޭފުޅުންނަށް ވެސް އަދި ޕާޓީތަކަށް ވެސް އެ އިންތިޚާބު ވަރަށް މުހިންމެވެ. ގޮނޑިއެއް ކާމިޔާބު ނުވެއްޖެ ނަމަ ވާނީ ހަމަ އަދާލަތަކަށެވެ. ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިޚާބުގައި ލިބުނު ދަށް ނަތީޖާގެ ސަބަބުން މަޖިލިސް ގޮނޑިއެއް އެ ޕާޓީއަށް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެންމެ ބޮޑު ސަބަބަކީ އެމްޑީޕީއާއި އެ ޕާޓީއާ ދެމެދު އޮތް މައްސަލަގަނޑެވެ. މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ނަޝީދު އެ ވަނީ އިއުލާން ކުރައްވައިފައެވެ. ޑިމޮކްރެޓްސްގައި ދެން ތިއްބެވި މަޖިލިސް މެންބަރުންގެ ތެރެއިން ވެސް ގިނަ ބޭފުޅުންތަކެއް ކުރިއަށް އޮތް އިންތިޚާބުން ނުފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން ނަޝީދުގެ ސިޔާސީ ބުރަދަން ވަރަށް ދަށް ވާނެއެވެ.
"ނަޝީދުގެ ސިޔާސީ ބުރަދަނެއް މިއަދު ނެތް. އެއީ އިދިކޮޅު ލީޑަރެއް ނޫން، ސަރުކާރު ބޭފުޅެއް ވެސް ނޫން. އެހެންވީމާ، އެ މަނިކުފާނު މިއަދު ދިވެހި ސިޔާސީ މައިދާނުގައި ޖާގައެއް ނެތް. މަޖިލީހުގެ ރައީސްކަން ވެސް ގެއްލިއްޖެ. ޕާޓީއަކަށް އެ ވަރުގެ ތާއީދެއް ނެތް. އެހެންވީމާ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ނުލިބޭނެކަން ޔަގީންވޭ. މި ވަގުތު އެ ޖާގަ ދިވެހި މައިދާނުގައި ރައީސް ނަޝީދަށް ނެތީމާ، އެ މަނިކުފާނު ފަހަތަށް ޖެހިވަޑައިގެން އިހަށް އެ ހުންނަވަން ގަސްތު ކުރައްވަނީ ބޭރުގެ ކަންކަމުގައި. އެކަމަކު، ހަމަ މައިދާނުން ކިރިޔާ ވެސް ޖާގައެއް ލިބިދާނެ ކަމަށް ފެނިވަޑައިގަންނަވާއިރަށް އަނެއްކާ ވެސް އެނބުރި ވަޑައިގަންނަވާނެ، އެއަކު ޝައްކެއް ނެތް،" ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.
މި ފާހަގަކުރި ސަބަބުތަކަށް ބަލާއިރު މި ވަގުތަށް ނަޝީދު ސިޔާސީ މައިދާނުގައި ހުރެގެން ވާނެ މޮޅެއް ނެތެވެ. ރާއްޖޭގެ ސިޔާސީ ފިލްމުގެ މެއިން އެއް ކެރެކްޓަރު ކަމުގައި އުޅޭތާ އެތައް ދުވަހެއް ފަހުން، ކުޑަކުޑަ ސައިޑް ރޯލަކަށް އެ މަނިކުފާން މިވަނީ ބަދަލުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން -- ފޮޓޯ/ ރައީސް އޮފީސް
ޕާޓީ ގެއްލުމުގެ މާޔޫސްކަމާއި އާއިލީ ޕްރެޝަރު
ޖަލަށް ލުމާއި އަނިޔާ ދިނުމާއި ވެރިކަން ބަދަލު ކޮށްގެން ވެސް ނަޝީދުގެ އަޒުމެއް ބަދަލެއް ނުވިއެވެ. ނަމަވެސް އެ މަނިކުނާފަށް އެމްޑީޕީ ގެއްލުމާ އެކު ހަގީގަތުގައި ވެސް ވަރަށް އަސަރު ކުރި މަންޒަރު ފެނިގެން ދިޔައެވެ. ކުރިންނަމަ ޕާޓީގެ ތެރެއިން ނަޝީދާ ދެކޮޅު އެންމެން ޖެހެނީ ދުރަށް ދާށެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަޝީދު އެ މީހަކު ބޭރުކުރެއެވެ. ނަމަވެސް ރައީސް ޞާލިޙްގެ ވެރިކަން ފެށުމާ އެކު މަންޒަރު ބަދަލުވިއެވެ. މަޑުމަޑުން ނަޝީދުގެ ބާރު ކެނޑެމުން ގޮސް ފަހުން މުޅި ޕާޓީ ގެއްލުނީއެވެ.
ޞާލިޙްގެ ސަރުކާރު ނިމުމާ އެކު އެނބުރި އެމްޑީޕީއަށް އައުމަށް ތައްޔާރަށް ހުންނެވިކަން ނަޝީދު ހާމަކުރެއްވިއެވެ. ނަމަވެސް ޞާލިޙް ވެސް އަދި އެމްޑީޕީގެ ލީޑާޝިޕަކުން ވެސް އެކަމަށް މަރުހަބާއެއް ނުކިޔެވެ. ދެން އަނެއްކޮޅުން ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސްއަށް ވެސް އާއްމުންގެ ތެރޭގައި މާ ބޮޑު ތާއީދެއް ލިބިގެނެއް ނުދިޔައެވެ. މިއީ ސިޔާސީ ގޮތުން ނަޝީދު މާޔޫސްވާން ދިމާވި ސަބަބުތަކަށް ވެދާނެއެވެ.
"ރައީސް [ނަޝީދު] ފަހުން ވިދާޅުވަނީ އެ މަނިކުފާނު ވިދާޅުވާ ގޮތަށް ދިވެހިން އަމަލު ނުކުރާ ކަމަށް. އެހެންވެ ކޮންމެހެން މުހިންމު ނޫން ކަމަށް ސިޔާސީ ކަންކަމުގައި އުޅެން،" ނަޝީދާ އެކު މިހާރު ސިޔާސީ މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތާ ދުރުވާކަން އިއުލާން ކުރައްވަން ނަޝީދު ނެރުއްވި ބަޔާނުގައި ފާހަގަ ކޮށްފައިވަނީ، އެ މަނިކުފާނުގެ ސިޔާސީ މަސައްކަތުގައި އަނިޔާއާއި ހިތާމަވެރިކަމާއި އެކަނިވެރިކަން ލިބިފައިވާ ކަމާއި، އެގޮތުން ޖަލުގެ އަނިޔާއާއި އެތައް ފަހަރެއްގެ ބަންދު ތަހައްމަލު ކުރަން ޖެހުނުކަމެވެ. އޭގެ ސަބަބުން އާއިލާއާ ދުރުގައި އުޅެން ޖެހި، ޒާތީ ހަޔާތް ބަރުބާރުދުވާ ހިސާބަށް ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން: ސަން ގްރެފިކްސް-- އިބްރާހީމް ފަހީމް
ފަހަތަށް ޖެހުނީ މާ ގަދަކޮށް އަންނަން
އެ މަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރުމަށް ނަޝީދު ވަނީ ނިންމަވައިފައެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެ ޖަމާއަތުގެ ވަޒީފާގައިހުރެ، ރާއްޖެއަށް ޚިދުމަތް ކުރެވޭނެއެވެ. އަންނަ ޖެނުއަރީ މަހު އެ މަގާމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ތިމާވެށީގެ ހިމާޔަތުގައި ނަޝީދު މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެ މަނިކުފާނަކީ އެ ދާއިރާއިން ދުނިޔެ ބަލައިގެންފައިވާ "އައިލެންޑް ޕްރެސިޑެންޓް"އެވެ. އެހެންކަމުން އަނެއްކާ ވެސް ދުނިޔޭގެ ސަމާލުކަން ހޯދައި ނުފޫޒު ގަދަވުމަށް އެ ދާއިރާ ބޭނުން ކުރެވޭނެއެވެ.
ނަޝީދާއި ސިޔާސީ ވުމާ މިއީ ވަކި ނުކުރެވޭނެ ދެ ކަމެކެވެ. ސިޔާސީ ކަންކަމާ ދުރުގައި ހަމަ އެމަނިކުފާނު ހުންނަވާނެތޯ މިއީ އެންމެ ގިނަ މީހުން ކުރާނެ ސުވާލެވެ. ސިޔާސީ މަސައްކަތާ ދުވަސްކޮޅަކަށް ދުރަށް ޖެހުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ލީޑަރުންގެ ފަރާތުން ވެސް ފެންނަ ކަމެކެވެ. އަނެއްކާ އެނބުރި އައިސް ވެރިކަން ވެސް ހޯދާފައި އެބަހުއްޓެވެ. ނަޝީދުގެ މި ނިންމެވުމަކީ އެނބުވި މާ ގަދަކޮށް އައުމަށް ނިންމެވި ނިންމެވުމަކަށް ވުން ގާތެވެ.