ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދުގެ ވަޒީފާއާ ގުޅޭ ގޮތުން ތަޅުމަށް ކުއްލި މައްސަލައެއް ހުށަހެޅީ 'ޒާތީ ގޮތުން އެ ކަމަނާއާ ދިމާކޮށްލަން' ކަމަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން މިއަދު ތުހުމަތު ކުރައްވައިފިއެވެ.

މެޑަމް ސާޖިދާ ދޭތެރޭގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީން) ތަފާތުކޮށް، 'މޮޅުގޮތް' ހަދައިދޭ ކަމަށް ބުނެ، ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީ މެންބަރުންގެ ތާއީދުން އެ މައްސަލައަށް ބަހުސްކުރަން ފާސްވުމުން، ބަހުސްގެ ވަގުތުގައި ވާހަކަދެއްކެވި ޕީއެންސީގެ މެންބަރުންނާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ މެންބަރުން ވަނީ ކޮމިޓީން ބަލަމުންދާ މައްސަލައަކައި ގުޅޭ ކުއްލި މައްސަލައެއް ތަޅުމަށް ހުށަހަޅައިގެން ބަހުސް ކުރަން ފާސްކުރީ 'ޒާތީ ގޮތުން މެޑަމް ސާޖިދާއާ ދިމާކޮށްލަން' ވެގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"މި މައްސަލަ ހުށަހަޅުއްވާފައި މިއޮތީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިންނަވާ ބޭފުޅެއް. އެ ބޭފުޅުން ކޮމިޓީއަށް ހުށަހަޅުއްވައިގެން ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅުން ގެންނަވައިގެން ވެސް އަޅުގަނޑަށް ހީވަނީ މިކަން ހިނގާފައިވާ ގޮތެއް ނުވަތަ މީގެ ހައްލަކަށް ވާހަކަދެކެވޭނެހެން،" އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ތަޖުރިބާކާރު ބޭފުޅުން މަދު ދާއިރާއަކުން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭކަނބަލަކަށްވެފައި، ފަސްޓްލޭޑީ ގައުމަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާނަމަ އެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.

މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ): އޭނާ ވަނީ އެމްޑީޕީން ފަސްޓްލޭޑީގެ މައްސަލަ ހުށަހެޅުއްވީ 'ދިމާކުރަން' ކަމަށް ތުހުމަތު ކުރައްވާފައި -- ފޮޓޯ/ މަޖިލިސް

"މާއިރާ މި ތަނަށް ގެނެސް އެ ބޭފުޅާއާ ބެހޭ ގޮތުން ލަވަބާޒީ ކުރާ އުސޫލުން މި ތަނުގައި ވާހަކަދެއްކުން މިއީ އަޅުގަނޑަށް ހީވަނީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްހެން،" ވައްޑޭ ވިދާޅުވިއެވެ.

އެއަށް ފަހުގައި ވާހަކަދައްކަވަމުން މަޖިލީހުގައި ސަރުކާރު ތަމްސީލުކުރައްވާ ޕީއެންސީގެ ޕީޖީ ލީޑަރު މޫސާ ސިރާޖު ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިގެން ހެނދުނު ހެނދުނާ ބަހުސް ކުރައްވަނީ އިޚްލާސްތެރި ނިޔަތެއް ނެތީމާ ކަމަށެވެ. އަދި، ސަރުކާރުގެ މެޖޯރިޓީ އޮތް އެމްޑީޕީން މިނިވަން މުއައްސަސާތަކަށް ތުހުމަތުކުރާއިރު ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިޚުލާސްތެރިކަމެއް ނެތި، މެޑަމް ސާޖިދާއަށް ފުރައްސާރަކުރުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއްކަން އެބަ އެނގޭ،" ސިރާޖު ވިދާޅުވިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު މޫސާ ސިރާޖު: އޭނާ ވަނީ ފަސްޓްލޭޑީގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި --- ފޮޓޯ/ މަޖިލިސް

އޭނާ ވެސް ވަނީ ފަސްޓްލޭޑީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ދާއިރާއިން ރާއްޖޭގައި ފަންނީ މުވައްޒަފުން މަދުކަން ފާހަގަކުރައްވައިފައެވެ. އަދި، އެ ކަމަނާ ހެޔޮހިތުން ޚިދުމަތް ކުރައްވަން ބޭނުންފުޅު ނަމަ އެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ސިރާޖުގެ އިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ފަސްޓްލޭޑީއާ ދިމާކޮށްލައިގެން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ކުއްލިއަކަށް މިއީ ކުއްލި މައްސަލައަކަށް ވެގެން މަޖިލީހުގެ ތަޅުމަށް އައުމާއި ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްގެން ބަހުސެއް ކުރަންޖެހޭ ކަމެއް ކަމުގައި ފެނިގެން ފެނިގެން ކުއްލި މައްސަލައެއް ގޮތުގައި އަނެއްކާ މި މައްސަލަ ލައިގެން ކުރިއަށް ގެންދަންވީ ސަބަބު އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ،" އީވާ ވިދާޅުވިއެވެ.

އޭނާ ވެސް ވަނީ މި މައްސަލައަކީ ދުރާލައި ވިސްނައިގެން ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ހައްލުކުރަން ޖެހޭ މައްސަލައެއް ކަމުގައި ފާހަގަކުރައްވައިފައެވެ.

ސްޓްލޭޑީއަކަށް ވެވަޑައިގަތުމަށް ފަހުގައި މެޑަމް ސާޖިދާ ވަނީ އެ ކަމަނާ އަދާކުރައްވަމުން ގެންދެވި ސީއެސްސީގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވައިފައެވެ. އެކަމަކު، އޭގެ ފަހުން ސިއްހީ ވުޒާރާއާއި އެ ކަމަނާ ވަޒީފާ އަދާކުރައްވަމުން ގެންދެވި މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްއެންޑީއޭ)ގެ އެދުމުގެ މަތިން ކޮންޓްރެކްޓު އުސޫލުން ވަޒީފާ އަދާކުރަން މެޑަމް ސާޖިދާ މި މަހު ހަތްވަނަ ދުވަހު ވަނީ އެއްބަސްވުން ހަދައިފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ކަމަނާ މަހަކު މަސައްކަތް ކުރައްވަނީ 40 ގަޑިއިރެވެ. އަދި، އެ ކަމަނާ އުޖޫރައެއް ބޭނުންނުވި ނަމަވެސް ގާނޫނުން ލާޒިމުކުރާތީ ގަޑިއިރަކަށް 75 ރުފިޔާގެ އުޖޫރައެއް ދޭން ސީއެސްސީން ވަނީ ނިންމައިފައެވެ.

އެ މައްސަލައިގައި ސީއެސްސީން އަމަލުކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ ސާޖިދާއަށް ދެނީ ނުފޫޒާއި ބާރުން ކަމަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ތުހުމަތުކޮށްފައެވެ.

ޔައުގޫބް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ދޭދޭ މުވައްޒަފުންނާ ދޭތެރޭގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، މެޑަމް ސާޖިދާއާ ދޭތެރޭގައި ނިންމަވާފައިވާ ނިންމެވުމަކީ ގަވާއިދާ ހިލާފު ނިންމެވުމެއް ކަމަށެވެ.

އެހެންވެ، އެ ކުއްލި މައްސަލައިގައި ވަނީ މެޑަމް ސާޖިދާއާ އެކު މި މަހުގެ ހަތްވަނަ ދުވަހު ހެދި އެއްބަސްވުން އުވައިލަން ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލައިފައެވެ.

މެޑަމް ސާޖިދާއާ ދޭތެރޭގައި ހާއްސަ އުސޫލެއް ގެންގުޅޭ ކަމަށް ބުނެ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން ވެސް މަޖިލީހަށް ހާޒިރު ކުރިއެވެ. އެ ދުވަހު، އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ ފަސްޓްލޭޑީއާ ދޭތެރޭގައި ހާއްސަ އުސޫލެއް ނުގެންގުޅޭ ކަމަށާއި އަމަލުކޮށްފައިވާނީ އުސޫލުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމަށެވެ. އަދި، ވުޒާރާއަކުން މީހެއްގެ ފަންނީ ލަފާ ބޭނުންވާ ކަމަށް އެދުމުން، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ ފުރުސަތު ދެވެން އޮތްނަމަ އެއީ ރައީސްގެ އަނބިކަނބަލުން ވިޔަސް އެ ފުރުސަތު ދެއްވަން ޖެހޭނެ ކަމަށެވެ.

އެ ދުވަހު ކޮމިޝަނުން ފާހަގަކުރި ގޮތުގައި ސާޖިދާ ފުރަތަމަ ބޭނުންފުޅުވީ މަގާމުގައި ދެމިހުންނާށެވެ. އެކަމަކު، އެ ފުރުސަތު ގަވާއިދުން ނުލިބޭތީ ނުދޭ ކަމަށާއި އަދި ފަސް އަހަރުގެ ޗުއްޓީއެއް ނެގުމުގެ ފުރުސަތު ވެސް އެ ކޮމިޝަނުން ނުދޭކަން ފާހަގަކުރިއެވެ.