13 Dec 2023, 16:00
އިސްރާއީލުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ސްޕޮންސާ ކުރުން އަންނަ އަހަރު ހުއްޓާލަން ނިންމާފައިވާ ކަމަށް ސްޕޯޓްސް ބްރޭންޑް ޕޫމާއިން ބުނެފިއެވެ.
ނަމަވެސް މިއީ މިހާރުން ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ނިންމި ނިންމުމެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ.
"އަލަށް ސޮއިކުރި ދެ ގައުމީ ޓީމު - އާ ސްޓޭޓްމަންޓް ޓީމެއް ހިމެނޭ ގޮތަށް މި އަހަރުގެ ފަހުކޮޅު އަދި 2024 ވަނަ އަހަރު އިއުލާން ކުރާއިރު، ސާބިއާ އާއި އިސްރާއީލް ފަދަ ބައެއް ފެޑެރޭޝަންތަކުގެ ކޮންޓްރެކްޓް 2024 ވަނަ އަހަރު ހަމަވާނެ. އަދި އެ އެއްބަސްވުންތައް ދެން އަލެއް ނުކުރާނެ" ޕޫމާގެ ތަރުޖަމާނު ވިދާޅުވިއެވެ.
މި ނިންމުމަކީ 2022 ވަނަ އަހަރު ނިންމި ނިންމުމެއް ކަމަށާއި އެއީ ޓީމް ޖާޒީ ޑިޒައިންކޮށް ތަރައްގީ ކުރުމަށް ގަވާއިދުން ކަނޑައަޅާފައިވާ ޓައިމްލައިންތަކާ އެއްގޮތް ނިންމުމެއް ކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.
ފަލަސްތީނުގެ 200 އަށް ވުރެ ގިނަ ކުޅިވަރު ޓީމުން ވަނީ އިސްރާއީލް ފުޓްބޯޅަ އެސޯސިއޭޝަން ސްޕޮންސާ ކުރުން ހުއްޓާލުމަށް ޕޫމާއަށް ގޮވާލާފައެވެ. ސްޕޮންސާ ކުރުން ހުއްޓާނުލާނަމަ، އެއީ ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިންނަށް އާންމުކޮށް ކުރާ އަނިޔާތައް ހިމެނޭ ގޮތަށް އިންސާނީ ޙައްޤުތަކާއި އިސްރާއީލުން ޚިލާފުވާ ޚިލާފުވުންތަކަށް ޕޫމާއިން އެހީތެރިވާކަމުގެ ހެއްކެއް ކަމަށްވެސް އެ ޓީމުތަކުން ބުނެއެވެ.
ފަލަސްތީން ސޮލިޑަރިޓީ ކެމްޕޭން (ޕީއެސްސީ) އިން ބުނާ ގޮތުގައި ކެމްޕޭނުން ކުރި ޕްރެޝަރުގެ ސަބަބުން ޕޫމާއަށް ވަނީ އެތައް މިލިއަންގެ ގެއްލުންވެފައެވެ.
ޕޫމާއިން އިސްރާއީލުގެ ފުޓްބޯޅަ ޓީމަށް ސްޕޮންސާ ދޭން ހުއްޓާލަން ނިންމާފައިވާއިރު، މި ހަފުތާގެ ކުރީކޮޅު ފެޝަން ކުންފުނި ޒާރާ އިން ވަނީ ޣައްޒާގައި ޝަހީދުވެފައިވާ މީހުންގެ ހަށިތަކުގެ މަންޒަރު ދައްކުވައިދޭ ގޮތަށް އިޝްތިހާރުތަކެއް ހަދާފައެވެ. މިކަމުގެ ސަބަބުން ފަލަސްތީނަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ ޒާރާ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.