ސަރުކާރުގެ ހުރިހާ އޮފީހެއްގެ ބަޖެޓުން މުވައްޒަފުންގެ މުސާރައަށް ކުރަން ޖެހޭ ހަރަދު ފިޔަވައި ހުރިހާ ރިކަރަންޓް ހަރަދަކުން 15 ޕަސެންޓް އުނިކުރާނެ ކަމަށް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ޖިހާދު މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުގެ ހުރިހާ އޮފީހެއްގެ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން ކޮންމެހެން ދައްކަންޖެހޭ ބިލްތަކާއި މުވައްޒަފުންގެ މުސާރަ ފިޔަވައި ދެން ކުރަން ޖެހޭ ހަރަދުތަކުން 15 ޕަސެންޓް ކުޑަކުރާނެ ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިކަން ކުރަން ފަށައިގެން މިއުޅެނީ. ކޮންމެ ގޮތެއް ވިޔަސް ހަރަދު ކުޑަކުރަން އެބަޖެހޭ، އަޅުގަނޑުމެންނަށް ކުޑަ ނުކުރެވޭނީ ސަރުކާރުން ކޮންމެހެން އޮނާ ކުރަން ޖެހޭ ޕޭމަންޓްތައް، މިސާލަކަށް؛ ކޮންޓްރެކްޓްތަކުން ލާޒިމް ކުރާ ޕޭމަންޓްތައް، އެހެން ހަރަދުތައް ހަމަ މަދު ކުރެވޭނެ،" ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ޑިފެންސްގެ ބަޖެޓަށް ވެސް ބަދަލުތަކެއް ގެންނަން ވިސްނަވާފައިވާ ކަމަށާއި ހަރަދު ކުޑަކުރުމުގައި އެއްވެސް މުއައްސަސާއެއް އިސްތިސްނާ ނުކުރާނެ ކަމަށެވެ. އަދި ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށާއި ފައިނަލް ވުމުން އެ ވާހަކަ މީޑިޔާތަކާއި ހިއްސާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަރަދު ކުޑަކުރުމުގެ ވަރަށް ބޮޑަތި ފިޔަވަޅުތަކެއް އަޅަން ނިންމާ މަސައްކަތް ކުރަމުން މިދަނީ، އެ ފިޔަވަޅުތައް ހުރީ، ފައިނަލް ވީމަ ހާމަކުރަމުން ގެންދާނަން،" ޖިހާދު ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރުމުގެ މައްސަލައިގައި ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެކަމަށް އޮތް ހުރަހަކީ މިނިވަން މުއައްސަސާތަކުގެ ފަރާތްތަކުގެ މުސާރަ ކުޑަނުކޮށް ސިޔާސީ ބޭފުޅުންގެ މުސާރަ ކުޑަކުރުން ކަމަށެވެ.

"މީގަ ހުރަހަކީ މިނިވަން މުއައްސަސާތަކުގެ ބޭފުޅުންގެ މުސާރަތައް ހުރިގޮތައް ހުއްޓާ ސިޔާސީ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން ޖެހުން، ބައެއް ބޭފުޅުންގެ އެކަހަލަ ހިޔާލުތައް އެބަހުރި. އެކަމާވެސް މިދަނީ މަޝްވަރާ ކުރަމުން،" މިނިސްޓާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ނިޒާމް ޕްރައިވެޓް ކްލިނިކްތަކަށް ފުޅާކުރިޔަސް ކަނޑައަޅާފައި އޮތް ބަޖެޓުން އެބައި ހަމަޖައްސޭނޭ ކަމަށާއި އާސަންދަ ފުޅާ ކުރިއަސް މައްސަލަ ދިމާނުވާނެ ކަމަށް ޓެކްނިކަލް ބޭފުޅުން ލަފާ ދެއްވާފައިވާ ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ނިންމީ ދައުލަތުގެ ބަޖެޓް ވަރަށް ބޮޑަށް ޑެފިސިޓްވެ ސަރުކާރުން މިއަހަރަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ބަޖެޓް 18 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީއަށް ލަފާކުރެވުމުންނެވެ. އެއީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ދައުލަތުގެ ހަރަދުތައް ދުވަހުން ދުވަހަށް ބޮޑުވެ ދައުލަތުގެ ޑެފިސިޓް ބޮޑުވާ މައްސަލައިގައި އައިއެމްއެފުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެން ކަމުން ދައުލަތުގެ ޑެފިސިޓް ބަޖެޓް 27 ޕަސެންޓަށް އުފުލޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.