ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި އެފްސީ ކޯޕެންހޭގަން އާއި ގަލަތަސަރާއީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި މި މުބާރާތުގެ ދެވަނަ ބުރުން ކޯޕެންހޭގަން ޖާގަހޯދައިފިއެވެ.

ކޯޕެންހޭގަންގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމް ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ގަލަތަސަރާއީއެވެ.

ނަމަވެސް މިއާއެކުވެސް ގަލަތަސަރާއީއަށް ކޯޕެންހޭގަންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި މެޗަށް ނިކުންއިރު މި ދެ ޓީމްވެސް އޮތީ ފަސް ޕޮއިންޓުން އެއްވަރުވެ އަދި މި މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ދެވަނަ ބުރުގެ ޖާގަ އެ ޓީމަކަށް ލިބޭ ގޮތަށެވެ. އެހެން ކަމުން މި ދެ ޓީމުން ވެސް މި މެޗްގައި ވަނީ މިޖާގަ ކަަވަރު ކުރެވޭތޯ މަސައްކަތް ކޮށްފައެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މި މެޗްގެ ހަމައެކަނި ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާ ކޯޕެންހޭގަންއަށް ލީޑު ނަގައިދިނީ އެލިއަސް އަޝޫރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލޫކަސް ލެރާގާއެވެ. މިލަނޑާއެކު ކޯޕެންހޭގަންއަށް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައިރު ގަލަތަސަރާއީއިން ވަނީ އެ ޓީމްގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް ކޯޕެންހޭގަންގެ ގޯލަށް އިތުރަށް ނުރައްކާ ކުރަން ފަށައިފައެވެ. މިގޮތުން ގިނަ ހަމަލާތަކެއް އެ ޓީމުން ވަނީ މެޗްގެ ފަހު ކޮޅު އުފައްދާފައެވެ.

މި މެޗްގެ ފަހު މިނެޓްގައިވަނީ ކޯޕެންހޭގަންއަށް މި މެޗްގެ ހަމައެކަނި ލަނޑު ޖަހާދިން ލެރާގާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާފައެވެ.

މި މެޗުން މޮޅުވުމުން ކޯޕެންހޭގަން ދެވަނަ ބުރަށް ދިޔައީ ކުޅުނު ހަ މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކުއެވެ. މިއީ 2010-2011 ވަނަ އަހަރުގެ ސީޒަނަށްފަހު މިމުބާރާތުގެ ދެވަނަ ބުރުން ކޯޕެންހޭގަންއަށް ޖާގަހޯދުނު ފުރަތަމަ ފަހަރެވެ. އަދި ގަލަތަސަރާއީ ވަނީ ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ގްރޫޕްގެ ތިން ވަނަ ޓީމްގެ ގޮތުގައި ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޕްލޭ އޮފް އިން ޖާގަ ލިބިގެން ގޮސްފައެވެ.