13 Dec 2023, 06:52
އިޓަލީގެ ލެޖެންޑް ޖިއޯޖިއޯ ކިއެލީނީ، އުމުރުން 39 އަހަރުގައި ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކޮށްފިއެވެ.
ކެރިއަރުގައި ކިއެލީނީ އެންމެ ފަހު މެޗު ކުޅުނީ އެމެރިކާގެ ލޮސް އެންޖެލެސް (އެލްއޭ) އެފްސީއާ އެކު އެމްއެލްއެސް ކަޕް ފައިނަލުގައެވެ. މިދިޔަ ހޮނިހިރު ދުވަހު ކުޅުނު އެ މެޗުގައި ކޮލަމްބަސް ކްރޫ އަތުން އެލްއޭ އެފްސީ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
ރިޓަޔާމަންޓް އިއުލާންކުރުމަށް އެކްސްގައި ކިއެލީނީ ކުރި ޕޯސްޓެއްގައި ބުނީ މުޅި ހަޔާތުގައި އެންމެ މުހިންމު ކަމަކަށް އޮތީ ފުޓުބޯޅަ ކަމަށާއި ފުޓުބޯޅައާ އެކު ތަފާތު އަދި ހަނދާނުން ފުހެވިގެން ނުދާނެ ހަނދާންތަކެއް އެކުލެވޭ ކަމަށެވެ.
"މިއީ އާ ސަފްހާއެއް ފަށަންވީ ވަގުތު، އަދި އެ ސަފްހާތަކުގައި މުހިންމު އާ ވާހަކަތަކެއް ލިޔަންވީ ވަގުތު،" ކިއެލީނީ ބުންޏެވެ.
އެލްއޭއެފްސީއާ ގުޅުމުގެ ކުރިން ދިގު މުއްދަތަކަށް ޔުވެންޓަސްއަށް ކުޅުނު ކިއެލީނީ ވަނީ އެ ކްލަބާ އެކު ނުވަ ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ. އިޓަލީން 2020ގެ ޔޫރޯ ކާމިޔާބުކުރީ ކިއެލީނީގެ ކެޕްޓަންކަމުގެ ދަށުންނެވެ.
މިދިޔަ އަހަރު އެލްއޭއެފްސީއާ ގުޅުނު ކިއެލީނީ ވަނީ ފުރަތަމަ އަހަރު ވެސް އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފައެވެ.