މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި، ވޮކޭޝަނަލް ހަބް "ހުނަރު ވެހި" މިއަދު ހުޅުވައިފިއެވެ.

ހުރަވީ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދެވެ. މި ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ބައިވެރިވަޑައިގެންނެވިއެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމުކުރި ހުނަރު ވެހި ބިނާކުރުމުގެ މަޝްރޫއަކީ، ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށާއި، އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ހުނަރު ވެއްސަށް ބޭނުންވާ ވަޑާންކުރުމުގެ ސަމާނާއި، ކަރަންޓާއި ވައިރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލްއިން ވަނީ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ހުނަރު ވެހި ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން އެމްއޭސީއެލްއިން ފޯރުކޮށްދިން ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުނަރުވެހި ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެ ކުންފުންޏަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއެކު، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުނަރު ވެހިފަދަ ދެމެހެއްޓެނިވި ތަޢުލީމީ ބިނާއަކުން، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިޔުމަކީ ކުރާ އުންމީދެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ހުރަވީ ސުކޫލުގައި މި ޤާއިމުކުރިފަދަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް އެހެން ސްކޫލްތަކުގައި ވެސް ފެށުމަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ސާނަވީ ތަޢުލީމް ޙާސިލްކުރާ ހުރިހާ ދަރިވަރުންނަށްވެސް އެފަދަ ޕްރޮގްރާމްތަކުގެ ފައިދާ ފުރިހަމައަށް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޫލުގެ އަމާޒަކީ، ސްކޫލުގެ ދަރިވަރުންނަކީ ތަޢުލީމީ ގޮތުންނާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހެއްދެވުންކަމަށެވެ. ހުނަރު ވެހި ތަރައްގީ ކުރުމަށް ކުރެއްވި މަސައްކަތަށް އަލި އަޅުއްވާ ލައްވާ ޕްރިންސިޕަލް ވިދާޅުވީ، މިފަދަ ބޮޑު މަސައްކަތެއްކޮށް ނިންމާލެވުނީ މިފަދަ ކަންކަމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްވާ އަހަމިއްޔަތުގެ ސަބަބުންކަމަށެވެ.

ހުނަރު ވެހި ހުޅުވުމުގެ އިތުރުން، ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު އެ ސްކޫލުގެ "ދަސްވެށި" އަދި ލެއިޝާ ރޫމެއްގެ ގޮތައް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ މިއަދު ހުޅުވާފައެވެ. މިގޮތުން، ދަސްވެށި ހުޅުއްވައިދެއްވީ ޝަރީފެވެ. އަދި މަރިޔާދު ހުޅުއްވައި ދެއްވީ މާރިޔާ އެވެ.