ލ. ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުލް ހަސީބު އިބްރާހިމް ވީތަނެއް ނޭނގިގެން ކަމަށް ބުނެ ރަށު ކައުންސިލްގެ އިދާރާއިން ހޯދަން އިއުލާންކުރީ ޒާތީ ގޮތުން ކަމަށް ހަސީބު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ދަތުރުފުޅެއްގައި ލ. މާބައިދޫގައި މިވަގުތު ހުންނެވި ހަސީބު ވިދާޅުވީ އޭނާ ރަށުގައި ނެތީސް، އޭނާ ގެއްލިގެން ކަމަށް ބުނެ، ކައުންސިލް އިދާރާއިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި ލ. އަތޮޅު ކައުންސިލަށް އަންގާފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްޓަކައި ހުތްޖަތެއް ދައްކަންވެގެން ކަމަށެވެ.

ހަސީބު ވިދާޅުވީ އޭނާ ގެއްލިގެން ކަމަށް ބުނެ ހޯދަން އިއުލާން ކުރި އިރު، މިއަދު ހެނދުނު ވެސް ކައުންސިލްގެ ނައިބު ރައީސް އަލީ އައްސަދަށް ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށެވެ. އަދި ރަށުން ބޭރަށް ވަޑައިގަތީ ވެސް ސިޓީއަކުން އެކަން ކައުންސިލަށް އެންގުމަށް ފަހުގައި ކަމަށެވެ.

"މިއަދު ހެނދުނު ވެސް އަޅުގަނޑު ކައުންސިލްގެ ނައިބު ރައީސަށް ގުޅާ ވާހަކަ ވެސް ދެއްކިން. ދެން ކީއްވެގެންތޯ މިއަދު އަޅުގަނޑު ގެއްލިގެންނޭ ބުނެ، އިއުލާން ކުރަންވީ؟ އަޅުގަނޑުގެ ނޯކޮންފިޑެންސް ވޯޓެއް ނަގާ ވާހަ ދައްކާފައި ކޮންގެން އުޅޭ ކަމެއް ތިކަމަކީ. ނޯކޮންފިޑެންސް ވޯޓެއް ނަގަންޏާ މިހާރު ވެސް ނަގަންވީ. އެކަން ކުރަން ބޭކާރު ވާހަކަ ދައްކާކަން ނުޖެހޭ،" ހަސީބު ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބު ރައީސް އަލީ އައްސަދު ވިދާޅުވީ ހަސީބު މިއަދު ގުޅުއްވީ ވީނުވީއެއް ނޭނގި ގެއްލިގެން އެލްޖީއޭއަށާއި ލ. އަތޮޅު ކައުންސިލަށް އަންގައި ހޯދަން އިއުލާން ކުރި ފަހުން ކަމަށެވެ. ނަމަވެސް ވޭތުވެދި ދެ ދުވަހު ކައުންސިލުންނާއި މެންބަރުންނާއި އަތޮޅު ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުން ގުޅުމުން ވެސް އެއްވެސް ގޮތަކަށް ފޯނަށް ޖަވާބު ނުދެއްވާ ކަމަށެވެ.

"ރަށުން ބޭރަށް ވަޑައިގަތުމަށް އަޅުގަނޑަށް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުއްވި މި ހަފުތާގެ އާދީއްތަ ދުވަހު 11:00 އަށް އޮފީހަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ. އެހެން ވިދާޅުވެފައި އޮއްވާ އާދީއްތަ ދުވަހު ސަލާމް ފޮނުއްވެވީ. ދެން ހޯމަ ދުވަހުން ފެށިގެން އެއްވެސް ހަބަރެއް ނުވޭ. އަޅުގަނޑުމެން ގުޅީމަ ފޯނެއް ވެސް ނުނަންގަވާ. ކައުންސިލްގެ ރައީސް ވަޑައިގެން ނެތުމުން ކައުންސިލްގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައި ވަނީ. ސޮއި ކުރަންޖެހޭ އެއްޗެހީގައި ސޮއި ނުކުރެވި ހުރީ،" ނައިބު ރައީސް ވިދާޅުވި އެވެ.

ހަސީބު ވިދާޅުވީ ކައުންސިލްގެ ނައިބު ރައީސް ހައްދަވަނީ އިތުރުފުޅެއް ކަމަށާއި މިދިއަ ހޯމައާ އަންގާރަ ދުވަހު ވެސް އައްސަދަށް ގުޅުއްވި ކަމަށެވެ.

"ތިއީ ހަމަ ޒާތީ ގޮތުން އަޅުގަނޑާ ދިމާކުރަން ކޮށްގެންއުޅޭ ކަމެއް. އަޅުގަނޑު ޗުއްޓީއަށް އެދެން ސިޓީލީމަ ވެސް ޗުއްޓީއެއް ނުދޭ. އަޅުގަނޑު ގެއްލިގެން އިއުލާން ކުރި ކަމަށް ބުނެ މީޑިއާއަށް މައޫލުމާތު ދެއްވި ކައުންސިލްގެ މީޑީއާ އޮފިޝަލް މިދިޔަ މަހުގެ ނުވައެއްގައި ދިޔަ މީހާ އައީ މިމަހު 18ގައި. އެކަމަކު އޭނާ ހުރީ ސަލާމުގައި،"