04 Mar 2010, 15:52
"އަހަރެން އޮފީސް ނިމިގެން ގެއަށް އައިސް ކާރު ޕާކްކުރުމަށް ފަހު ލިފްޓަށް އެރީ މައްޗަށް ދިއުމަށް. ހަ ވަނަ ފްލޯއަށް ލިފްޓް ހުއްޓުމުން، ނިކުމެ އެޕާޓްމަންޓްގެ ދޮރު ހުޅުވަންވެގެން ތަޅުދަނޑި ޖެހިތަނާހެން ކަޓަރާއި ވަޅި ހިފައިގެން، މޫނުނިވާކޮށްގެން ތިބި ބަޔަކު އައިސް އަހަންނަށް ކުއްލިއަކަށް ހަމަލާދީ ތަޅަން ފެށީ. ދެން އަހަރެން ދިރިއުޅޭ އެޕާޓްމަންޓުގެ ތެރެއަށް ކުއްލި ގޮތަކަށް އަހަރެން ކޮއްޕާލި. އެވަގުތު މޫނު ނިވާކޮށްގެން ހުރި އިތުރު މީހަކު ވެސް އެތަނަށް އައި. އަހަންނަށް އޭރު ފެންނަނީ އެމީހުންގެ ލޮލާއި ތުންފަތް އެކަނި. އެމީހުން ވެގެން އަނެއްކާ ވެސް އަހަންނަށް ކަޓަރުން ބިރު ދައްކައި، ގައިގައި ތަޅަންފެށީ. ތަޅަމުން ގޮސް އެކަކު އަހަރެންގެ ނޭފަތްމަތީ ޖެހުމުން ވަރަށް ގަދައަށް ލޭވެސް އަންނަން ފެށި. އެތަނުން އެކަކު އަހަރެންގެ އަނގަމަތީ މާސްކިން ޓޭޕް އަޅާ، އަތްވެސް އެ ޓޭޕުން ބަނދެލީ. އަދި އަހަރެން ގައިގަ ވަރަށް ބާރަށް ތަޅަމުން އެމީހުން އަހަންނާ ސުވާލުކުރި ކޮބާ ފައިސާ؟ 'ކޮބާ ފައިސާ؟ ކިޔައިފައި. ދެން އެވަގުތު އެތަނުން އެކަކު އަހަރެން ލައިގެން ހުރި އެއްޗެހި ޗެކްކުރަން ފެށީ. އޭނަ އަހަރެންގެ ވޮލެޓާއި ގަޑި އަތުލީ.. ދެން ތިބި ތިން މީހުން އޭރު އަހަރެންގެ އެޕާޓްމަންޓްގެ ކޮޓަރިތަކަށް ވަދެ، ތަންތަން ހާވަނީ. އަހަރެންގެ ކޮޓަރިތެރޭ ހުރި ލެޕްޓޮޕް އެމީހުންގެ އަތުގައި އޮތް ދަބަހަށް އެޅި މަންޒަރު ދުށިން. އެމީހުން އެކަންތައް ކުރަން އުޅުނު އިރުވެސް، ހަމަ އިރުއިރުކޮޅާ އައިސް އަހަރެން ގައިގައި ތަޅާއި އަނިޔާކޮށް ހެދި.
އަސްލު ހަގީގަތުގައި އަހަރެންގެ ގޭގެ ހުރިހާ ތަނެއްވެސް ވަރަށް އޯޕަން ވާނެ. ކަބަޑާއި އަލަމާރިތައް ހުންނާނީ ތަޅުވެސް ނުލައި. އެކަމަކު އަހަންނަށް ހީވަނީ އެއް އަލަމާރި ހުރީ ތަޅުލާފައިހެން. އެއީ އެތަނުން އެކަކު އައިސް އަހަންނާ ސުވާލުކުރަންފެށި ކޮބާހޭ އަލަމާރީގެ ތަޅުދަނޑި ކިޔާފައި. އަހަރެން ބުނިން ހުރިހާ ތަނެއްވެސް ހުންނާނީ ތަޅުނުލައޭ. އެހެން ބުނީމާ އެމީހާ އަހަރެން ދަމާ ކޫއްތާފަ އެ ކޮޓަރިތެރެއަށް ގެންދިޔައީ. އޭރު ތަޅުދަނޑި އެތާ ކައިރީގައި އޮތް. ދެން އެމީހުން އެ އަލަމާރިވެސް ހުޅުވައި ހުރިހާ އެއްޗެއް ބޭރަށް އުކައި އެމީހުން ބޭނުންވާ އަގުބޮޑެތި އެއްޗެހިތައް ދަބަހަށް އެޅީ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓުވަންދެން މިކަންތައް ކުރިއަށްދިޔަ.
އަހަރެން ބައިންދައިފައި އިނީ ސޯފާގައި. އެމީހުން ބޭނުންވާހާ އެއްޗެއް ދަބަހަށް އަޅާ ނިމުމުން އެތަނުން އެކަކު އައިސް އަހަންނަށް ނުތެދުވެވޭ ގޮތަށް ބެލްޓަކުން އަހަރެން ބަނދެލީ. އަދި އެއަށްފަހު ބޭރުން ދޮރު ތަޅުލުމަށްފަހު ފިލީ އެ މީހުން.
އެ މީހުން ދިޔުމާއެކު އަހަރެން ވަރަށް މަސައްކަތްކޮށްގެން އަތުގައި އޮޅައިފައި ހުރި މާސްކިން ޓޭޕް ނެއްޓީ. ދެން ވަގުތުން ފޯނު ނަގައި އަހަރެންގެ އޮފީހުގައި އުޅޭ އާމިރަށާއި އިތުރު މީހަކަށް ގުޅައިފައި އަހަންނަށް އެހީވެދޭށޭ ބުނީ. އެމީހުން އައި އިރު ދޮރި ހުރީ ތަޅުލާފަ. އެކަމަކު ނަސީބަކުން ވީ ގޮތަކީ، ކުރީ ދުވަހު އަހަންނަށް އާދެވުނީ އެޕާޓްމަންޓުގެ ޑުޕްލިކޭޓް ތަޅުދަނޑި އޮފީހުގައި ބާއްވައިފަ. ދެން އެމީހުން އެ ތަޅުދަނޑި ގެނުވައިގެން އެޕާޓްމަންޓް ހުޅުވީ. އޭރުވެސް އަހަރެންގެ ގައިން ވަރަށް ގިނަ އަދަދަކަށް ލޭ އާދޭ.
އަހަރެން ބުނިން އެމީހުން ގާތު ގޭ ވެރިމީހާއަށް ގޮވާށޭ. ދެން ގޭވެރި މީހާ އާއި އޭނާގެ އަންހެނުންވެސް އެތަނަށް އައި. އެމީހުން ފުލުހުންނަށް ގުޅީ. ދެން ފުލުހުން އައިސް އަހަރެން ހޮސްޕިޓަލަށް ގެނައީ. އަސްލު އަހަންނަކަށް ނޭނގޭ އެމީހުން ގެންދިޔައީ ކޯޗިއްސެއް ކަމެއް ވެސް.
މިއީ އަހަންނަށް ކުރެވުނު ވަރަށް ހިތްދަތި ތަޖުރިބާއެއް. އަހަރެން މާލޭގައި އުޅޭތޭ ހަ އަހަރާއި ހަމަސް ދުވަސް މިވަނީ. އަހަރެން އަބަދު އަހަރެންގެ ރައްޓެހިންނާއި ގައުމުގެ މީހުން ކައިރީ ރާއްޖެއަކީ ވަރަށް އަމާން، ސުލްހަވެރި ތަނެކޭ ކިޔައިގެން ތައުރީފްކޮށް ހަދާ އުޅުނިން. އަކަމަކު... އިއްޔެގެ އެ ތަޖުރިބާއަށްފަހު، ގައިމު ވެސް އަހަރެންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ. އަހަރެން މިހިރީ ވަރަށް ބޮޑަށް ބިރުގަނެފައި.
މިމަހުގެ ފަހު ހަފްތާގައި ނޫނީ އަންނަ އޭޕްރިލްގެ ފުރަތަމަ ހަފްތާ ތެރޭ ފުރާގޮތަށް ހަމަޖެހިފައި އޮތީ ވެސް. އެކަމަކު އަހަރެން މަސައްކަތް ކުރާނަން ތަންކޮޅެއް އަވަހަށް ފުރައިގެންދެވޭތޯ.
އަހަރެން އަދިވެސް ހަނދާން އެބަހުރި. އެމީހުން އަހަރެންގެ އެޕާޓްމަންޓްތެރޭ އެހާ ފްރީކޮށް އުޅެ އުޅެފައި އަހަރެންގެ ތަކެތި ވަގަށް ގެންދަން މަސައްކަތް ކުރި އިރު އައިސް އަހަރެންގެ ގައިގަ، އިރުއިރު ކޮޅާ ތަޅާ ހެދި މަންޒަރު. އަސްލު އަހަންނަށް އެހާ ބޮޑު އަނިޔާއެއް ނުލިބުނީ އެމީހުން ބުނި ގޮތަށް ހަޅޭއްނުލަވާ، އެއްވެސް ގަދައެއް ނަހަދާ މަޑުމަޑުން އިނީމަކަން.
އެމީހުން ގެންދިޔަ ވޮލެޓުގައި ގާތްގަނޑަކަށް 3500 އާއި 4000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހުންނާނެ. އަދި 600 އެއްހާ ޑޮލަރުވެސް ވާނެ.. އެކަމަކު އެންމެ ބޮޑު މައްސަލައަކީ، އެވޮލެޓުގައި ވި އަހަރެންގެ ވޯކްޕާމިޓާއި ޑްރައިވިން ލައިސަންސާއި އައިޑީކާޑު ފަދަ މުހިންމު ލިޔުންތައް."