13 Dec 2023, 06:38
ހިންދީ ސިނަމާ ފަތަޙަ ކުރުމަށް ފަހު ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ އެކްޓަރު އަލީ ފަޒާލަށް މަޝްހޫރު ކޮރެއާ ވެބް ސީރީސް ކެރެކްޓާއަކަށް އަޑު އަޅައިދިނުމުގެ ފުރުސަތު ލިބިއްޖެއެވެ.
އަލީ ފަޒާލްގެ އަޑު ބޭނުންކޮށްގެން ޑަބްކޮށްފައި ވަނީ ކޮރެއާގެ މަޝްހޫރު ވެބް ނޮވެލް ކަމަށްވާ "ސޯލޯ ލެވެލިންގް" ނަމަކަށް ކިޔާ އެނިމޭޓެޑް ވެބް ސީރީސްއަކަށެވެ. އަލީ ފަޒާލްގެ އަޑުން ޑަބްކޮށްފައިވާ މި ސީރީސް ހިންދީ ބަހުން ރިލީޒްކުރުމަށް ނިންމާފައި ވަނީ ފެށޭ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކްރަންޗީރޯލް ނަމަކަށް ކިޔާ ޕްލެޓްފޯމަކުންނެވެ.
ހޮލީވުޑްގެ އޭ-ލިސްޓު ތަރިންކަމަށްވާ ގަލް ގެޑޮޓް އާއި ޖެރާޑް ބަޓްލާ ފަދަ ތަރިންނާ އެކު މަސައްކަތް ކޮށްފައިވާ އަލީ ފަޒާލް "ސޯލޯ ލެވެލިންގް"ގައި އަޑު އަޅައިދީފައިވާ ކެރެކްޓާ އަކީ ކޮރެއާގެ ސީ ރޭންކް ހަންޓާ ސޮންގް ޗިޔޫލްގެ ކެރެކްޓާއެވެ.
އެނިމޭޓެޑް ކެރެކްޓާއަކަށް އަޑު އަޅައިދިނުމަށް ލިބުނު ފުރުސަތަކީ މުޅީން ތަފާތު ތަޖުރިބާއެއް ކަމަށާއި "ސޯލޯ ލެވެލިންގް"ގެ ކެރެކްޓާތަކާއި ބައްދަލުވުމަކީ ނުހަނު އުފާވެރި ބައްދަލުވުމެއް ކަމަށް އަލީ ފަޒާލް ވަނީ ބުނެފައެވެ. އަބަދު ވެސް މަސައްކަތް ކުރަނީ ފިލްމީ ކެރިއަރުގައި ލިބޭ ފުރުސަތު ތަކުގެ ބޭނުން ކޮށްގެން މުޅީން ތަފާތު ކަންތައްތައް ތަޖުރިބާ ކުރުމަށް ކަމަށާއި ބައިނަލްއަޤުވާމީ ޤައުމުތަކުގައި ވެސް މަގުބޫލު ކޮރެއާ ސީރީސްއަކަށް އަޑު އަޅައިދޭން ލިބުނު ފުރުސަތާމެދު ފަޚުރުވެރިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އަލީ ފަޒާލް އާއި އަންހެނުން ރީޗާ ޗައްދާ
މި ވެބް ސީރީސްގެ ފުރަތަމަ ދެ އެޕިސޯޑުގެ އެކްސްކްލޫސިވް ޕްރިމިއާއެއް މި މަހުގެ 20ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި އޮންނާނެއެވެ.
ހޮލީވުޑް ފިލްމު "ކަންދަޚާރް" އިން މި އަހަރު ފެނުނު އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު ނެޓްފްލިކްގައި ރިލީޒްކުރި ފިލްމު "ޚުފިއްޔާ" އިންނެވެ.