މެންޗެސްޓާ ސިޓީން އަންނަ ޖެނުއަރީ ޓްރާންސްފާގައި ކްލަބު ބްރޫޖްގެ ކެނެޑާ ފޯވަޑް ޓަހޯން ބިއުކެނަން ބިޑުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޝައުގުވެރިވާ ބިއުކެނަންއަށް ބިޑުކުރާ އިރު، އޭނާއަށް ސިޓީން 50 މިލިއަން ޕައުންޑް ހަރަދުކުރަން ޖެހޭނެއެވެ.

އުމުރުން 24 އަހަރުގެ ބިއުކެނަން، ބްރޫޖްއާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ 18 މަސްދުވަސް އެބައޮތެވެ. ނަމަވެސް އެ ކްލަބުގައި ދިގު މުއްދަތަށް ދެމިހުންނަން ބޭނުން ނުވާ ކަމަށް ބިއުކެނަން ވަނީ މީގެ ކުރިން ބުނެފައެވެ.

ބިއުކެނަން އަކީ އާންމުގޮތެއްގައި ކަނާއަތް ފަޅިން ވިންގަށް ކުޅޭ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނަށްފަހު ސައުދީ ޕްރޯ ލީގުގައި ކުޅުމަށް ރިޔާދް މަހްރޭޒް، ސިޓީ ދޫކޮށްލުމާއެކު ރަސްމީކޮށް އެ މަގާމު ފޫބައްދާނެ ކުޅުންތެރިޔަކު އެ ކްލަބަށް އަދި ހޯދިފައެއް ނުވެއެވެ. ސިޓީން މިހާރު އެ މަގާމަށް ބޭނުންކުރަމުންދަނީ ފިލް ފޮޑެން ނުވަތަ ބެނާޑޯ ސިލްވާއެވެ.

އެމެރިކާގެ ނިއު އިންގްލެންޑް ރިވޮލޫޝަންއަށް ކުޅުމަށްފަހު ބިއުކެނަން، ބްރޫޖްއާ ގުޅުނީ 2021 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ކްލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި ވެސް ބެލްޖިއަން ޕްރޯ ލީގު ކާމިޔާބުކޮށްފައެވެ. މިސީޒަނުގެ މިހާތަނަށް ބްރޫޖްއަށް ކުޅުނު 19 މެޗުން ބިއުކެނަން ވަނީ ތިން ގޯލު ކާމިޔާބުކޮށްދީފައެވެ.