އިމިގްރޭޝަން ޑިޕާޓްމަންޓްގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެ މަޝްރޫއު ހަވާލުކޮށްފައިވާ މެލޭޝިއާގެ ކުންފުނި، ނެކްސް ބިޒުން އިމިގްރޭޝަނަށް ގިނަ އަދަދެއްގެ ލެޕްޓޮޕްތަކެއް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ދިއުމުން އެއްބާރުލުން ނުދިން ކަމަށް އޭސީސީ އިން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއާ ޓެސްޓް ކުރަން ކަމަށް ބުނެ ނެކްސް ބިޒުން އިމިގްރޭޝަނަށް ގިނަ އަދަދެއްގެ ލެޕްޓޮޕްތަކެއް ދީފައިވާ މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ދިއުމުން އެ ކޮމިޝަނުގެ އޮފިޝަލުންނަށް އެއްބާރުލުން ނުދީ އިމިގްރޭޝަނުގެ އެކަމާ ބެހޭ މުވައްޒަފުން އޮފީސް ގަޑި ނިމުމުން ގެއަށް ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ ވެލާނާގޭ އޮފީސް އިމާރާތުގައި ހުންނަ އިމިގްރޭޝަން ޑިޕާޓުމަންޓަށާއި ކަސްޓަމަށާއި އެ އާޕޯޓަށް އެ މައްސަލަ ތަހްގީގު ކުރުން ފޮނުވި އޭސީސީގެ މުވައްޒަފުނަށް އިމިގްރޭޝަނުން އެއްބާރުލުން ދީފައިނުވާ އިރު ބައެއް މުވައްޒަފުން މިހާރު ވަނީ ލެޕްޓޮޕްތައް ގެއަށް ގެންގޮސްފައި ކަމަށެވެ.

"ވެލާނާގެގައި ވެސް، އެންމެ ފުރިހަމަ އެއްބާރުލުމެއް، [ނުލިބުނު]. އަޅުގަނޑުމެން ވެސް މި ކުރަނީ އަމިއްލަ ކަމެއްނޫން. އަޅުގަނޑުމެން ވެސް އަޅުގަނޑުމެނަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް މި އަދާކުރަނީ،" ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއާ ޓެސްޓް ކުރުމަށް، ކަމަށް ބުނެ ނެކްސް ބިޒުން އިމިގްރޭޝަނަށް ގިނަ އަދަދެއް ލެޕްޓޮޕް ދީފައިވާ އިރު އޭސީސީ އަށް މައުލޫމާތު ލިބިފައި ވަނީ އެ ލެޕްޓްޕްތައް ވަނީ މުވަޒަފުނަށް ބަހާލާފައި ކަމަށެވެ. އަދި ބައެއް ލެޕްޓޮޕްތައް މުވައްޒަފުން ގެއަށް ގެންގޮސްފައިވާ ކަމަށް، ބައެއް މުވައްޒަފުންގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އޭސީސީ އިން ބަލަން ބޭނުންވީ އެ ވިދާޅުވާ ސޮފްޓްވެއާ ހުރީ ލެޕްޓޮޕްތަކަށް އަޅާފައިތޯ ކަމަށެވެ.

"ބައެއް ސްޓާފުންގެ ގޭގައި ހުރި ކަމަށް ވަނީ [ލެޕްޓޮޕް ތައް]. އެ ބޭފުޅުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ އެ (ލެޕްޓޮޕްތައް ) ހަވާލުކުރާކަށް. އަޅުގަނޑުމެން ބޭނުން އެ ބުނާ ސޮފްޓްވެއާ ވެސް އަޅާފައިއިންތޯ، އެއީ ރަނގަޅު ވާހަކައެއްތޯ ބަލަން،"

ބޯޑާ ކޮންޓްރޯލް ސިސްޓަމްގައި ބޭނުންކުރާ ސޮފްޓްވެއާ ޓެސްޓް ކުރުމަށް، އެ ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ މެލޭޝިއާގެ ކުންފުނި، ނެކްސް ބިޒް އިން އިމިގްރޭޝަން ޑިޕާޓްމަންޓަށް 70 ވަރަކަށް ލެޕްޓޮޕް ދީފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ގާތްގަނޑަކަށް 39 މިލިޔަން ޑޮލަރު (600 މިލިއަން ރުފިޔާ(ގެ އަގު ހުރި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ނެކްސްބިޒްއާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މައްސަލަ ޝަރީއަތަށް ހުށަހަޅައިފަ އެވެ.

އަދި ހައި ކޯޓުން ބުނެފައި ވަނީ އެ ކޯޓަށް ހުށަހަޅާފައި މައްސަލަ ނުނިމެނީސް އެ މަސައްކަތް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ.