"އެކްސް ކިއުޒް މީ…" ރާދިން ބާރަށް ގޮވާލުމާއެކު ފަހަތް ބަލާލާފައި އެމީހަކު ފިޔަވަޅުތައް އަވަސްކޮށްލިއެވެ.

އެމީހާގެ ފަހަތުން ހިނގަމުން ދިޔަ ރާދިން އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ. އެހެންނަމަވެސް އޭނާގެ އަޑާއެކު އެމީހާ ފިޔަވަޅުތައް ބާރުކޮށްލީއެވެ. އެމީހާއާ މައާލްއާ ކޮންމެވެސް ގުޅުމެއް ވާނެޔޭ ރާދިންގެ ހަވަނަ ހިއްސު އޭނާގެ ގާތުގައި ބުނަމުން ދިޔައެވެ. އެމީހާގެ ފަހަތުން ރާދިން ގޮސް ހޮސްޕިޓަލުން ނުކުތެވެ. އޭނާ އެތަނުގައި އޮތް ޓެކްސީއަކަށް އަރައިގެން ދިޔުމާއެކު ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ. މިފަހަރު އޭނާގެ އަތުން އެ މީހާ ގެއްލުނު ނަމަވެސް ދެން ފެންނަ ފަހަރު އެހެން ވާކަށް ލާހިކެއް ނޫނެވެ. އޭނާ އަނބުރާ ގޮސް މައާލްގެ ކޮޓަރިއަށް ވަތްއިރު، މައާލް އޮތީ ނިދިފައެވެ. އެމާ ނުކުތުމުން ރާދިން ގޮސް މައާލްއަށް ފުންކޮށް ބަލާލިއެވެ. އެ ނިތުގައި ބޮސް ދީފައި މާފަށް އެދިފައި އަނެއްކާވެސް އެ އަތުގައި ހިފާލިއެވެ. މިހާރު އޭނާ އިންތިޒާރުކުރަނީ މައާލްގެ ލޮލުގައި އަޅާފައިވާ ބޭސްގަނޑު ނައްޓާލާ މައާލްގެ ލޮލަށް ފެންނާނެ ދުވަހަކަށެވެ. މައާލްއާ އެކުގައި ނުހުރެވުނު ނަމަވެސް އެއީ އެ ހިތަށް ތަސައްލީއެއް ލިބޭނެ ކަމެކެވެ. މައާލްއަށްޓަކައި ކޮންމެވެސް ކަމެއް އޭނާއަށް ވެސް ކޮށްދެވުނު ކަމުގެ އިޙްސާސް އޭރުން ވާނެއެވެ.

އެތައް އިރަކު މައާލްއަށް ބަަލަން ހުރުމަށްފަހު، ރާދިން ގޮސް ސޯފާގައި އިށީނދެލިއެވެ. އޭނާގެ ލޮލަށް ނިދި ސަވާރުވެ ނިދުނީވެސް އެހެން އިންދައެވެ.

*****

ހަފްތާއެއް ފަސް

ފިނި މޫސުމް ފެށެން އުޅޭތީ ފަޒާގައި އާދަޔާ ޚިލާފް ފިނިކަމެއް ހިފާލާފައި ވެއެވެ. ބޯ އެއްޗެއް ނުލާ ބޭރަށް ނުކުމެއްޖެނަމަ މީހާ ފިނިވެގެން ރޫރޫއަޅައެވެ. ހޫނުފެނުން ފެންވަރާލައިގެން ނުކުތް ރާދިން، ހީޓަރު ބާރުކޮށްލީ ކޮޓަރިތެރޭގައިވެސް ފިނި ގަދަކަމުންނެވެ. އޭނާ ޓީޝާޓަކާއި ބޯ ޖެކެޓެއް ލަމުން ތައްޔާރުވެލިއެވެ.

ޑްރައިވަރަށް ގުޅާލުމަށްފަހު، ރާދިން ކޮޓަރިން ނުކުމެގެން ލިފްޓަށް އަރާ ތިރިއަށް ދިޔައިރު ޑްރައިވަރު އޭނާގެ އިންތިޒާރުގައި ތިރީގައި ހުއްޓެވެ. އޭރު ފަހެއްޖަހާ ބޮޑުވެއްޖެއެވެ. އިރުއޮއްސޭ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ފިނިކަން ވެސް ދިޔައީ ގަދަވަމުންނެވެ. ރާދިން ފެނުމާއެކު ޑްރައިވަރު ގޮސް ކާރުގެ ފަހަތު ސީޓު ހުޅުވާލަދިނެވެ. ކާރަށް އަރާ އިށީނދެފައި ރާދިން މުނީރަށް ގުޅާލިއެވެ.

"ބައްޕާ... ކޮބާ މައާލް؟ ބޭސްގަނޑު ނައްޓާލީތަ؟" އަތުގައި އޮތް ގަޑިއަށް ބަލާލަމުން ރާދިން ސުވާލުކޮށްލިއެވެ.

"ނޫން. އަދި ނުނައްޓާ... އިރުކޮޅަކުން އަންނަ ވާހަކަ ބުނި. ދަރިފުޅު ކޮންތާކު؟" މުނީރު ސުވާލުކޮށްލިއެވެ.

"ކާރުގައި... މި ދަނީ މިހާރު..." ރާދިން ބުނެލިއެވެ.

ރާދިންގެ ފޯނު ބާއްވާފައި މުނީރު މައާލް އޮތް ކޮޓަރިއަށް ވަދެލިއެެވެ. އެނދުގައި އިށީނދެލައިގެން އިންއިރު މައާލް ދިޔައީ ދެއަތް ދެއަތާ މޮޑެމުންނެވެ. އޭނާ ހާސްވެ ނުތަނަވަސް ވެފައިވާ މިންވަރު މުނީރަށް ފަހުމް ވިއެވެ. ކިތަންމެ ވަރަކަށް މައާލް ހިތްހަމަ ޖައްސައިދޭން ވާހަކަ ދެއްކި ނަމަވެސް، މިއަދު އެ މޫނުމަތިން އެއްވެސް ކަހަލަ ހަމަޖެހުމެއް އޭނާއަކަށް ނުފެނެއެވެ. އެކަމާ މުނީރު ކަންބޮޑުވި ނަމަވެސް އެއީ ކީއްވެގެންކަން އޭނާއަށް އެނގޭތީ މާ ބޮޑު އެއްޗެއް ނުބުނަނީއެވެ. ކުރެވޭ އުންމީދު ފެނަށް ވެދާނެތީ މައާލް ބިރުގަންނަނީކަން އޭނާއަށް އެނގެއެވެ. މައާލްއަށް ބަލަހައްޓައިގެން މުނީރު ހުރިއިރު، ދެން ކަންތައް ވާނެ ގޮތަކާ މެދުވެސް އޭނާ ވަނީ ކަންބޮޑުވެފައެވެ. ރާދިންއާ މައާލް ވަކިވާނީ ހެއްޔެވެ؟ ރާދިންގެ ދަރިއަކަށް ބަލިވެއިން އަންހެން ކުއްޖާއަށް ވާނީ ކިހިނެއްހެއްޔެވެ؟ އެ އަންހެން ކުއްޖާގެ ބަނޑުގައިވާ ދަރިފުޅުގެ ޒިންމާ ރާދިން އުފުލަން ޖެހޭނެއެވެ. ކުށެއް ކުރެވިއްޖެނަމަ އެ ކުށުގެ ސަބަބުން ދިމާވާ ކަންތަކުގެ ޒިންމާ ނަގަން ޖެހޭނެއެވެ. ރާދިންގެ ފަރާތުން އޭނާއަށް ފެނުނީ ދުވަހަކުވެސް އުންމީދުކުރި ފަދަ އަމަލުތަކެއް ނޫނެވެ. ކިތަންމެ ހިތްދަތިވީނަމަވެސް، ރާދިންއަކީ އޭނާގެ ދަރިއެކެވެ. އެއީ އޭނާގެ ލެއެވެ. ލޮލުގެ ކޮއިފަދައިން ލޯބިވާ ދަރިފުޅެވެ. އަނެއްކޮޅުގައި ވަނީ މައާލްއެވެ. އޭނާގެ އަންހެނުން ޝަމްލާއާއި ޝާކިރާ، ފަހުމާ އޭނާއާ ހަވާލުކުރި އަމާނާތެކެވެ. އެ ދުވަހުގެ ފަހުން މައާލް ވަރީގެ ވާހަކަ އޭނާގެ ކައިރީގައި ނުދައްކާތީ މައާލް ކަންތައް ކުރާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މައާލްގެ ހިތުގައިވާ ލޯތްބާއެކުވެސް ރާދިންއާއެކު އުޅެން އުނދަގޫވާނެކަމެވެ. އިސްވެ އެފަދަ ވާހަކައެއް މައާލްއާ ދަައްކަން މުނީރު ބޭނުންނުވަނީ އެއްވެސް ގޮތަކުން މައާލްއަށް "ޕްރެޝަރ" ކުރަން އޭނާ ބޭނުންނުވާތީއެވެ.

އޭގެ އިރުކޮޅެއްފަހުން، ޑޮކްޓަރު ޖޭމީ އައެވެ. އޭނާ މައާލްގެ ލޮލުގެ ބޭސްގަނޑު ނައްޓާ ވާހަަކަ ބުނުމުން މައާލްއަށް ސުވާލުކޮށްލެވުނީ އޭނާ ކަންބޮޑުވެފައިވީވަރުންނެވެ.

"އަހަންނަށް ފެންނާނެތަ؟" އިނގިރޭސިން މައާލް ކުރި ސުވާލެއް ޖޭމީ ރައްދު ދިނީ އިނގިރޭސިންނެވެ.

"ފެންނާނެ. ހާސް ނުވޭ..." ޖޭމީ ބުނެލިއެވެ.

"އިންޝާ ﷲ. ހުރިހާކަމެއްވެސް ރަނގަޅުވާނެ. " މުނީރުވެސް ވާހަކަ ދެއްކިއެވެ. އޭނާ ރާދިންއަށް މެސެޖެއްވެސް ކޮށްލިއެވެ. މިނެޓެއްވެސް ނުވަނީސް އޭނާ މިހުރީ ބޭރު ދޮރުކައިރީގައި ކަމުގައި ބުނެ ރާދިން ރިޕްލައި ކޮށްލިއެވެ.

މުނީރު ކުޑަކޮށް ދޮރު ހުޅުވާލާފައި، ޖޭމީ ބޭސްގަނޑު ނައްޓަން އުޅޭ ވާހަކަ ބުނެލިއެވެ. ރާދިން އެތެރެއަށް ބޯ ދިއްކޮށްލާފައިވެސް ވަންނަ ޚިޔާލެއް ނުކުރިއެވެ. ވަންނަން ބޭނުން ނުވާތީއެއް ނޫނެވެ. އެހެންނަމަވެސް، އޭނާ ވަންނަން ޖެހިލުންވީއެވެ. އެ ވަގުތުކޮޅު މައާލްއާ އެންމެ ގާތުގައި ހުންނަން ބޭނުންވި ނަމަވެސް، އެކަން އެގޮތަށް ކުރުމަށް އޭނާގެ ޒަމީރު ތަނެއް ނުދެއެވެ. ކުށުގެ އިޙްސާސް އަދިވެސް އޭނާގެ ހިތުން ފިލައިގެނެއް ނުދެއެވެ. ސޯފާތަކަށް އިޝާރާތްކޮށްލާފައި އޭނާ އެތަނުގައި މަޑުކުރާނަމޭ ރާދިން ބުނެލިއެވެ. އިސްޖަހާލައިގެން ހުރެ ޖީންސްގެ އަތް ޖީބަށް ޖަހާލާފައި ރާދިން ދުރަށް ހިނގައިގަތީ ހިތާ ދެކޮޅަށެވެ. އޭނާ މައާލްގެ ކައިރީގައި ހުންނަން ބޭނުންވެއްޖެ ނަމަ އެކަކަށްވެސް އޭނާ ނުހުއްޓުވޭނެއެވެ. މައާލްގެ މައްޗަށް އޭނާއަށް ވުރެ ބޮޑަށް ހައްޤު އޮންނަ އެހެން މީހެއް ނުހުންނާނެއެވެ. އެހެންނަމަވެސް އޭނާ އެކަން އެގޮތަށް ކުރާކަށް ބޭނުމެއް ނޫނެވެ. ގަދަ ބާރުން، ނޫނީ، މައާލް ނުރުހޭ ގޮތަކަށް އެއްވެސް ކަމެއް ކުރާކަށް ރާދިން ބޭނުމެއް ނޫނެވެ. އެއީ ކުރީގެ ރާދިންނަމަ އޭނާ ކަންތައް ކުރާނީ އޭނާ އަމިއްލައަށް ބޭނުންވާ ގޮތަށެވެ. އެކަމަކު މިހާރުގެ ރާދިން ތަފާތެވެ. އޭނާއަކީ އެހެން މީހުންގެ އިޙްސސްތަކަށް ޤަދަރުކުރާ މީހެކެވެ. ޚާއްސަކޮށް އަމިއްލަ ހިތުގެ ޙާލާ މެދު ނުވިސްނާ އޭނާއަށް ވިސްނެނީ މައާލްއާ މެދުގައެވެ. އެ އަންހެން ކުއްޖާއަށް ދެވުނު ދެރައާ މެދުގައެވެ. ވެވުނު ބޭވަފާތެރިކަމާ މެދުގައެވެ.

މޫނުގައި ދެ އަތް ކާތާލުމާއެކު ރާދިން ފުންނޭވާއެއް ލިޔެވެ. އޭނާއަށް އިރުއިރުކޮޅަކާ ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލެވެއެވެ. އޭނާއަށް ކެތްކުރެވުނީ ވަރަށް އުނދަގުލުންނެވެ.

މައާލްގެ ލޮލުގައި އަޅާފައިވާ ބޭސްގަނޑު ނައްޓަމުން ދިޔަ ނަރުސްކު އްޖާއަށްވެސް މައާލްގެ ޙާލަތު އިޙްސާސްވިއެވެ. ނޭވާ ފުންވެފައިވާއިރު، އޭނާގެ ނިތުން ފިނި ދަލެއް ހިއްލާލާފައިވެއެވެ. އޭނާ މައާލް ހަމަޖައްސާލަން ވާހަކަވެސް ދެއްކިއެވެ.

އެންމެފަހު ބޭސްގަނޑު ނައްޓާލީ ޖޭމީއެެވެ. ލޯ މަރާލައިގެން އިން މައާލްއަށް ބަލާލުމަށްފަހު، ޖޭމީ ވާހަކަ ދެއްކިއެވެ.

"ޔޫ ކެން އޯޕެން ޔުއަރ އައިސް ނައު." ޖޭމީ ބުނެލީ ހިނިތުންވެލަމުންނެވެ. މައާލްއަށް ފެންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮތް ފަދައެވެ. މުނީރުވެސް ހުރީ ހާސްވެފައެވެ. ކޮޓަރިތެރެއަށް ވެރިވީ ހަމަހިމޭންކަމާއެކު މައާލްއަށް ހިންދިރުވައިލެވުނީވެސް އުނދަގުލުންނެވެ. އޭނާ ލޯ މަރާ ތަގުޅިކޮށްލުމާއެކު، ޖޭމީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ލޯ ހުޅުވަން ބުނުމުން މައާލް ވާހަކަ ދެއްކިއެވެ.

"އައި އެމް ސްކެއާރޑް." މައާލްއަށް ބުނެވުނެވެ. އޭނާ އެހެން އިރުގަނޑަކު އިނދެފައި މަޑުމަޑުން އެސްފިޔަތައް ތަޅުވާލާފައި ލޯ ހުޅުވާލިއެވެ. ކުއްލިއަކަށް ލޮލަށް އެޅުނު އަލިކަމާއެކު އޭނާއަށް ދެލޯ މަރާލެވުނުއިރު، މައާލްގެ ތުންފަތަށާއި އަތުގައި ތުރުތުރު އެޅުމެއް ވެއެވެ. ދެވަނަ ފަަހަރަށް އޭނާ ލޯ ހުޅުވާލިއެވެ. އުނދަގޫވި ނަމަވެސް، ދެތިން ފަހަރު އެސްފިޔަތައް ތަޅުވާލުމުން އެ އުނދަގޫތައް ލުއި ވިއެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބަލައިލީ ޖޭމީއަށާއި ނަރުސްކުއްޖާއަށެވެ.

"އަލްޙަމްދުލިއްލާހި." މުނީރަށް ﷲ އަށް ޙަމްދު ކުރެވުނެވެ. އެއަޑާއެކު މައާލްއަށް މުނީރަށް ބަލާލެވުނެވެ.

"ބައްޕާ..." މައާލް އެހެން ގޮވާލިއިރު، އެ އަޑުގައި ތުރުތުރު އެޅުމެއް ވުމާއެކު، އަޑު ނުކުތީވެސް މަޑުމަޑުންނެވެ. މައާލްއަށް އެތަކެއް ފަހަރަކު ﷲ އަށް ޙަމްދު ކުރެވުނެވެ. މުނީރު އޭނާގެ ކައިރިއަށް އައުމުން މައާލް އެތަކެއް ފަހަރަކު މުނީރަށް ވެސް ޝުކުރު އަދާކުރިއެވެ. ރާދިން މަތިން ހަނދާންވެ ހިތަށް އުނދަގޫކަމެއް ވެރިވީ ނަމަވެސް، އޭނާ އެ އިޙްސާސްތައް ހިންދާލަން މަސައްކަތް ކުރިއެވެ. އެ ވަގުތު ލޮލަށް އަޅަން ޖެހޭ ބޭސް އެޅުމަށް ނަރުސް ކުއްޖާއަށް އިރުޝާދު ދީފައި، ޖާމީ މުނީރާއެކު ބޭރަށް ނުކުމެލިއެވެ. އެތަން ފެނި ރާދިންވެސް ސޯފާއިން ތެދުވެގެން ހިނގައިގަތެވެ. ބައްޕަގެ ތުންފަތް މަތީގައިވާ ހިނިތުންވުމާއި ޖޭމީގެ މޫނުމަތިން ފެންނަ ހަމަޖެހުމުގެ އަސަރުތަކާއެކު، އޭނާއަށް އެ ހިތުގައިވީ ސުވާލުތަކުގެ ޖަވާބު ލިބިގެން ދިޔައެވެ. އެދިޔަ ގޮތަށް ގޮސް ޖޭމީގެ ކައިރިއަށް ހުއްޓުމާއެކު ހުރިހާކަމެއް އޭނާއަށް އޮޅުންފިލައިފިއެވެ. ﷲއަށް ހަމްދުކުރުމާއެކު ރާދިންއަށް ވެސް އޭނާގެ މޫނުމަތީގައި އަތް ކަތާލާފައި ފުންނޭވާއެއް ދޫކޮށްލެވުނެވެ. މުނީރު ރާދިންގެ ކޮނޑުގައި ޖަހާލިއެވެ.

"މާދަމާ ޑިސްޗާރޖްކޮށްލާނަން." އެހެން ބުނެލާފައި ޖޭމީ ދިޔައީ އޭނާ އެޓެންޑް ވާންޖެހޭ އެމަރޖެންސީ ކޭސް އެއް އައުމުންނެވެ.

"މައާލް އޯކޭތަ؟" އޭނާ އަދިވެސް ޔަޤީން ކުރަން ބޭނުންވާފަދައެވެ. މުނީރު އާއެކޭ ބުނެ ބޯ ޖަހާލިއެވެ. ރާދިން މައާލް ކައިރިއަށް ވަންނަން ބޭނުންވެފައި ހުރިކަން މުނީރަށް އެނގެއެވެ. އެކަމަކު، ރާދިން އެތެރެއަށް ނުވަންނަން އެ ހުންނަނީ ކީއްވެގެންކަން ވެސް އޭނާއަށް އެނގެއެވެ.

މައާލްއަށް، ވަށައިގެން އަދިވެސް ބެލެނީއެވެ. އޭނާގެ ހިތަށް ކުރުވީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. އެހާ ދުވަސްފަހުން އެ ދެލޮލުގެ ފެނުން އަނބުރާ ލިބުމުން އެހިތުގައި ޖަހަމުން ދިޔަ ވިންދުތައްވެސް ހީވީ ތަފާތުވީ ހެންނެވެ. އެ ހިތަށް އަލުން އާ ދިރުމެއް ލިބުނުހެން އޭނާއަށް ހީވަމުން ދިޔައެވެ. ކޮންމެ ދުވަހަކު، އޭނާ ކުރި ދުޢާ މާތް ﷲ އިޖާބަ ކުރައްވަވައިފިއެވެ.

އެރޭ ބާރަ ޖަހާއިރު، މައާލް ނިދުމުން މުނީރު ގެއަށް ދިޔުމުން ރާދިން އެ ކޮޓަރިއަށް ވަދެލިއެެވެ. އޭނާ މައާލްއާ ކައިރިވެލާފައި މައާލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔަ ނަމަވެސް، އެހެންޏާ ހުންނަ ގޮތް ހުސްވެފައިވާ ފަދަ އަސަރުތައް ނުފެންނަހެން އޭނާއަށް ހީވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެމޫނުމަތިން ތަފާތުކަމެއް ރާދިންއަށް ފާހަގަ ކުރެވުނެވެ. އެއީ އޭނާއަށް ހީވާ ހީވުމެއް ހެއްޔެވެ؟ ނޫނީ އޭނާއަށް ކޮށްފައިވާ އަސަރުތަކުން ގަބޫލުކުރެވޭ ގޮތުން އެގޮތަށް ހީވަނީ ހެއްޔެވެ؟ އިންސާނާގެ ހިތަކީވެސް ފާޑެއްޖެ އެއްޗެކެވެ.

އޭނާ ހިތް ފުރޭންދެން އެ މޫނަށް ބަލަން ހުއްޓެވެ. ނިތުގައި ބޮސްދީގައި ލޮލުގައި ބޮސް ދިނެވެ. ހީވަނީ ފަހު ފަހަރަށް މައާލްއަށް ބަލަނީ ހެންނެވެ. ދެން އެ ފަދަ ފުރުސަތެއް ނުލިބިދާނެތީ ބިރުގަންނަނީއެވެ. މައާލްއާ ދުރަށް ދާންޖެހޭ ޚިޔާލުން އެކަނިވެސް އެބަ އޭނާގެ ހިތް ފޮތި ފޮތި ކުރެއެވެ. އެހެންނަމަވެސް، ކުރާނީ ކީއްހެއްޔެވެ؟ މައާލް ބޭނުންވަނީ ވަކިވާން ނަމަ އޭނާ އެކަންތައް ވެސް ކޮށްދޭނެއެވެ. އޭނާ އަމިއްލަ އެދުމަށްވުރެ ބޮޑަށް އަބަދުވެސް އިސްކުރާނީ މައާލްގެ އިޙްސާސްތަކެވެ. އެ ޖަޒުބާތުތަކާއި ނިންމުންތަކެވެ.

ރާދިން ގޮސް ސޯފާގައި އިށީނދެ ހަމަޖެހިލާފައި ލޯ މަރާލިއެވެ. ވެފައިހުރި ވަރުބައްޔާއެކު، އޭނާއަށް ނިދިޖެހޭކަށް މާ ގިނަ އިރެއް ނުނެގިއެވެ. އޭނާ ހުރީ އިރުކޮޅަކުން ނުކުންނަން ނަމަވެސް، ނިދުނީއެވެ. ހެނދުނު ހައެއް ޖަހަނިކޮށް މައާލްއަށް ހޭލެވުނެވެ. ލޯ ހުޅުވާލުމާއެކު، ފެނުނު ހުދުކުލައިގެ ސީލިންގާއެކު އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު، މައާލް ތެދުވެލިއެެވެ. އެއްލި ކަޅިއަކުން ސޯފާގައި ނިދާފައި އޮތް ޒުވާނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ނިދާފައި އޮތްއިރު، އޮތީ ބަލާ މީހާއަށްވެސް އުނދަގޫވާ ފަދަ ގޮތަކަށެވެ. އެ ދިމާލަށް ހިނގައިގަތްއިރު މައާލްގެ ހިތުގައި ވަނީ އެންމެ ނަމެކެވެ. ރާދިންއެވެ.

އޭނާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ހުއްޓި ރާދިންގެ މޫނަށް ބަލާލިއެވެ.

"ރާދިޢު..." މައާލްގެ ދުލުން ބޭރުވީ އެންމެ ފުރަތަމަވެސް އެ ނަމެވެ.

(ނުނިމޭ)