ޣައްޒާގެ މިހާރުގެ ހާލަތާއި އެހެން ގައުމުތަކުގައި ހިނގަމުންދާ މިފަދަ ހަނގުރާމަތަކަކީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމަށް ބޭނުންޖެހިފައިވާ މިންވަރު ދައްކުވައިދޭ މިސާލުތައް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްވިޒަލެންޑްގެ ޖެނީވާގައި "ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިޝްކަޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ކުރިމަގުގައި މައްސަލަތައް ހައްލު ކުރުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ އިންސާނީ ތަރައްގީއަށް އިސްކަންދިނުމުގެ ވިސްނުން ކަމަށެވެ. އަދި އިންސާނީ ހައްގަކީ އިތުރު ބަހުސެއް ނުކޮށް ލިބެންޖެހޭ ހައްގެއް ކަމަށާއި އެއީ މީހުންގެ ކަރާމާތް ރައްކާތެރިކުރުމަށް އެންމެ ކުޑަ މިންވަރުކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރަންވާނީ ސަރުކާރާއި ވިޔަފާރިތަކާއި ހުރިހާ މުއައްސަސާއެއް ހިމެނޭހެން ކަމަށް ވިދާޅުވެ، އިންސާނީ ހައްގުތަކާ ގުޅޭ އިލްމުތައް ފެތުރުމަށް ނައިބު ރައީސް ގޮވައިލެއްވިއެވެ. އަދި ސުލްހަމަސަލަސްކަމާއި ސަލާމަތް ކުރިއަރުވައި މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ވަކި ހަމަތަކެއްގެ މައްޗަށް ބިނާވެގެން ބައިނަލްއަގުވާމީ ގޮތުން ކަންކުރަމުން އަންނަ އުސޫލުތައް ބަލައިގަނެ ކުރިޔަށްދިއުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުކުރުމާއެކު ކަންކަން ނިންމުމުގައި އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަކުތަކާ ގުޅޭ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުން އިންސާނީ ހައްގުތަކުން މަހުރޫމްވެ، ކުރިމަތިލާންޖެހިފައިވާ ދަތި ހާލަތަށް އަލިއަޅުވާލައްވާފައެވެ. އަދިޣައްޒާގައި މިހާރުކުރިއަށްދާ އުދުވާންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ގޮވާލާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރެވެ.