23 May 2012, 17:48
އުސްފަސްގަނޑުގެ މައްސަލައިގައި މަޝްވަރާ ކުރަން އިށީންނަން ސަރުކާރުން ދިން ދައުވަތަށް އެމްޑީޕީން ދެކޮޅު ހަދައިފި އެވެ. އެމްޑީޕީން ބުނީ އުސް ފަސްގަނޑު މައްސަލައިގައި ހައުސި މިނިސްޓަރާ މަޝްވަރާ ކުރަން ނުޖެހޭ ކަމަށެވެ.
އުސްފަސްގަނޑު މައްސަލައިގައި ސަރުކާރާއެކު މަޝްވަރާ ކުރުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެމްޑީޕީއަށް ސިޓީއަކުން ދައުވަތު ދެއްވާފަ އެވެ.
މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ މަޝްވަރާކުރަން އެދި ފޮނުވި ސިޓީއަށް އެމްޑީޕީން ރައްދުގައި ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް ސިޓީން އެއްޗެއް ސާފު ނުވުމުން އެމްޑީޕީގެ ޖަވާބު ސާފުކުރީ ފޯނުން ގުޅައިގެން ކަމަށެވެ. ފޯނުން ގުޅުމުން މިނިސްޓަރާ ބައްދަލުކުރަން ބޭނުން ނުވާ ކަމަށް އެމްޑީޕީން ޖަވާބު ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ސިޓީގައި ސިޓީ ފޮނުވި ފަރާތެއް ވެސް ނެތް، އެވަރުން ވެސް އަޅުގަނޑުމެން ސިޓީ ބަލައިގަތިން، ދެން ސިޓީން އެއްޗެއް ސާފު ނުވެގެން ގުޅީމަ ވިދާޅުވީ އަޅުގަނޑާ ބައްދަލު ކުރާކަށް އެ މައްސަލައިގައި ނުޖެހޭނޭ،" މުއިއްޒު ވިދާޅުވި އެވެ. "މިއީ ޑިމޮކްރަޓިކް ވެއްޓެއްގައި އަޅުގަނޑު ދަންނަވާނީ ވަރަށް ދަށުދަރަޖައިގެ ކަމެކޭ. އަޅުގަނޑު އަދިވެސް އެބޭފުޅުންނާ މަޝްވަރާކޮށްލަން ވެގެން އެނދުނީމަ އެބޭފުޅުން ދެއްވި ޖަވާބު މިއީ،"
އެމްޑީޕީގެ ސްޕޯކްސްޕާސަން ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވީ މިނިސްޓަރުގެ ސިޓީއަށް އެމްޑީޕީން ދިން ޖަވާބަކީ އުސް ފަސްގަނޑު އެމްޑީޕީއާ ހަވާލުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުން ކަމަށާއި އެކަމާ މެދު މަޝްވަރާ ކުރަން ޖެހޭނީ ސިޓީ ކައުންސިލާ ކަމަށެވެ.
"އަޅުގަނޑުމެން އެއް ފޮޅުވަތުގެ ސިޓީއެއް ފޮނުވީ، ހަމައެކަނި ލިޔެފައި އިންނާނީ 'އުސްފަސްގަނޑު އެމްޑީޕީއާ ހަވާލުކޮށް ފައިވަނީ މާލޭ ސިޓީ ކައުންސިލުން ނެވެ' މިހެން، އޭގެ މާނަކައަކީ އަޅުގަނޑުމެން މުއާމަލާތެއް ކޮށްފައި އޮތީ ސިޓީ ކައުންސިލާއޭ، އެހެންވީމަ ތިބޭފުޅުން މަޝްވަރާ ކުރަންޏާ ސިޓީ ކައުންސިލާ މަޝްވަރާ ކުރައްވާށޭ،" އިންތި ވިދާޅުވި އެވެ.
އުސް ފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ސިޓީ ކައުންސިލަށް އެންގި ނަމަވެސް އެ ތަން ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ ފުލުހުން ވަނީ އެތަން ނެގުމުގެ ކޯޓު އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ބުނެފައިވަނީ އެތަން ނެގުމުގެ ކޯޓު އަމުރެއް ކުރިމިނަލް ކޯޓަށް ނެރެދެވެން ނެތް ކަމަށެވެ. ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ބެލުމަށް އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ ސިޔާސީ ހަރަކާތްތަކަށް އުސް ފަސްގަނޑު ދިނުމަކީ އެގުރިމެންޓާ ހިލާފުވުން ކަމަށް ނުބެލެވޭ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އުސް ފަސްގަނޑުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެ ފަސްގަނޑު އެމްޑީޕީ އަށް ދީފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު ސަރަހައްދެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލައިފަ އެވެ.އުސް