12 Dec 2023, 16:59
ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރް ވެސް މިއަދު ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.
އޭނާ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހަޅުއްވާފައި ވަނީ، މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމާ ގުޅޭގޮތުން މީގެ ކުރިން އާޒިމާ "ސަން"އަށް ވިދާޅުވީ މޭޔަރުކަމަށް ވާދަކުރަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް މެދުނުކެނޑި ކުރެއްވުން ކަމަށެވެ.
އެގޮތުން މިވަގުތަކީ ސަރުކާރާއެކު މަސައްކަތް ކުރާނެ މޭޔަރެއް ގެންނަންވީ ވަގުތުކަމަށް އާޒިމާ ވިދާޅުވިއެވެ.
"ރައީސް [ޑރ. މުޙައްމަދު] މުއިއްޒު އެބައޮތް ވަރަށް ރަނގަޅު ކޮމިޓްމަންޓްތަކެއް މާލޭ ރައްޔިތުންނަށް ދެއްވައިފައި. އެހެންވީމަ މި ގަޑީގައި ސަރުކާރާ އެކުގައި މަސައްކަތް ކުރެވޭނެ، ހީވާގި މުރާލި ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު ކަންތައް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ މޭޔަރުކަމަށް ފޯމް ހުށަހަޅުއްވުމަށް ފަހު -- އިންފިނިޓް މޮމެންޓްސް: މުހައްމަދު މާވީ
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނޭކަން އިއުލާނު ކުރައްވާ އާޒިމާ އެންމެ ފުރަތަމަ ނެރުއްވި ބަޔާނުގައި ވަނީ، މާލޭގެ މޭޔަރުކަމަށް އަންނަން ޖެހޭނީ މާލެ ހަގީގީ މާނައިގައި ތަރައްގީކުރެވޭނެ ގާބިލްކަން ހުރި ތެދުވެރި މީހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މިކަން ކުރުމަށް މިހާރުގެ މޭޔަރު އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މާލޭގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރަން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
"އަޅުގަނޑު ތިބޭފުޅުންނަށް އަރުވާ ޔަގީން ކަމަކީ އަޅުގަނޑަކީ މުރާލިކަމާއެކު ރެއާއި ދުވާލު ޚިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާނެ މީހަކަށް ވާނޭ ކަމެވެ،" އެ ބަޔާނުގައި ވެއެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ރައީސް މުއިއްޒު ވެރިކަމުގެ މަގާމަށް ހުވާ ކުރެއްވުމަށް މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން، މޭޔަރަކު ހޮވުމަށް ބާއްވައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ.
އަދި އަންނަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަމަށް ވެސް އީސީން ވަނީ އިއުލާނުކޮށްފައެވެ.