12 Dec 2023, 15:40
އަހަރު ދެ ފަހަރު މެޑިކަލް ޗެކަޕް އާސަންދަ ތެރެއިން ހަދަން ފުރުސަތު ދިނުމުގެ ބަދަލުގައި ނިޒާމު ބައްޓަންކުރުމުގައި ވިސްނުން ރަނގަޅީ ހެލްތު ސްކްރީނިން އެއްގެ ގޮތުގައި އެ ކަން ކުރެވޭނެހެން ހަމަޖެއްސުންކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
އާ ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވެ ގިނަ ކަންތައްތަކެއް އާސަންދަ ކަވަރޭޖުގައި ހިމަނައިފައެވެ. އޭގެ ތެރޭގައި މެޑިކަލް ޗެކަޕް ހެދުން ވެސް ހިމެނެއެވެ. ބައެއް ހާލަތްތަކުގައި އަހަރަކު ދެ ފަހަރު ވެސް ޗެކަޕް ހެދޭގޮތަށް ފުރުސަތު ދިނުން ވެސް ހިމެނެއެވެ.
އެއާއެކު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މި ކަމާ ގުޅިގެން ޒީނިއާ ވިދާޅުވީ އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭހެން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
ނަމަވެސް އޭގެ ބަދަލުގައި ހެލްތު ސްކްރީނިން އަކީ ރަނގަޅު ގޮތެއްކަމަށް އޭނާ ވިދާޅުވިއެވެ.
"ސްކްރީނިން އެއްގޮތަށް ތަންކޮޅެއް ސިމްޕަލްކޮށް ކަންނޭނގެ ގެންދާނީ. ކޮށްފައި ސްކްރީނިންގެ ތެރެއިން މިސާލަކަށް އިޝޫއެއް އައިޑެންޓިފައި ވެއްޖެޔާ ދެން ފުލް ޗެކަޕަކަށް ދާ ކަހަލަ ގޮތަކަށް،" ޒީނިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.
ސަރުކާރުންވަނީ ދަރިމައިވުމުގެ މައްސަލަތަކަށް ދޭ އައިވީއެފް ފަރުވާއާއި ޚިދުމަތާއި އަންހެނުންނަށް ދިމާވާ ޕީސީއޯއެސްއާއި އެންޑޯމެޓްރިއޯސިސް އަށް ދޭ ފަރުވާ އާސަންދައިން ފުލް ކަވަރޭޖު ލިބޭ ގޮތަށް ހަދަން ނިންމައިފައެވެ.
އެ ކަމާ ގުޅިގެން ކޮމިޓީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒީނިޔާ ވިދާޅުވީ އެ ބަލިތަކަށް ދޭ ފަރުވާއަކީ މިހާރު ކަނޑައެޅިފައިވާ ބަޖެޓުގެ ތެރެއިން ހަމަޖެއްސިދާނެ ފަރުވާއެެއް ކަމަށެވެ. އަދި އެ ކަމަށް އިތުރު ޚަރަދުތަކެއް މާ ބޮޑަކަށް ހިނގާނެކަމަށް ނުބެލެވޭކަމަށް ޒީނިޔާ ވިދާޅުވިއެވެ.
"ދެން އެކަމު މީގައި ސްކީމުގެ ގަވައިދު އިސްލާހުކޮށްގެން އައިމާ ހުރިހާ ކަމެއް އިމްޕްލިމެންޓް ކުރެވޭނީ،" ޒީނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ޚަރަދު އިތުރުވުމާ ގުޅޭގޮތުން ޒީނިޔާ ވިދާޅުވީ ގިނަ ފަހަރު އެ ކަން ވެގެންދަނީ ހަރުދަނާ ނިޒާމެއް ބައެއް ކަންކަމުގައި ނުހެދި ދޫވެފައި އޮތުމުން ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އެއް ބޭސް ސިޓީއަކަށް ތަކުރާރުކޮށް ބޭސް ގަތުމުގެ މައްސަލައެވެ.
އޭނާ ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތުގައި ވެސް އާސަންދައިން ކަވަރުކުރާ ކަންކަމުގައި ފައިނަލް ބިލު އަންނައިރު އިންތިހާއަށް ބޮޑުކޮށް އޮންނަ އަގު ހެލްތު މިނިސްޓްރީން ކޮންޓްރޯލުކުރެވޭ ގޮތެއް ނޯންނަކަމަށެވެ.
"ކުންފުންޏަށް ފުލް ޕޭމަންޓު ކޮންޓްރޯލް ނުކުރެވޭ. މިސާލަކަށް ސިޒޭރިއަންއަކަށް 1،000 ރުފިޔާ ކަނޑައަޅައިފައި އިންނައިރު 1،000 ރުފިޔާ އެ ދަނީ ޕްރޮސީޖާކަމަށް. ބަލިމީހާ ނިކުމެގެން އަންނައިރު އެބަ އަރާ ތިންލައްކައެއްހާ ރުފިޔާ،" އޭނާ ވިދާޅުވިއެވެ.
އެއާއެކު ޒީނިޔާ ވިދާޅުވީ އާސަންދައިން ކުރާ ޚަރަދު ކުޑަކުރުމަށް އެންމެ މުހިންމީ ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޚިދުމަތްތައް ގިނަކޮށް ފެންވަރު ރަނގަޅުކުރުން ކަމަަށެވެ.
މީގެ އިތުރުން ބޭހުގެ ކޮލިޓީ އާސަންދައިން ބަލާތޯ ޔަގީންކުރުމަށް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލާ ގުޅިގެން ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ އެއީ އާސަންދައިން އަދި ބަލާ ކަމެއް ނޫން ކަމަށެވެ.
އާސަންދައިން ޚަރަދުކުރާ ބޭސްތަކަކީ, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފައި ހުންނަ ބޭސްތައްކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެޕޭސިޓީއެއް މި ވަގުތަކު ނެތް ބޭސް އެއްޗެހި ޓެސްޓުކުރުމާއި އޭގެ ކޮލިޓީ ޗެކްކުރުމަށް. އަޅުގަނޑުމެން މިހާތަނަށް ފެށުނީއްސުރެ ވޭތުވެދިޔަ އަހަރުތަކުގައި ހަމަ ނަގަމުން މިއައީ ހަމަ އެމްއެފްޑީއޭއިން ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުން ހަމަ ޓެސްޓުތަކެއް ކޮށްފައި ކުންފުނިތަކާ އެއްޗެހި ޗެކްކޮށްފައި އެޕްރޫވްޑް ޑްރަގް، ރާއްޖެ އެތެރެކޮށް ވިއްކަން ހުއްދަ ދީފައި އިންނަ ލިސްޓު އަޅުގަނޑުމެން މި ގެންގުޅެނީ،" ޒީނިޔާ ވިދާޅުވިއެވެ.
ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ކަން ކުރުމަށް ޓަކައި އާސަންދައިގެ ތެރޭ ނިޒާމެއް ގާއިމްކުރުމާމެދު ވިސްނުމަކީ ރަނގަޅު ކަމެއްްކަމަށް އޭނާ ވިދާޅުވިއެވެ.