12 Dec 2023, 16:12
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ހަނގުރާމަކޮށްގެން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކުމަރުވަމުން ދާތީއާއި އިސްރާއީލުގެ އެންމެ އަސީރަކު މިނިވަން ކުރުމުގައި ވެސް އިސްރާއީލު ސިފައިންނަށް އެއްވެސް ކާމިޔާބެއް ނުލިބޭތީ ހަމަލާތައް ވަގުތީގޮތުން ހުއްޓާލައި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދާން ތައްޔާރަށް އޮތްކަަމަށް އިސްރާއީލު އަނެއްކާ ވެސް ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރީ އިސްފަރާތްތަކާ ހަވާލާދީ އެ ގައުމުގެ 'ޗެނަލް 12'އިން ބުނިގޮތުގައި ހަމަލާތައް ވަގުތީގޮތުން ހުއްޓާލައި ހަމާސްއާ އެކު އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދިޔުމުގެ ވާހަކަތައް ފަށަން މިހާރު އިސްރާއީލު އޮތީ ތައްޔާރަށެވެ. ނަމަވެސް ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓާލަން އިސްރާއީލު ބޭނުންނުވާކަމަށް އިސްރާއީލުގެ މީޑީއާ ބުނެއެވެ.
ހަމާސް ޖަމާއަތުންވަނީ ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ނުދާނެ ކަމަށާއި ހަމަލާތައް ހުއްޓާލާނަމަ ހުއްޓާލަންޖެހޭނީ ދާއިމީ ގޮތަކަށް ކަމަށް ބުނެފައެވެ. ދާއިމީ ގޮތަކަށް ހަމަލާތައް ހުއްޓާލާގޮތަށް ނޫނީ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ވެސް ދެން ނުދާނެކަމަށް ހަމާސްގެ އިސްވެރިއެއްކަމަށްވާ އުސާމާ ހަމްދާން ވިދާޅުވިއެވެ.
މީގެ ދެ ހަފުތާކުރިން އިސްރާއީލާއި ހަމާސްއިން ވަނީ ގަތަރު މެދުވެރިއަކަށް ވެގެން ހަމަލާތައް ވަގުތީގޮތުން ހުއްޓައިލުމާ އަދި އަސީރުންގެ މަދުބަޔަކު މިނިވަންކުރުމުގެ އެއްބަސްވުމަކަށް ގޮސް އެ އެއްބަސްވުން ތަންފީޒު ކޮށްފައެވެ. އެ އެއްބަސްވުމުގެ މުއްދަތަކީ ހަތަރު ދުވަހެވެ. ހަތަރު ދުވަހަށް ފަހު އިތުރު ތިންދުވަހަށް އެއްބަސްވުން ދަންމާލިއެވެ.
އިތުރު ތިންދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އިތުރު އަސީރުން މިނިވަންކުރިއެވެ. ނަމަވެސް ޖުމްލަ ހަތް ދުވަހަށްފަހު އިސްރާއީލުން ވަނީ އަނެއްކާ ވެސް ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އަލުން ހަމަލާތައް ދޭން ފަށާފައެވެ. ގަތުލުއާންމުތަކާއި ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް އަނެއްކާ ވެސް މެކުހަށް ޖަހާފައެވެ.
ދެވަނަ ފަހަރަށް ހަމަލާތައް ފެށި ފަހުން މިވީ ދެ ހަފުތާ ތެރޭގައި އިސްރާއިލުން ވަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ގެތަކާއި ސްކޫލްތަކާއި ކްލިނިކްތަކަށް ހަމަލާދީ އާންމުންގެ އަށެއްކަ ހާސް މީހުން އަލުން ޝަހީދުކޮށް އިތުރު އަށާރަ ވަރަކަށް ހާސް މީހުން ޒަޚަމްކޮށްލާފައެވެ.
ނަމަވެސް ހަމާސް ބަލިކުރުމަށްޓަކައި އެއްގަމު މަގުންކުރާ ހަނގުރާމައިގައި އިސްރާއީލުގެ ސިފައިންނާއި އެކި ލެވެލްގެ އޮފިސަރުން ދަނީ ގިނަ އަދަދަކަށް މަރުވަމުންނެވެ. އަދި، ހަމާސްގެ ރައްދު ހަމަލާތަކުގައި ޒަޚަމްކޮށްލާ އިސްރާއީލު ސިފައިންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ހަމާސްގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތައް ވެސް ރެކޯޑު މިންވަރަކަށްވަނީ ހަލާކުކޮށްލައިފައެވެ. މިކަމުގެ ސަބަބުން އިސްރާއީލު މިހާރު އޮތީ ބޮޑު ޝޮކެއްގެ ތެރޭގައެވެ.
އަނެއްކޮޅުން ހަމާސްގެ އަތްދަށުން އެންމެ އަސީރަކު މިނިވަން ކުރުމުގައި ވެސް އިސްރާއީލުގެ ލަޝްކަރުތައް ވަނީ މުޅިން ނާކާމިޔާބުވެފައެވެ. އަދި، ހަމާސް ބަލިކުރާނެކަމަށް ބުނެ އިސްރާއީލުގެ އިސްވެރިން ދައްކާ ވާހަކަތައް ވެސް އަބަދު ދަނީ ފަނަފުލުންނެވެ.
އިސްރާއީލު ސިފައިން ހަމާސްގެ މުޖާހިދުންނާ އެއްގަމުން ހަނގުރާމަ ކުރާތާ ދެ މަސްވީއިރު ވެސް އިސްރާއީލަށް ބޮޑެތި ނާކާމިޔާބީތަކެއް ނޫނީ ނުލިބެއެވެ. މިއާ އެކު ހަމާސްއާ ހަނގުރާމަކޮށްގެން އިސްރާއީލަށް އެއްވެސް ކާމިޔާބެއް ލިބިދާނެތޯ މިސުވާލު މިހާރުވަނީ ފެންމަތިވެފައެވެ.
ހަމާސްގެ ރައްދު ހަމަލާތަކުގައި ގިނަ އަދަދަކަށް އިސްރާއީލު ސިފައިން މަރުވެ އަދި ޒަޚަމްވަމުންދާތީ މިގޮތަށް ދިގުމުއްދަތަކަށް އިސްރާއީލަށް ހަމާސްއާ ހަނގުރާމަ ކުރެވިދާނެކަމުގެ ސުވާލު ވެސް މިހާރުވަނީ އުފެދިފައެވެ.
ހަމަލާތައް ވަގުތީގޮތުން ހުއްޓާލައި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ހަމާސްއާ އެކު ދާން ތައްޔާރަށް އޮތްކަން އިސްރާއީލުގެ މަސްއޫލުވެރިން ހާމަކޮށްފައިވަނީ ހަމާސްގެ އަތްދަށުން މި ނާކާމިޔާބީތަކާ އަދި މި ގެއްލުންތައް އިސްރާއީލަށް ތަކުރާރުކޮށް ލިބެމުންދާތީ ކަމަށް ވަނީ ބެލެވިފައެވެ.
ހަމާސްގެ މަސްއޫލުވެރިއެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓާލަން ދެން ހަމާސުން އެއްބަސްވާނީ ދާއިމީ ގޮތަކަށެވެ. ވަގުތީ ގޮތަކަށް ނޫނެނެވެ. އަދި، އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް ވެސް ދެން ދާނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ހުރިހާ އަސީރުން މިނިވަންކުރާ ގޮތަށެވެ.
އިސްރާއީލު ބުނާގޮތުން ހަމާސްގެ ރައްދު ހަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު މިހާރުވަނީ 445 އަށް އަރާފައެވެ. އަދި، ޒަޚަމްވީ ސިފައިންގެ އަދަދުވަނީ 6،000 އަށް ވުރެ މަތީގައެވެ. ނަމަވެސް ހަމާސްގެ ހަަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ ހަގީގީ އަދަދު 2،000އަށް ވުރެ މަތިވާނެ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އިސްރާއީލުގެ ގަތުލުއާންމުތަކުގައި ޝަހީދުކޮށްލި ފަލަސްތީނުގެ އާންމުންގެ އަދަދު މިހާރުވަނީ 18،000 އަށް އަރާފައެވެ. މީގެ ތެރެއިން 60 އިންސައްތައަކީ ކުޑަކުދިންނެވެ.