12 Dec 2023, 15:02
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވާއިރު، ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއެއްގެ މެންބަރުން އެއްކޮށް ތިބޭގޮތަށް ބަދަލުކުރަން އާންމު ކޮމިޓީން ނިންމި ނިންމުން، ކަމުނުދާ ކަމަށް މަޖިލީހުން މިއަދު ނިންމައިފިއެވެ.
މިހާރު މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބަވަނީ ނިސްބަތްވާ އަތޮޅާއި ރަށުގެ ތަރުތީބުންނެވެ. އެންމެ ކުރީގައި މާލެއަށް ނިސްބަތްވާ މެންބަރުން ތިއްބަވާއިރު، ދެން ތިއްބަވާ މެންބަރުން ތަރުތީބުކޮށްފައި ހުންނަނީ ހއ. އިން ފެށިގެން ސ. އާ ހަމައަށް ތަރުތީބުން ތިބޭ ގޮތަށެވެ.
އެ މައްސަލަ ދިރާސާކުރުމަށް ފަހު، އާންމު ކޮމިޓީން ނިންމީ ސިޔާސީ ޕާޓީތައް ވަކިވަކީން ތިބޭ ގޮތަށް މަޖިލީހުގެ ތަރުތީބު ބަދަލުކުރާށެވެ.
އެގޮތަށް ނިންމައި، އާންމު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުއެވެ. އެ މައްސަލައިގައި ވޯޓަށް އެހީ މިއަދެވެ.
މިއަދުގެ ޖަލްސާގައި އެ މައްސަލައަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވީ 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވަނީ ޕާޓީތައް ވަކިވަކިން ތިބޭ ގޮތަށް ތަޅުމަށް ބަދަލުގެންނަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. ކޮމިޓީގެ ރިޕޯޓާ އެއްގޮތަށް މެންބަރުން ތިބޭ ގޮތަށް ބަދަލުގެންނަން ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
އެހެންވެ، އާންމު ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ ތަޅުމަށް ބަދަލު ގެންނަން ފާހެއް ނުވިއެވެ.