23 May 2012, 16:44
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޝާހު އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ގައުމީ ހިންގާ ކޮމިޓީ މިއަދު ބޭއްވި ބައްދަލުވުމުގައި މިގޮތަށް ނިންމީ ބައްދަލުވުމަށް ވަޑައިގެންނެވި 22 މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންވި ބައްދަލުވުމުގައި ޝާހު މަގާމުން ވަކިކުރަން ގައުމީ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން ވެރިކަން ބަދަލުވި ގޮތް ދިރާސާކުރަން އެމްޑީޕީން ނަގާފައިވާ 7 މެންބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ ބަދަލުގައި ޝިފާ މުޙައްމަދު އެ ކޮމިޓީގައި ހިމެނުމަށް ވެސް ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ފާސްކުރި އެވެ.
އެމްޑީޕީގެ ހަތް މެންބަރުންގެ އެ ކޮމިޓީއަކީ ފެބުރުއަރީގައި ހަތް ވަނަ ދުވަހު ހިނގި ކަންކަމާއި އަދި އެކަންކަމާއި ގުޅޭ ކަންކަމަށް ރިއާޔަތްކޮށް ކުރަންޖެހޭ ކަންކަން ބަލައި ދިރާސާކޮށް ރައީސް މުހައްމަދު ނަޝީދަށާއި ޕާޓީގެ ލީޑާޝިޕަށް ލަފާދިނުމަށް ޤައުމީ ހިންގާ ކޮމިޓީން އުފައްދާފައިވާ ކޮމިޓީއެކެވެ.
މި ކޮމިޓީގައި ޝިފާގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ރައީސް ނަޝީދުގެ ކެބިނެޓް މިނިސްޓަރުން ކަމަށްވާ މުޙައްމަދު އަސްލަމާއި ޙަސަން އަފީފާއި އަޙުމަދު ނަސީމާއި މުޙައްމަދު ޝިހާބު އަދި ސަރަނގު އާދަމް މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދެވެ.