ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު ހޯދައި ޚިދުމަތްތައް ފުރިހަމައަށް ދިނުމަށް ފުރަތަމަ ކުރަންވީ ކަމަކީ މާލޭ ސިޓީ ކައުންސިލްގެ އެތެރޭގެ މައްސަލަތައް ހައްލުކުރުންކަމަށް މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން މިއަދު ވަނީ، ފޯމު ހުށަހަޅުއްވައިފައެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ހުންނަވާ މީޑިއާތަކާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ ޚިދުމަތްތައް މިހާރު ލިބެނީ ކޮންމެ ވެސް ކައުންސިލް މެމްބަރެއް މެދުވެރިކޮށް ގުޅައިގެން ކަމަށެވެ.

ނަމަވެސް އެއްވެސް ޚިދުމަތަކީ ތަނުގެ ހިންގުމުގައި ހުންނަ ވެރިޔާއާ ގުޅައިގެން ހޯދަންޖެހޭނެ ޚިދުމަތެއް ނޫންކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އެތަނަކީ ރައްޔިތުންގެ ބޭނުންވާ އަވަސް ޚިދުމަތް ލިބޭ މީހުންނާ ނުގުޅާ ފަސޭހަ ޚިދުމަތް ލިބޭ ތަނަކަށް ހަދައިދިނުން،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންސިލްގެ މަސައްކަތްތައް މިހާރު ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތައް ނޫންކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލަށް ލިބޭ އާމްދަނީއާއި، ކުރާ ޚަރަދުތައް ރައްޔިތުންނަށް ހާމަކޮށްދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރުކަމަސް ވާދަކުރަން ފޯމު ހުށަހެޅުއްވުމަށް ފަހު އާޒިމް އީސީގައި -- ފޮޓޯ/ އިންފިނިޓް މޮމެންޓްސް: މުހައްމަދު މާވީ

މީގެ އިތުރުން އޭނާވަނީ މަގާމު އޮތީމައި 'ހަމަ' އެ މަގާމަށް ކުރިމަތިލައްވަނީ ނޫން ކަމަށެވެ.

މަގާމަށް ކުރިމަތިލައްވަނީ ޚިދުމަތްކޮށްދޭން ކަމަށާއި މާލެއަކީ ރައްޔިތުން ދިރިއުޅޭ ހިތުން އުޅޭ ތަނަކަށް ހަދައިދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެއްތަނުން އަނެއްތަނަށް ދެވެނީކީ ނޫން، މަގުމައްޗަށް ދެވެނީކީ ނޫން، އަޅުގަނޑުމެންގެ ދުވަސްވީ މައިންބަފައިންނާ، މާމަމެންނާއި ކާފަމެންނަށް ނުކުމެލެވޭ ތަނެއް އޮންނަނީކީ ނޫން،" އޭނާ ވިދާޅުވިއެވެ.

މާލޭގައި ޕާކު ކުރެވޭނެ އިންތިޒާމާއި ޕާކުތައް ވެސް މުހިންމުކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އިންތިޚާބުވާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ ކަންކަމަށް މަސައްކަތް ކުރައްވާނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭޔަރަކު ހޮވުމަށް ބާއްވައި އިންތިޚާބަށް ކުރިމަތިލިމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައި ވަނީ މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި އަންނަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަމަށް ވެސް އީސީން ވަނީ އިއުލާނުކޮށްފައެވެ.