މާލީ ވަޒީރުގެ މުޝީރަކަށް، ކުރީގެ މާލީ ވަޒީރު އަހުމަދު މުނައްވަރު މިއަދު އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު އަރުވައިފިއެވެ.

މުނައްވަރުގެ އިތުރުން ވެސް މި މަގާމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ބޭފުޅަކު އައްޔަންކުރައްވައިފައެވެ. އެއީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރެވެ.

އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމުގެ ފަތްކޮޅު އަރުވަނީ-- ފޮޓޯ/ ރައީސް އޮފީސް

މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ދެ ބޭފުޅުން މާލީ ވަޒީރުގެ މުޝީރުކަމުގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ. އަދި، ދެ ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.

މުނައްވަރަކީ ކުރީގެ ޕީޕީއެމް ސަރުކާރުގައި މާލީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 2016 ވަނަ އަހަރެވެ. އެއީ، އޭރު މާލީ ވަޒީރަކަށް ހުންނެވި އަބްދުﷲ ޖިހާދު ނައިބު ރައީސްކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

އަހުމަދު ނަސީރު ގަވަރުނަރުގެ މަގާމު ލިބިވަޑައިގަތީ 2017 ވަނަ އަހަރުއެވެ. އޭނާ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ 2019 ވަނަ އަހަރުގެ ޖުލައި 24 ގައެވެ. އޭނާ އިސްތިއުފާދެއްވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ތުހުމަތުވެ، އޭނާގެ މައްސަލަ މަޖިލީހުން ބަލަން ފެށުމުންނެވެ.