ސީއީސީ ހިދުމަތް އަތޮޅުތަކަށް ދިނުމުގެ މަޝްރޫއުގެ ދަށުން 10 ރަށަކާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަނުން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޓުރާންސްޕޯޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރީ ހއ. ތުރާކުނު ކައުންސިލާއި އެ އަތޮޅު މާރަންދޫ ކައުންސިލާއި ހދ. ކުރިނބީ ކައުންސިލާއި ށ. މަރޮށީ ކައުންސިލާއި ނޫމަރާ ކައުންސިލާއި ރ. ރަސްގެތީމް ކައުންސިލާއި ބ. މާޅޮހު ކައުންސިލުގެ އިތުރުން ވ. ފެލިދޫ ކައުންސިލާއި ޏ. ފުވައްމުލަކު ކައުންސިލުންނެވެ.

ރަށްތަކުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންމެ ރަށެއްގެ ވެސް ކައުންސިލުގެ މެންބަރެކެވެ. މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދެވެ.

މިއީ ސާކްގެ ޑިވެލޮޕްމެންޓް ފަންޑުގެ ދަށުން މައުލޫމާތާއި މުވާސަލާތާއި ޓެކްނޮލޮޖީގެ ފައިދާ ލިބޭނެ ކޮމިއުނިޓީ އީ ސެންޓަރުގެ (ސީއީސީ) ނިޒާމެއް ފޯރުކޮށް ދިނުމަށް އަތޮޅުތަކުގައި ގާއިމްކުރާ 50 ކޮމިއުނިޓީ ސެންޓަރުގެ ތެރެއިން 10 ސެންޓަރުގެ މަސައްކަތުގެ އެއްބަސްވުމެކެވެ.

މިނިސްޓަރު ޝަމްހީދު މިއަދު ވިދާޅުވީ މި ނިޒާމްގެ ދަށުން އިންޓަނެޓާއި އެހެނިހެން ހިދުމަތް ލިބިގެންދާނެ ކަމަށާއި ސަރުކާރުން އޮންލައިންކޮށް ދޭ ހިދުމަތްތަކަށް ފަސޭހަކަމާއިއެކު ލިބުމުގެ ފުރުސަތު ހުޅުވޭނެ ކަމަށެވެ. އެއްބަސްވުމުގެ ދަށުން އެއިން ކޮންމެ ރަށަކަށް ވެސް އަށް ކޮންޕިއުޓަރާއެކު އިންޓަނެޓްގެ ހިދުމަތް ދޭނެ ކަމަށާއި އެ ރަށެއްގެ ކައުންސިލުގެ ޒިންމާއަކީ އެކަން ކުރާނެ އިމަރާތެއް ހޯދާ އެތަން ބެލެހެއްޓުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްުޔާތުގައި މާރަންދޫ ކައުންސިލުގެ ރައީސް ހަސަން ރިޒާ ވިދާޅުވީ ކުދިކުދި މުޖުތަމައުތަކުގައި އިންޓަނެޓަކީ މީގެ ކުރިން އެހާ އަހުލުވެރި ހިދުމަތެއް ނޫން ކަމަށާއި ނަމަވެސް މި ފުރުސަތުގެ ސަބަބުން ހިދުމަތް ދިނުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.

ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން ވަނީ މިއަދު ސޮއިކުރެވުނު 10 ރަށުގެ ކައުންސިލުގެ މެމްބަރުން އެކަމަށް އަހުލުވެރި ކުރުވުމަށް ހަތަރު ދުވަހުގެ ކޮމިއުނިޓީ އީ ސެންޓާ ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕެއް ބާއްވާފަ އެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން މި އަހަރު 50 ރަށަކަށް ހިދުމަތް ދޭނެ ކަމަށެވެ.