12 Dec 2023, 09:48
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވުމުން ވެސް ތަޅުމުން ނުނިކުތުމުން، ޖާބިރު މަޖިލީހުގައި ނެތްކަމަށް ބަަލައި، މަޖިލިސް ކުރިއަށް ގެންގޮސްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ އެޖެންޑާކޮށްފައި އޮތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ސުވާލުކުރުމެވެ. ނަމަވެސް ޖަލްސާ ފެށުމުގެ މާ ކުރިން ވެސް ޖާބިރު ގެންދެވީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަމުން ހިންގަވަމުންނެވެ.
އެއާއެކު މަޖިލިސް ރައީސް މުޙައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާ ފެށުމާއެކު ޖާބިރު އަޑުގަދަކޮށް ހަޅޭއްލަވަމުން ގެންދެވިއެވެ. އަދި މިނިސްޓަރު ސައީދު ހުންނެވި މޭޒުކޮޅު ކައިރިއަށް ގޮސް އެ ތަނުގައި އަޑުގަދަކޮށް ހަޑިހުތުރު ބަހުން ގެންދެވީ މުއާމަލާތް ކުރައްވަމުންނެވެ.
އޭނާ ނުރުހުން ފާޅުކުރެއްވީ ކަމަކަށްވީ އޭނާގެ ޕާސްޕޯޓު ކުރީ ސަރުކާރުގައި ހިފެހެއްޓުމާއި، އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައެވެ.
"އަޅުގަނޑު ހަނދާނަށް އަންނަނީ އަޅިގަނޑުގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ. މީނާ އިކޮނޮމިކް މިނިސްޓަރުކަމުގައި އެމްއެމްޕީއާރްސީން ކުރި ވައްކަން ކޮބައިތޯ،" ނިޒާމީ ނުކުތާއެއް ނަންގަވައި ޖާބިރު ވިދާޅުވިއެެވެ.
އެއާއެކު ވެސް އެކި މެމްބަރުންގެ ފުރުސަތުތަކުގެ ތެރެއިން ޖާބިރު ގެންދެވީ އަޑުގަަދަ ކުރައްވަމުންނެވެ. ތަކުރާރުކޮށް ނަން އިއްވައި ތަޅުމުން ނިކުންނަށް ނަން އިއްވުމުން ވެސް ޖާބިރު ހުންނެވީއެވެ. އަދި ރިޔާސަތު ކުރިމަތީ ބިންތީގައި އިށީނދެ އިންނެވީއެވެ.
"ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވުމުން ވެސް އިއްޒަތްތެރި މެމްބަރު މަޖިލީހުގެ ތަޅުން ދޫކުރައްވައި ބޭރަށް ވަޑައިނުގަތުމުން މަޖިލީހުގެ ގަވައިދުގެ 65ވަނަ މާއްދާގެ (ކ)ގައި ބަޔާންކުރާ ގޮތުގެ މަތިން އެ އިއްޒަތްތެރި މެމްބަރު މަޖިލީހުގައި ނެތްކަމަށް ބަލައި އަޅުގަނޑު ޖަލްސާ ކުރިއަށްގެންދާނަން،" ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މަޖިލިސް ފްލޯގައި އަޑުގަދަކުރުމަކީ ޖާބިރުގެ ފަރާތުން ފެންނަ ވަރަށް އާންމު މަންޒަަރެކެވެ. އަޚްލާގީ މިންގަނޑަށް ނުފެތޭ ބަހުރުވައިން ވާހަކަދެއްކުމާއި، އެއްވެސް ހަމައެއް ނެތި އަމަލުތައް ގެންގުޅޭ މަންޒަރު އޭނާގެ ކިބައިން ފެނެއެވެ.