12 Dec 2023, 14:18
ޗައިނާއިން އެތެރެކުރާ ލޮނެމެދަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އެ ޤައުމުގެ އިދިކޮޅު ޕާޓީގެ މެމްބަރަކު ތުޙުމަތުކޮށްފިއެވެ.
ޗައިނާއިން އެތެރެކުރާ ލޮނެމެދަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ތުޙުމަތު ކުރީ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ރިކް ސްކޮޓެވެ. އެ ބޭފުޅާ ކޮމާސް ސެކްރެޓަރީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޗައިނާއިން އެތެރެކުރާ ލޮނުމެދުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން އެ ޤައުމުން އެތެރެކުރާ ލޮނުމެދު ވަރަށް ނުތާހިރު ކަމަށާއި ލޮނުމެދު ހައްދަން އިންސާނުންގެ ނަޖިސް ވެސް ބޭނުންކުރާ ކަމަށް ތުޙުމަތުކޮށްފައިވެއެވެ.
ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ތާޒާ އަދި ފިނިކޮށްފައިވާ ލޮނުމެދު އެކްސްޕޯޓްކުރާ ޤައުމެވެ. އެމެރިކާއަކީ އެންމެ ގިނައިން ލޮނުމެދު ބޭނުންކުރާ ގައުމެވެ.
ޗައިނާއިން އަންނަނީ އެމެރިކާގެ ބާޒާރަށް ނުއަގުގައި ލޮނުމެދު އެތެރެކުރަމުން ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެކަން ޙައްލު ކުރުމަށް 1990 ގެ އަހަރުތަކުގައި އެމެރިކާއިން ވަނީ ޗައިނާއިން އެ ޤައުމަށް އެތެރެކުރާ ލޮނުމެދުން ނަގާ ޓެކްސް ބޮޑުކޮށްފައެވެ.
ސްކޮޓް ވިދާޅުވި ގޮތުގައި ޗައިނާއިން އެތެރެކުރާ ލޮނުމެދުގެ ކޮލިޓީއާމެދު ސުވާލު އުފެދެއެވެ. އެކަމުގެ ސަބަބުން އާންމު ސިއްޙައްތަށް ނުރައްކާވެދާނެ ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ޤައުމީ ސަލާމަތާ ގުޅުން އޮތް ކަމެއް ކަމަށް ސްކޮޓް ވިދާޅުވިއެވެ.
ޗައިނާގެ ލޮނުމެދު ރައްކާތެރި ނޫން ކަމަށް ސެނެޓް މެންބަރު ސްކޮޓް ވިދާޅުވި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން އެކަން ދޮގުކުރެއެވެ. ކެނެޑާގެ ކިއުބެކްގެ މެކްގިލް ޔުނިވާސިޓީގެ ސައިންސާއި ސޮސައިޓީއާ ބެހޭ އޮފީހުން ބުނީ ޗައިނާގައި ލޮނުމެދު އުފެއްދުމުގައި އިންސާނުންގެ ނަޖިސް ނުވަތަ ނަރުދަމާގެ ފެން ބޭނުންކުރާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށެވެ.