12 Dec 2023, 07:03
މި މަހުގެ ހަތްވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ދަ އާޗީޒް"އަށް ފާޑުކިޔުމަށް ފަހު ބަޔަކު މީހުން ސޯޝަލް މީޑިއާގައި އާއްމުކުރި ލިޔުމަކަށް ބަތަލާ ރަވީނާއަށް އޮޅިގެން ލައިކް ކުރެވިއްޖެއެވެ. މި ކަމާ ގުޅިގެން ރަވީނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވުމާ އެކު ބަތަލާ ވަނީ "ދަ އާޗީޒް"ގެ ކްރޫ އަދި ކާސްޓުންގެ ކިބައިން މަޢާފަށް އެދިފައެވެ.
ރަވީނާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔަކު މީހުން ކުރި ފާޑުކިޔުންތައް ހިމެނޭ ޕޯސްޓަށް ލައިކް ކުރެވުނީ އޮޅުމަކުން ކަމަށެވެ. ރަވީނާއަށް ވެސް ނޭނގި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ސްކްރޯލް ކުރަމުން ދިޔަ ދަނޑިވަޅުގައި އަތުން އެ ހެދުނީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި 49 އަހަރުގެ ބަތަލާ ވަނީ ސިފަކޮށްފައެވެ.
މަޢާފަށް އެދުނު ޕޯސްޓަށް ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވުމުން ބަތަލާ ވަނީ އެ ސްޓޭޓްމަންޓް ހިމެނޭ ޕޯސްޓު ވެސް ފަހުން ފުހެލައިފައެވެ. ރަވީނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ބުނެފައި ވަނީ ރަވީނާ ހެޔޮ ނިޔަތެއްގައި މަޢާފަށް އެދުނު ސްޓޭޓްމަންޓް ފޮހެލާފައިވަނީ އިންޓަނެޓުގައި އާއްމުން ޓްރޯލް ކުރާ މިންވަރު އިތުރުވުމުން ކަމަށެވެ.

'ދަ އާޗީޒް'ގެ ލީޑް ތަރިންކަމަށްވާ ޚުޝީ ކަޕޫރު، އަގަސްތިޔާ ނަންދާ އަދި ސުހާނާ ޚާން ---
ފިލްމު "ދަ އާޗީޒް"އަކީ ކާމިޔާބު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ އުފެއްދުމެކެވެ. އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން، ކުރީގެ ބަތަލާ ސްރީ ދޭވީ އަދި ޕްރޮޑިއުސަރު ކަޕޫރު ބޮނީ ކަޕޫރުގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު މި ފިލްމުން ބޮލީވުޑަށް ތަޢާރަފުވެފައިވާއިރު ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ވެސް ވަނީ މި ފިލްމުން ބޮލީވުޑަށް ނުކުމެފައެވެ.
މި ހުރިހާ ޒުވާނުންނަކީ ވެސް ރަވީނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފިލްމީ އާއިލާތަކަށް ނިސްބަތްވާ ޒުވާނުންތަކެކެވެ. އެހެންކަމުން ރަވީނާ މި ޒުވާން ތަރިންނާ ދެކޮޅަށް ވާހަކަ ދައްކަފާނެ ކަމަށް އެއްވެސް ބަޔަކު ޤަބޫލެއް ނުކުރެއެވެ.