11 Dec 2023, 23:01
ފަލަސްތީނުގެ މައްސަލައާމެދު ގޮތެއް ނިންމުމުގައި އދ.ގެ ސަލާމަތީ މަޖިލީހުން ނުކުޅެދިފައިވާ ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު އޮންނާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ފަލަސްތީނަށް ދެއްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ސްވިޒަލޭންޑުގެ ޖެނީވާގައި މިއަދު ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދް އަލް މާލްކީ ނައިބު ރައީސާ ބައްދަލުކުރެއްވި ކަމަށެވެ.
އދ.އަށް އިޝާރަތް ކުރައްވައި ނައިބު ރައީސް ވާހަކަދެއްކެވީ، އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް މިދިޔަ ހުކުރު ދުވަހު ވޯޓަށް އެހުމުން، އެ ގަރާރު ފާސްކުރެވިފައި ނުވާތީއެވެ.
ނައިބު ރައީސާއި ފަލަސްތީނުގެ ފޮރިން މިނިސްޓަރުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގައިމުކޮށް، އެ ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ދެގޮތެއްނުވެ މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެރުވި،" ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސް ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ އޭޕްރިލް ހަތަރެއް، 1982ގައެވެ. އަދި ފަލަސްތީނުގެ މުސްތަގިއްލު މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރެއެވެ.
އިސްރާއީލުގެ ލަޝްކަރުތަކުން ޣައްޒާއަށް ދެމުންދާ ހުރިހާ ބާވަތެއްގެ ހަމަލާތަކެއް ވަގުތުން ހުއްޓާލުމަށް ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރުމަށް އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 ގައުމަކުން ތާއީދުކުރިއެވެ. ނަމަވެސް ވީޓޯ ބާރު އޮންނަ އެމެރިކާއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުދީ، ގަރާރު ބޭރުކޮށްލާފައެވެ.