11 Dec 2023, 17:58
ރާއްޖެއަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އާ މަޝްވަރާކޮށްފިއެވެ.
ސްވިޒަލެންޑްގެ ޖެނީވާގައި އެ މަޝްވަރާ ކުރެއްވީ، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފާއި ޑަބްލިއުޓީއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. އުންގޯޒީ އޮކޮންޖޯ އިވެއެލާގެ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ޑަބްލިއުޓީއޯއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި، ރާއްޖެއިން އޮތީ އިތުރަށް އެ ގުޅުން ބަދަހިކުރުމަށާއި ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި، ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޑަބްލިއުޓީއޯގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިމަގުގައި ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.
ނައިބު ރައީސް ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޑަބްލިއުޓީއޯގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނީ މެއި 31، 1995ގައެވެ.