ވީބީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ޕީޕީއެމަށް ސޮއިކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަތޯއާއެކު އިތުރު ތިން މީހަކުވެސް އެ ޕާޓީއަށް ސޮއިކުރި އެވެ.

ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ސަތޯ ބުނީ އެނާ ޕީޕީއެމާ ގުޅުނީ ޕީޕީއެމަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި ކުރިއަށްއޮތް ތަނުގައި ޕީޕީއެމްގެ އެކި ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގެ އިތުރުން ޕާޓީއަށް ޒުވާނުން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"މިޕާޓީ އާއި މިގުޅުނީ ވަރަށް މުހިންމު މަގުސަދެއްގައި. އަޅުގަނޑުގެ ވަރަށް ބޮޑު ޓާގެޓް ތަކެއް އެބަހުރި މިޕާޓީއާ ގުޅުމުގައި. އަޅުގަނޑު ބޭނުންވަނީ މި ޕާޓިއަށް ގިނަ އަދަދެއްގެ ޒުވާނުން ވެއްދުން،" ސަތޯ ބުންޏެވެ.


އޭނާ ބުނީ ކުރިން ޑީއާރްޕީގައި މަސައްކަތް ކުރުމަށް ފަހު ހިޔާލު ތަފާތުވެ ގައުމީ ޕާޓީއާއެކު މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފަހުން ސީޔާސީ ކަންކަމާ ދުރުގައި ހުރުމަށްފަހު އަލުން ސިޔާސީ ކަންކަކަމުގައި ހަރަކާތްތެރިވުމަށް ނިންމީ ޕީޕީއެމާއެކު ކަމަށެވެ.

މިއަދު ޕީޕީއެމަށް ސޮއިކުރި މީހުންގެ ތެރޭގައި ކުރީގެ ވިކްޓްރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބުރާހިމް ފައުޒީ އާއި އަހުމަދު މުހައްމަދު ސައީދުގެ އިތުރުން މޫސާ އިބުރާހިމް ހިމެނެ އެވެ.