ޣައްޒާ (11 ޑިސެންބަރު 2023): އިސްރާއީލުން ޣައްޒާގެ އާންމުންނަށް ދޭ ހަމަލާތައް ވަރުގަދަކޮށް ގަތުލުއާންމުތައް އިތުރު ކުރިނަމަވެސް ހަމާސްގެ އަތްދަށުގައިވާ ޔަހޫދީ އެއްވެސް އަސީރަކު، އިސްރާއީލަށް މިނިވަން ނުކުރެވޭނެ ކަމަށް ހަމާސްއިން ބުނެފިއެވެ.

އަލްޖަޒީރާއަށް ފޮނުވި ހަމާސްގެ ތަރުޖަމާނު އަބޫއުބައިދާގެ ބަޔާނެއްގައި އޭނާ ވިދާޅުވީ ހަމާސްއާއި ފަލަސްތީނު މުޖާހިދުންގެ އެހެން ގްރޫޕްތަކުން އިސްރާއީލާ ދެކޮޅަށްކުރަނީ މިނިވަންކަމުގެ ހަނގުރާމައެއް ކަމަށާއި މިހަނގުރާމައިގައި އިސްރާއީލު ބަލިވާނެ ކަމަށެވެ. އަދި ބަލިގަބޫލުކުރަންވެސް އެންމެފަހުން އިސްރާއީލަށް މަޖުބޫރުވާނެކަމަށް އެ ބަޔާނުގައިވެއެވެ.

ފަލަސްތީނުގެ ކުރިމަތީގައި އޮތީ މިނިވަންކަން ހޯދުން ނޫނީ ޝަހީދުވުންކަން ހާމަކުރައްވަމުން އަބޫއުބައިދާ ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ޔަހޫދީ އެންމެ އަސީރަކުވެސް ހަމާސްގެ އަތްދަށުން އިސްރާއީލަށް މިނިވަން ނުކުރެވޭނެކަމުގައެވެ. އަދި ކިތަންމެ ދިގުމުއްދަތަކަށްވެސް އިސްރާއީލާ ދެކޮޅަށް ޖިހާދުކުރަން ހަމާސްގެ މުޖާހިދުން ތިބީ ތައްޔާރަށްކަން އޭނާ ކަށަވަރުކޮށް ދެއްވިއެވެ.

އަބޫއުބައިދާ ވިދާޅުވިގޮތުގައި ހަމާސްގެ އަތްދަށުގައިވާ ޔަހޫދީ އަސީރުން (އިސްރާއީލުގެ ސިފައިން) މިނިވަން ކުރެވޭނީ އިސްރާއީލުން ހިފައި އެގަމުގެ ޖަލުތަކުގައި ހައްޔަރުކޮށްގެން އުޅޭ ފަލަސްތީނު ރައްޔިތުން މިނިވަންކުރާގޮތަށް އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެނޫންގޮތަކަށް އިސްރާއީލުގެ އެންމެ އަސީރަކުވެސް ދިރިހުއްޓައި މިނިވަން ނުކުރެވޭނެކަމަށް އަބޫއުބައިދާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ ކުށެއްނެތް އާންމުންނަށް ދޭ ހަމަލާތައް ވަރުގަދަކޮށް ގަތުލުއާންމުތައް އިތުރުކުރިނަމަވެސް އަދި ޣައްޒާ ރައްޔިތުންގެ ނަސްލު ނައްތާލުމަށްޓަކައި ހަނގުރާމައިގެ ޖަރީމާތައް ކިތަންމެ ވަރަކަށް ހިންގިނަމަވެސް އިސްރާއީލުގެ އެންމެ އަސީރަކުވެސް ދިރިހުއްޓައި މިނިވަން ނުކުރެވޭނެކަމަށް އަބޫއުބައިދާ ވިދާޅުވިއެވެ.

ހަމާސްގެ އަތްދަށުގައި އިސްރާއީލުގެ 200 ވަރަކަށް އަސީރުން ތިބިއިރު އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ މުޖާހިދުންނާއި އާންމުންގެ ނުވަ ހާހަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައި އެބަތިއްބެވެ.

އިސްރާއީލުންވަނީ ބާރުގެ ބޭނުންކޮށްގެން ހަމާސްގެ އަތްދަށުން އަސީރުން މިނިވަންކުރާނެކަމަށް ބުނެ ގަދަކަން ދައްކައި ދޮޅު މަހެއްހާ ދުވަސްވަންދެން ޣައްޒާއަށް ބޮންއަޅައި އާންމުން މަރާފައެވެ. ނަމަވެސް ހަމާސްގެ އަތްދަށުން އެންމެ އަސީރަކުވެސް މިނިވަން ނުކުރެވުނެވެ.

މިނާކާމިޔާބީއާއެކު އެންމެފަހުން އިސްރާއީލަށް ޖެހުނީ ގަތަރާއި އދ.ގެ ބައެއް ފަރާތްތައް މެދުވެރިއަކަށް ވެގެން ހަމާސްއާއެކު އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް ދާށެވެ. އަދި މިއެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި ހަފުތާއަކަށް ހަމަލާތައްވެސް ވަގުތީގޮތުން ހުއްޓާލާށެވެ.

މި އެއްބަސްވުމުގެ ދަށުން ހަމާސްއިން އިސްރާއީލުގެ 67 އަސީރުން މިނިވަންކުރިއިރު އިސްރާއީލުން ފަލަސްތީނުގެ ގާތްގަނޑަކަށް 180 އަސީރުން މިނިވަންކުރިއެވެ. ނަމަވެސް އަނެއްކާވެސް އިސްރާއީލުވަނީ ބާރުގެ ބޭނުންކޮށްގެން އަސީރުން މިނިވަންކުރެވޭނެ ކަމަށް ބުނެ މީގެ ދޮޅު ހަފުތާކުރިން ޣައްޒާގެ އާންމުންނާ ދެކޮޅަށާއި ހަމާސްގެ މުޖާހިދުންނާ ދެކޮޅަށް އަލުން ހަމަލާތައް ފަށާފައެވެ.

ހަމަލާތައް އަލުން ފެށިފަހުންވެސް އިސްރާއީލުން ކުރާކަމަކީ ޣައްޒާގެ އާންމުންނަށް ހަމަލާދީ އާންމުން މެރުމެވެ. ހަމާސްއާ ކުރިމަތިލައިގެން އިސްރާއީލަށް ލިބެނީ މުޅިންވެސް ނާކާމިޔާބެވެ. މިގޮތުން ހަމާސްގެ ރައްދު ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ އެތައްބަޔަކު މަރުވެ އަނެއްބަޔަކުވަނީ ޒަޚަމްވެފައެވެ.

މިއާއެކުވެސް ގޮތްދޫނުކޮށް އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުން މަރައި އަދި ހަމާސްގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވާން ދޫކޮށްލުމުގެ ހަރުކަށި ސިޔާސަތެއް ތަންފީޒު ކުރަމުންނެވެ.

މިމައްސަލާގައި އިސްރާއީލުގެ އެތެރޭގައިވެސްވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެއީ ޣައްޒާގެ އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ކާމިޔާބު ހޯދިނަމަވެސް އެކަމުގެ ސަބަބުން އިސްރާއީލާ އިދިކޮޅު ރޫޙު، ޚުދު އިސްރާއީލަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުގައިވެސް އިތުރުވަމުންދާތީއެވެ. އަދި ދުނިޔޭގައި އިސްރާއީލުގެ އަގު ވެއްޓި މުޖްރިމު އަދި ޓެރަރިސްޓް ގައުމެއްގެ ގޮތުގައި ސިފަކުރެވޭތީއެވެ.

އަނެއްކޮޅުން ހަމާސްގެ އަތްދަށުން އިސްރާއީލު ސިފައިންގެ އެތައް ބަޔަކު ކޮންމެ ދުވަހަކު މަރުވެ އަދި އެތައް ބަޔަކު ޒަޚަމްވަމުން ދެއެވެ. ހަމާސްގެ އަތްދަށުން މަރުވި އިސްރާއީލު ސިފައިންގެ އަދަދު މިހާރުވަނީ 432 އަށް އަރާފައެވެ. އަދި ޒަޚަމްވި ސިފައިންގެ އަދަދުވަނީ ގާތްގަނޑަކަށް އަށް ހާހަށް އަރާފައެވެ. އިއްޔެވެސް ހަމާސްއިންވަނީ އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރާލާފައެވެ. މިއަދުވެސް އިސްރާއީލުގެ ހަތަރު މީހަކު ވަނީ މާރާފައެވެ.

މިއީ އިސްރާއީލަށް ބަލާއިރު ވަރަށް ބޮޑު އަދަދެއްކަމާއި މިހާލަތުގައި ދިގުމުއްދަތަކަށް އިސްރާއީލަށް ކެތްނުކުރެވޭނެކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިސްރާއީލުން ޙަމާސް އާއެކު އަސީރުން މިނިވަންކުރުމުގެ އެއްބަސްވުމަކަށް ދާން ބޭނުން ނުވަނީ އެއީ ހަމާސްގެ އަތްދަށުން އިސްރާއީލު ބަލިވުންކަމަށް ބެލެވޭތީއެވެ. ނަމަވެސް ހަމާސްގެ މައްޗަށް އިސްރާއީލަށް އަސްކަރީ ގޮތުން ކާމިޔާބު ނުހޯދޭނެކަމާއި އިސްރާއީލުދަނީ ހަމާސްގެ އަތްދަށުން ސްޓްރެޓީޖިކް ބައްޔަކުން ބަލިވުމާ ދިމާއަށްކަމަށް ޣައްޒާގެ މަސްރަހު ދިރާސާކުރާ މުސްތަގިއްލު ހުރިހާ ތަޖުރިބާކާރުންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.