ލ. ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުލް ހަސީބު އިބްރާހިމް ވީތަނެއް ނޭނގިގެން އެ ރަށު ކައުންސިލްގެ އިދާރާއިން ހޯދަން އިއުލާންކޮށްފި އެވެ.

ފޮނަދޫ ކައުންސިލް މީޑިޔާ އޮފިޝަލު އަބްދުﷲ ޝަރީފު ވިދާޅުވީ ހަސީބު ވީތަނެއް ނޭނގި ގެއްލިފައިވާތީ އެކަން ލޯކަލް ގަވަމަންޓް އޮތީރިޓީ (އެލްޖީއޭ) އަށާއި ލ. އަތޮޅު ކައުންސިލްގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. މިއަދު ފުލުހުންނަށް އެކަން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަސީބު އެންމެ ފަހުން ވަޑައިގެންނެވީ ލ. މާބައިދޫއަށް ކަމަށާއި އެ ރަށަށް ވަޑައިގެން މިދިޔަ އާދީއްތަ ދުވަހު ކައުންސިލް އިދާރާއަށް ގުޅުއްވާ އޮފީހަށް ސަލާމް ވިދާޅުވި ފަހުން ފަހުން ހަބަރުވެފައި ނުވާއިރު ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއިލާއަށް ވެސް ހަސީބު ވަޑައިގެންނެވި ތަނެއް ނޭނގޭ ކަމަށާއި އާއިލާގެ މެންބަރުން ތަކުރާރުކޮށް ހަސީބުގެ ފޯނަށް ގުޅުމުން ވެސް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ. ހަސީބުގެ ހަބަރެއް ނުވުމުން އާއިލާ މެންބަރުން ވެސް ކަންބޮޑުވެ ހާސްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ ހޮނިހިރު ދުވަހު މައިބައިދޫއަށް ހަސީބު ވަޑައިގެންނެވި. އާދީއްތަ ދުވަހު އޮފީހަށް ސަލާމް ވެސް ވިދާޅުވި. ނަމަވެސް ފަހުން ހަބަރެއް ނުވޭ. ވޭތުވެދި ދެ ދުވަހު އެއްވެސް ގޮތަކަށް ނުގުޅޭ. އާއިލާއިން ވެސް ބުނަނީ ހަމަ އެހެން. އެމީހުން ވެސް ތިބީ ކަންބޮޑުވެފައި،" ޝަރީފު ވިދާޅުވި އެވެ.

ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފަހުން ޖަވާބެއް ދެއްވާނެ ކަމަށެވެ. ކައުންސިލް މެންބަރު އަބްދުލް ސަމަދު ވިދާޅުވީ ހަސީބުގެގެ ހަބަރެއް ނުވެގެން ނައިބު ރައީސް "އެކިކޮޅުކޮޅަށް ވަޑައިގެން" އެކިފަރާތްތަކަށް މެސެޖު ކުރައްވައި އަވަދިނެތި އުޅުއްވާ ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ފޮނަދޫ ކައުންސިލްގެ ރައީސް ގެއްލުނު ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގައިގެން އުޅޭތޯ ފުލުހުން އަންނަ ކަމަށެވެ.