23 May 2012, 15:23
ބޯޑާ ކޮންޓްރޯލްގެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ މައުލޫމާތުތަކެއް ހުރިކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު މެންދުރު ފަހު ކުއްލި ގޮތަކަށް އިމިގްރޭޝަން ޑިޕާޓްމަންޓަށް ވަނުމާއެކު އެތާނގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފި އެވެ.
މިއަދު 2:30 އެހާކަން ހާއިރު އޭސީސީގެ އޮފިޝަލުން އިމިގްރޭޝަން ޑިޕާޓްމަންޓަށް ވަނީ ނެގްޒް ބިޒް އިން އެ ޑިޕާޓް މަންޓަށް ލެޕްޓޮޕްތަކެއްދިން ކަމަށް ބުނެ މީޑިއާގައި އަޑުފެތުރުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ސަން އޮންލައިން އިން އިމިގުރޭޝަން ޑިޕާޓްމަންޓަށް ގުޅުމުން އެ ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަ ދެއްކެވި ޗީފް އިމިގްރޭޝަން އޮފިސާ އަހުމަދު ވަހީދު ވިދާޅުވީ އޭސީސީގެ މުވައްޒަފުން މިއަދު މެންދުރު 2:30 އެހާކަން ހާއިރު އިމިގްރޭޝަންގެ ޑިޕާޓްމަންޓަށް ވަނީ ބަލައި ފާސްކުރަން ކަމަށާއި ތިން ޑިޕާޓްމަންޓެއް އެއްކޮށް ބަލައި ފާސްކުރަން ފެށުމުން ޕާސްޕޯޓާއި ވިސާ ދޫކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އެއާޕޯޓްސް އާއި ވޯކް ވިސާ އަދި ހެޑް އޮފީހަށް އެބޭފުޅުން ވަނީ، އެއާ އެކު އަޅުގަނޑުމެން ޖެހުނީ މަސައްކަތް ވެސް ހުއްޓާލަން، އަދި މުވައްޒަފުންނަށް ވެސް ލިބިގެން ދިޔައީ ޝޮކެއް، އަނެއްކާ އެބޭފުޅުން ވަކި ކަމެއްވެސް ވިދާޅެއްނުވޭ،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމާ އެކު މުވައްޒަފުންގެ ހިތްހަމަ ނުޖެހުން ވަރަށް ބޮޑު ކަމަށާއި މުވައްޒަފުންގެ މަސައްކަތުގެ ރޫހު ގެއްލިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނެކްސްބިޒް އިން ދިން ކަމަށް ބުނެ އަޑުފަތުރާފައިވާ ލެޕްޓޮޕްތަކަކީ ހައިކޯޓުން އެ މަސައްކަތް ހުއްޓާލަން އަމުރު ނެރުމުގެ ކުރިން ނެކްސް ބިޒްގެ ޓްރެއިނިންއަކަށް ގެނެސްފައިވާ ތަކެތި ކަމަށާއި އެއީ ދީފައި ހުރި އެއްޗެއް ނޫން ކަމަށެވެ.
"އޭސީސީގެ އޮފިޝަލުން ވަޑައިގެންފައި ވިދާޅެއް ނުވޭ ކޮން މައްސަލައެއް ކަމެއްވެސް، ވިދާޅުވީ ބަލައި ފާސްކުރާށޭ އައީ، އަދި ވެރިއަކުވެސް ނެތިސް އެ ބޭފުޅުން ވަދެ ފާސްކުރައްވަން ފެއްޓެވީ، މީގެ ކުރިން ވެސް އެބޭފުޅުން ވަޑައިގެން އެބަހުރި މިކަހަލަ ކަންކަން ކޮށްފައި،" ވަހީދު ވިދާޅުވި އެވެ.
އެ މައްސަލައިގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އޭސީސީން އެތަނަށް ވަނުމުގެ ސަބަބުން މަސައްކަތް ހުއްޓެން ޖެހޭނަކަމށް ގަބޫލު ނުކުރައްވާ ކަމަށާއި އެތަނުގެ މަސައްކަތައް ހުރަސް އެޅޭ ގޮތަކަށް އޭސީސީގެ އޮފިޝަލުން އަމަލުކުރެއްވިކަން އެގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބެނީ އެބޭފުޅުން އެއްބާރުލުމެއް ނުދެއްވިޔޭ، ދެން އެބޭފުޅުންގެ ވާހަކަ ދައްކަވާނެ، އެކަމަކު އަޅުގަނޑުމެން އެތަނަށް ދިޔައީ މަސައްކަތް ހުއްޓުވާކަށް ނޫން ފާސްކުރަން، އެހެންވީމައި މަސައްކަތައް ހުރަސް އެޅިގެން ނުވާނެ،" ލުތުފީ ވިދާޅުވި އެވެ.
ތިރީސް ނުވަ މިލިއަން ޑޮލަރުގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލީ އެ ޕްރޮޖެކްޓް ބިޑް ކުރިއިރު ހިމަނަންޖެހޭނެ ކަމަށް ބުނެފައިވާ ބައެއް ބައިބައި އެ ޕްރޮޖެކްޓްގައި ނެގްޒްބިޒްއަށް އެވޯޑް ކުރުމުގައި ހިމެނިފައި ނެތް ކަމަށް ބުނެ އޭސީސީން އެ މައްސަލައިގައި ކޯޓަށް ދިޔުމުންނެވެ. އެ މައްސަލަ ހުއްޓާލުމަށް ހައިކޯޓުގައި ވަގުތީ އަމުރެއް ކުރީއިރު ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ ނިމިފަ އެވެ.