ފަލަސްތީނުގެ ބޯޑަރު ހުރަސްކޮށް ގިނަ އަދަދެއްގެ ޣައްޒާ ރައްޔިތުން މިޞްރަށް ފޮނުވައިލުމަށް އިސްރާއީލުން އުޅޭކަމަށް އދ.ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (ޔޫއާރްޑަބްލިޔު)ގެ ވެރިޔާ ފިލިޕް ލަޒާރިނީ ތުހުމަތުކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ލޮސް އެންޖެލިސް ޓައިމްސްގައި ޝާއިއުކުރި ލިޔުމެއްގައި ފިލިޕް ވިދާޅުވީ ޣައްޒާގައި އިންސާނީ ދަތިކަމުގެ ޙާލަތު ގޯސްވެފައިވާއިރު، ހަނގުރާމައިން ފިލައިގެންދާ އާންމުންގެ ބޯޑަރު ކައިރީގައި އިތުރުވަމުންދާ ކަމަށެވެ.

"އދ. އާއި އެމެރިކާ ހިމެނޭ ގޮތަށް ބައެއް މެމްބަރު ގައުމުތަކުން ވަނީ ޣައްޒާގެ ރައްޔިތުން ގަދަކަމުން ޣައްޒާއިން ނެރުމާ ވަރުގަދައަށް ދެކޮޅު ހަދައިފައި،" ލައްޒާރީނީ ވިދާޅުވިއެވެ.

ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު، ފަލަސްތީނު މީހުން މިސްރަށް ނުވަތަ އެހެން ތަންތަނަށް ބަދަލުކުރަން މަސައްކަތްކުރާތަން ފެންނަ ކަމަށް ފިލިޕް ވިދާޅުވިއެވެ.

ފަލަސްތީނު ސަރަޙައްދުގެ އުތުރަށް ޔަހޫދީން ދީފައިވާ ގެއްލުމުގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ގެދޮރު ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަކީ އޭގެ ފުރަތަމަ މަރުޙަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު މިހާރު ދެކުނުން ބޯޑަރު ކައިރީގައި އޮންނަ ޚާން ޔޫނިސްއަށް ދޭ ޙަމަލާތަކަކީ އޭގެ ދެވަނަ މަރުހާލާކަމަށް ވެސް ފިލިޕް ވިދާޅުވިއެވެ.

"މި މަގު ކުރިއަށްދާނަމަ، ގިނަ ބަޔަކު މިހާރު ވެސް ކިޔަމުންދާ ދެވަނަ ނަކްބާއަށް ވާސިލްވެއްޖެނަމަ، ޣައްޒާއަކީ ފަލަސްތީނުގެ ބިމަކަށް ދެން ނުވާނެ،" 1948 ވަނަ އަހަރު ފަލަސްތީނުގެ 760،000 މީހުންނަށް ގެދޮރު ދޫކޮށްލަން މަޖުބޫރު ކުރިވި ހާދިސާ، ނަކްބާ އަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ 85 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ގެދޮރު ގެއްލުނު ނަމަވެސް އެ މީހުން ވަންނާނެ އިތުރު ތަނެއް ވެސް އަދި ރައްކާތެރި އެއްވެސް ތަނެއް ވެސް ޣައްޒާގެ ތެރޭގައި ނެތް ކަމަށް އދ. އިން ބުންޏެވެ.

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ޢިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 17،700 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާ އަންހެނުންނެވެ.