އަންނަ މަހުގެ ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 11 ވަނަ އިންޓަ ސުކޫލް ބެޑްމިންޓަން މުބާރާތުގައި 21 ސުކޫލަކުން 367 ކުޅުންތެރިން ބައިވެރިވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި، މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ، މ. އަތޮޅު ތައުލީމީ މަރުކަޒާއި ނ. ހޮޅުދޫ މޭނާ ސްކޫލާއި ބ. އަތޮޅު ތައުލީމީ މަރުކަޒާއި އިމާދުއްދީން ސްކޫލާއި ގިޔާސުއްދީން ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ކަލާފާން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ހިރިޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ގަލޮޅު މަދަރުސާ އާއި މުހުޔުއްދީން ސުކޫލާއި ސީއެޗްއެސްއީ އާއި ވިލާ އިންޓަނޭޝަނަލް ސްކޫލާއި މަދަރުސަތުލް އަހުމަދިއްޔާ އަދި މެޕްސް ހައި އިންޓަނޭޝަނަލް ސްކޫލެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައު ބުނެފައި ވަނީ، އޯޕަންސް އަދި ޓީމް އިވެންޓް ކުޅެވޭ މިމުބާރާތުގެ އޯޕަންސް ބައިގައި ފަސް އުމުރުފުރައަކަށް ބަހާލައިފައިވާ ކަމަށެވެ. އެގޮތުން އެއުމުރުފުރާތަކަކީ ނުވަ އަހަރުން ދަށާއި 12 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. އަދި ޓީމް އިވެންޓު ތިން އުމުރުފުރައަކަށް ބަލާލާފައިވާ އިރު، މިބައިގައި 18 ފިރިހެން ޓީމާއި 10 އަންހެން ޓީމް ހިމެނެ އެވެ. އަދި ޓީމް އިވެޓުގައި ވާދަކުރާ އުމުރުފުރާތަކަކީ 14 އަހަރުން ދަށާއި 16 އަހުރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރަ އެވެ.

މުބާރާތުގައި ޖުމްލަ 700 މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، އޯޕަންއިވެންޓުގައި ކުޅުމަށް ހަމަޖެހިފައި ވަނީ 465 މެޗެވެ. އަދި ޓީމް އިވެންޓުގައި ކުޅުމަށް ހަމަޖެހިފައި ވަނީ 235 މެޗެވެ.